އިންޑިޔާގެ ދެކުނު ކެރަލާ ސްޓޭޓަށް ބޯކޮށް ވާރޭވެހުމާ ގުޅިގެން ހިނގި ބިންގަނޑު ކެނޑުމުގެ ހާދިސާތަކެއްގައި 41 މީހުން މަރުވެއްޖެއެވެ. ބިންގަނޑު ކެނޑި, ކިސަޑު ފޭބުމުގެ ހާދިސާތައް ހިނގާފައި ވަނީ ޗަލިޔާރް ކޯރު ކައިރީގައި އޮންނަ ކެރަލާގެ ފަރުބަދަމަތީ ވަޔަނާޑް ޑިސްޓްރިކްޓުގައެވެ. ބިންގަނޑު ކެނޑުމާއެކު, ވަޔަނާޑްގެ ރަށެއް ކަމުގައިވާ މުންޑަކާއީއާއި ޗޫރުލްމަލާއަށް ދަތުރު ކުރެވެން އޮންނަ މައި ބުރިޖު ވެސް ވަނީ ހަލާކުވެފައެވެ.
ކެރަލާގެ ޞިއްޙަތާ ބެހޭ ވަޒީރު ވީނާ ޖޯޖް ވިދާޅުވީ ބިންގަނޑު ކެނޑުމުގެ ހާދިސާތަކުގައި އިތުރު 70 މީހަކަށް އަނިޔާވެފައިވާ ކަމުގައެވެ. ބިންގަނޑު ކެނޑުނު ވަގުތު ގިނަ ޢަދަދެއްގެ ބަޔަކު ޗަލިޔާރް ކޯރަށް ވެއްޓި, ފެންގަނޑާ އެކު ދަމައިގެން ގޮސްފައިވުމާ އެކު, އެ ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ. ގެއްލިފައިވާ މީހުން ހޯދަން ކަމާ ގުޅޭ އިދާރާތަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
"އެ ސަރަޙައްދުގެ ހާލަތު ވަރަށް ސީރިޔަސް. ސަރުކާރުން ވަނީ, މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހަރުދަނާ ކުރަން [ކަމާ ގުޅޭ] އިދާރާތަކަށް ބާރު އަޅާފައި،" ކެރެލާގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު އޭކޭ ސަސީންޑްރަން ވިދާޅުވިއެވެ. ކެރެލާ ސްޓޭޓްގެ ސަރަޙައްދުތަކަށް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ލަފާ ކުރެއެވެ.
ބިންގަނޑު ކެނޑި, ކިސަޑު ފޭބުމާ ގުޅިގެން ޗޫރުލްމަލާގެ ބޮޑު ސަރަޙައްދެއް ވަނީ ސުންނާފަތިވެފައެވެ. އެ ސަރަޙައްދަށް ދަތުރު ކުރެވެން އޮތް މައި ބުރިޖު ހަލާކުވުމާ އެކު, ހާލުގައި ޖެހިފައިވާ މީހުން ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފައެވެ. އެ ސަރަޙައްދަށް ދަތުރު ކުރެވޭނެ ވަގުތީ ބުރިޖެއް ބިނާ ކުރަން އިންޑިޔާގެ އަސްކަރިއްޔާއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ބިންގަނޑު ކެނޑުމާއި, ކިސަޑު ފޭބުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކޮށްފައިވާ މުންޑަކާއީއަކީ ސައިފަތާއި ކާފޫރުތޮޅީގެ ދަނޑުވެރިކަން ކުރާ ސަރަޙައްދެކެވެ. އެ ދަނޑުތަކުގައި މަސައްކަތް ކުރާ ގިނަ މީހުންނަކީ ފޭލިގެ ފަދަ ތަންތަނުގައި ދިރިއުޅޭ ބަޔެއް ކަމަށް އެ ސަރަޙައްދުގެ އޮފިޝަލުން ބުންޏެވެ.
އެ މީހުން ހޯދައި ސަލާމަތް ކުރުމަށް ހިންގަމުންދާ އޮޕަރޭޝަނުގައި އިންޑިޔާގެ އަސްކަރީ ހެލިކޮޕްޓަރުތައް ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. ކެރެލާއަކީ ބޯކޮށް ވާރޭވެހުމާއި ފެންބޮޑުވުމުގެ ހާދިސާތައް ވަރަށް ޢާންމުކޮށް ހިނގާ ސްޓޭޓެކެވެ. 2018ވަނަ އަހަރު އެ ސްޓޭޓަށް ބޯކޮށް ވާރޭވެހި, ފެންބޮޑުވުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި 400އަށްވުރެ ގިނަ މީހުން މަރުވިއެވެ.