ޕީއެސްއައިޕީގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކައުންސިލްތައް އިމާރާތްކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކުރިއަށްގެންދިޔުމަށް ނިންމަފިއެވެ.
މިގޮތަށް ނިންމާފައިވަނީ ކައުންސިލްތައް އިމާރާތް ކުރުމަށް އެކަށީގެންވާ ވަރަށް ޕީއެސްއައިޕީގެ ބަޖެޓްގައި ފައިސާ ހިމަނާފައިނުވާތީ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތައް އިމާރާތް ކުރުމަށް ޕީއެސްއައިޕީ ބަޖެޓްގައި 55 ކައުންސިލް އޮތްނަމަވެސް އެ ކައުންސިލްތައް އިމާރާތްކުރުމަށް އެކަށީގެންވާ ބަޖެޓެއް ކަނޑައަޅާފައި ނެތްކަމަށެވެ. އޭގެ ސަބަބުން އެ މަޝްރޫޢުތައް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ނުގެންދެވޭނެތީ އެމަޝްރޫޢުތައް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކުރިއަށް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ އެކަން ކުރުމަށް މިހަފްތާ ތެރޭގައި މާލީ ވުޒާރާއާ ބައްދަލުކުރައްވައި ކުރަންޖެހޭ މަސައްކަތްތައް ފަށްޓަވާނެކަމަށެވެ. އަދި މިހާރު ބިންތައް ކަނޑައަޅާފައި ހުރި ރަށްތައް ދެނެގަނެ ކުރެހުންތައް ފައިނަލްކޮށް މިއަހަރުގެ ތެރޭގައި އެކަމުގެ އަމަލީ މަސައްކަތް ފެށުމަކީ އަމާޒެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ޕީއެސްއައިޕީ ބަޖެޓް އެކުލަވާލިއިރު ކައުންސިލް އިމާރާތްތައް އެޅުމަށް ބަޖެޓްގައި ހިމަނާފައިވަނީ 1 ލައްކަ ނުވަތަ 2 ލައްކައެއްހާ ރުފިޔާ. މީގެ ސަބަބުން އެންމެ ފުރިހަމަކޮށް އެކަން ކުރެވޭނެ ގޮތެއް ނެތް. މިހާރު ނިންމާފައިވަނީ ކުރިއަށް އޮތްތަނުގައި އެމަސައްކަތްތައް ކުރުމަށް ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ކައުންސިލްތައް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް. ކައިރި މުސްތަޤުބަލެއްގައި ކައުންސިލްތައް އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ." ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.
ޕީއެސްއައިޕީގެ ބަޖެޓްގައި ހިމެނޭ ކައުންސިލްތަކުގެ އިތުރަށް އެންމެ ދަށް ހާލަތުގައި ހުރި 50 ކައުންސިލް އަލުން އިމާރާތްކުރުމަށްވެސް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. ވަޒީރު ވިދާޅުވީ އެ އިމާރާތްތަކުގެ ކުރެހުންތައް ތައްޔާރުކޮށް ކޮންސްޓްރަކްޝަން މިނިސްޓްރީން ޗައިނާ ސަރުކާރާ ހިއްސާކޮށްފައިވާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި އުންމީދަކީ މިއިމާރާތްތަކުގެ މަސައްކަތްވެސް މިއަހަރު ތެރޭގައި ފެށުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މި އިމާރާތްތަކަކީ ޗައިނާ ސަރުކާރުގެ އެހީގައި ތަރައްޤީކުރާ ޕްރީ-ފެބްރިކޭޓެޑް އިމާރާތްތަކެކެވެ. އަދި މި 50 ރަށުގެ މަސައްކަތް އެކުއެކީގައި ކުރިއަށްދާނެކަމަށް ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިއިމާރާތްތައް ވާނީ ވަރަށް ޖާގަ ތަނަވަސް އަދި ކައުންސިލްތަކުގެ ހިންގުމުގެ މަސައްކަތަށް ބޭނުންވާ ލުއިފަސޭހަތައް ލިބޭގޮތަށް ފަރުމާކުރާ ތަންތަނަށްކަމަށެވެ.
ސަރުކާރުގެ ޢަމާޒަކީ ޙާލަތު ދަށްކޮށް ހުރި 102 ރަށުގެ ކައުންސިލް އިމާރާތް މިދައުރުގެ ތެރޭގައި އިމާރާތްކޮށްދިނުމެވެ.