ޚަބަރު

ލުބްނާނާ ދެކޮޅަށް ދިގުދެމިގެންދާ ހަނގުރާމައެއް ކުރަން ޔަހޫދީން ބޭނުމެއް ނުވޭ


ބަދަލު ހިފުމުގެ ގޮތުން ލުބްނާނަށް ޙަމަލާ ދިން ނަމަވެސް, އެ ޤައުމާ ދެކޮޅަށް ދިގުދެމިގެން ދާނެ ހަނގުރާމައެއް ފަށަން ޔަހޫދީން ބޭނުން ނުވާ ކަން ހާމަވެއްޖެއެވެ. ލުބްނާނަށް ވަރުގަދަ ޙަމަލާތަކެއް ދޭން ޔަހޫދީ ފައުޖުން ތައްޔާރުވަމުން ދަނީ, ޔަހޫދީން ވެރިވެގަނެފައިވާ ސޫރިޔާގެ އަލް-ޖޫލާންގެ އުސްބިންތަކަށް ދިން ރޮކެޓް ޙަމަލާއެއްގައި ޔަހޫދީންގެ 12 މީހުން މަރުވުމުން އެ ޙަމަލާގެ ބަދަލު ހިފުމުގެ ގޮތުންނެވެ. ޔަހޫދީންނާއި އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި, ޖޫލާނަށް ޙަމަލާ ދީފައި ވަނީ ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهންނެވެ.

ނަން ހާމަ ކޮށްފައި ނުވާ ޒަޔަނިސްޓު އިސްރާއީލުގެ ހަތަރު އޮފިޝަލުން ބުނީ, ލުބްނާނާ ދެކޮޅަށް ދިގުދެމިގެންދާނެ ހަނގުރާމައެއް ފަަށަށް ޔަހޫދީ ފައުޖުން ބޭނުން ނުވާ ކަމުގައެވެ. ނަމަވެސް, މިޖްދަލް ޝަމްސްގައި އޮންނަ ދްރޫޒީ އަވަށުގެ ފުޓުބޯޅަ ދަނޑަކަށް ދީފައިވާ ރޮކެޓް ޙަމަލާގެ ބަދަލު ހިފުމުގެ ގޮތުން މަދު ދުވަސް ކޮޅަކަށް ދެމިގެން ދާނެ އަސްކަރީ ކެމްޕޭނެއް ލުބްނާނާ ދެކޮޅަށް ފަށަން ޔަހޫދީ ފައުޖުން ތައްޔާރުވަމުންދާ ކަމުގައެވެ.

މިޖްދަލް ޝަމްސަށް ދިން ރޮކެޓް ޙަމަލާގެ ފަހަތުގައި އޮތީ ޙިޒްބުالله ކަމަށް ޔަހޫދީންނާއި އެމެރިކާއިން ކުރާ ތުހުމަތު އެ ޖަމާޢަތުން ދޮގު ކުރެއެވެ. އަދި, ޔަހޫދީ ފައުޖުން ލުބްނާނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފަށައިފި ނަމަ, އޭގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށް ވިދާޅުވެ އީރާނުގެ އިންތިޚާބީ-ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވަނީ ޔަހޫދީންނަށް އިންޒާރު ދެއްވާފައެވެ.

"[އިސްރާއީލުގެ] އުންމީދަކީ [ލުބްނާނަށް އަމާޒުކޮށް] ބަދަލު ހިފުމުގެ ގޮތުން ދޭ ޙަމަލާތަކާ ގުޅިގެން ދިގުދެމިގެން ދާނެ ބޮޑު ހަނގުރާމައެއް ފެށިގެން ނުދިޔުން. އެއީ, މި ވަގުތު އަޅުގަނޑުމެންގެ މަސްލަހަތަށް އެންމެ ފައިދާ ހުރި ކަމަކަށް ނުވާނެ،" ނަން ހާމަ ކޮށްފައި ނުވާ އިސްރާއީލުގެ ޚާރިޖިއްޔާގެ އޮފިޝަލަކު ބުންޏެވެ.

ނަމަވެސް, ދްރޫޒީ އަވަށަށް ދީފައިވާ ޙަމަލާއާއި, އޭގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން މިހާރު ވެސް ލުބްނާންގެ ރަށްތަކަށް އަމާޒު ކޮށް ދެމުންދާ ޙަމަލާތަކާ ގުޅިގެން ދެ ޤައުމުގެ ދެެމެދުގައި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. ލުބްނާންގެ ދެކުނުގައި އޮތް ރަށްތަކަށް ޔަހޫދީ ފައުޖުން ދީފައިވާ ޑްރޯން ޙަމަލާތަކުގައި ޙިޒްބުالله ޖަމާޢަތުގެ ދެ މުޖާހިދުން ޝަހީދު ކޮށްލިއެވެ. އެ ޙަމަލާތަކުގައި އިތުރު ތިން މީހުން ޒަޚަމު ކޮށްލާފައިވާއިރު, އޭގެ ތެރޭގައި ތުއްތު ކުއްޖަކު ވެސް ހިމެނެއެވެ.

ޙިޒްބުاللهގެ މުޖާހިދުންނާއި ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިންނާ ދެމެދު ބޮޑު ހަނގުރާމައެއް ފެށުމުގެ ކުރިން އެ ކަމަށް ހުރަސް އަޅަން ބައިނަލްއަޤުވާމީ މުޖުތަމަޢުން މިހާރު ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މި ކަމުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ އެއް ބޭފުޅަކީ އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަނެވެ. އޭނާ ވަނީ ޔަހޫދީންގެ ރައީސް އިސްހާގް ހެރްޒޮގަށް ފޯނުން ގުޅުއްވައި, ހަނގުރާމައެއް ފެށުމާ ދެކޮޅަށް ވަކާލަތު ކުރައްވާފައެވެ. އދގެ ސުލްޙަ ބަލަހައްޓާ ފައުޖުން ވެސް ދަނީ ނުތަނަވަސް ކަން ފިނި ކުރަން މަސައްކަތް ކުރަމުންނެވެ.

މިޖްދަލް ޝަމްސަށް ދީފައިވާ ޙަމަލާއަކީ, 2023 އޮކްޓޫބަރު 7ގައި ފަލަސްޠީނުގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފެށި ފަހުން އެ ސަރަޙައްދަށް ދީފައިވާ އެންމެ ނުރައްކާތެރި ޙަމަލާއެވެ. ޔަހޫދީންގެ ރަށްތަކާއި, ޔަހޫދީ ސިފައިންގެ އަމާޒުތަކަށް ޙިޒްބުاللهން ޙަމަލާ ދޭން ފެށުމުގެ ބޭނުމަކީ ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެންނަން ބާރު އެޅުމެވެ. ނަމަވެސް, އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުރީ ޢުދުވާން ހުއްޓައިލާ ގޮތަކަށް ނޫނެވެ.

ލުބްނާނާއި އިސްރާއީލާ ދެމެދު ނުތަނަވަސް ކަން އިތުރުވެ, ލުބްނާނަށް ވަރުގަދަ ޙަމަލާތަކެއް ދޭން ޔަހޫދީ ފައުޖުން ތައްޔާރުވާން ފެށުމާ އެކު ލުބްނާންގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މި ގޮތުން, ގިނަ ޢަދަދެއްގެ އުދުހުންތައް ކެންސަލް ކޮށްފައިވާއިރު, އިތުރު އުދުހުންތައް ފަސްކޮށްފައިވާ ކަން ވެސް ފާހަގަ ކުރެވެއެވެ. ލުބްނާނަށް ދަތުރު ކުރުން މެދުކަނޑައިލާފައިވާ ބައެއް އެއަރލައިންތަކުގެ ތެރޭގައި އުދުރުންގެ ރޯޔަލް ޖޯޑޭނިޔަން ހިމެނެއެވެ.

ސޫރިޔާގެ ބިމެއް ކަމުގައިވާ ޖޫލާންގެ އުސް ބިންތަކަށް ޔަހޫދީން އަތްގަދަ ކޮށްފައި ވަނީ 1967ވަނަ އަހަރުގެ ހަ ދުވަހުގެ ހަނގުރާމައިގައެވެ. އަދި, 1981ވަނަ އަހަރު ޔަހޫދީން ވަނީ އެ ސަރަޙައްދަށް ވެރިވެގަނެ, އެއީ ޔަހޫދީންގެ ބިމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެއީ, ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން ހިންގާފައިވާ އަމަލެކެވެ.