ޚަބަރު

ބީއެމްއެލްއަށް ދެވަނަ ކުއާޓަރގައި ސާފު ފައިދާގެ ގޮތުގައި 448 މިލިޔަން ރުފިޔާ


  • ހިންގުމުގެ ފައިދާގެ ގޮތުގައި 698 މިލިޔަން ރުފިޔާ ލިބިފައިވޭ

  • މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު 2.8 ބިލިއަން ރުފިޔާގެ އައު ލޯނު ދޫކޮށްފައިވޭ

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއަށް މި އަހަރުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާގެ ގޮތުގައި 448 މިލިޔަން ރުފިޔާ ލިބިފައިވާކަން ހާމަކޮށްފިއެވެ.

ބީއެމްއެލްގެ މިއަހަރުގެ 2 ވަނަ ކުއާޓަރގެ މާލީ ރިޕޯޓުގައިވާގޮތުން، އެ ކުއާޓަރގައި ބޭންކުގެ ހިންގުމުގެ ފައިދާގެ ގޮތުގައި 698 މިލިޔަން ރުފިޔާ ލިބިފައިވާއިރު މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރއާ އަޅާބަލާއިރު %3 އިތުރު އަދަދެކެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ބޭންކުން ވަނީ 2.8 ބިލިޔަން ރުފިޔާގެ އައު ލޯނު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދޫކޮށްފައެވެ.

މި ކުއާޓަރގައި ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ކުރިއެރުން ލިބިފައިވާއިރު ބޭންކުގެ ރައުސްމާލް ވަނީ ޤާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައެވެ. މި ކުއާޓަރ ނިމުނުއިރު، ޖުމްލަ އެސެޓް ވަނީ 44.9 ބިލިޔަން ރުފިޔާއަށް އަރާފައެވެ. އަދި ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ އަދަދަށް ބަލާއިރު 29.5 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ.

އިންފްލޭޝަންއާ ގުޅިގެން އަންނަ ޕްރެޝަރުތަކާއެކުވެސް ހިންގުމުގެ ޚަރަދުތައް ހިފެހެއްޓިފައިވާއިރު، ޕްރޮވިޝަން ކަވަރ ހުރީ ހަރުދަނާކަމާއެކު %100 ގައިކަން މާލީ ރިޕޯޓުން ފާހަގަކުރެވެއެވެ.

ދެވަނަ ކުއާޓަރގައި ބޭންކުން ވަނީ ރާއްޖޭގެ ޝަރުއީ ހަމަތަކަށްފެތޭ ފުރަތަމަ ކްރެޑިޓް ކާޑު ތަޢާރަފްކޮށްފައެވެ. މީގެ އިތުރުން ގެދޮރު އިމާރާތްކުރުމާއި މަރާމާތު ކުރުމަށް ކަސްޓަމަރުންގެ އޮތް ޑިމާންޑަށް ބަލައި ހޯމް ބިލްޑް އަދި ހޯމް އިކުއިޓީ ލޯނު ވަނީ ތަޢާރަފްކޮށްފައެވެ.

ހަމައެހެންމެ ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ޖަމްޢިއްޔާތައް ބާރުވެރިކޮށް، މުޖުތަމައަށް އެހީވުމަށް ބޭންކުގެ ސީއެސްއާރު ހަރަކާތްތަކުގެ ތެރެއިން ނިމިދިޔަ ކުއާޓަރގައި ވަނީ 'ބޭންކް ފަންޑް" އަށް އެދި ހުށަހަޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 38 ބްރާންޗާއި ސަރވިސް ސެންޓަރ، 86 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 144 އޭޓީއެމް، ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތެއް ބީއެމްއެލުން ދަނީ ފޯރުކޮށްދެމުންނެވެ.