ޚަބަރު

ޖަލުގައި ތިބި މުސްލިމުންނަށް އަނިޔާކުރި ސިފައިންގެ މައްސަލަ ބަލާތީ ޔަހޫދީން ރަތަށް


ޔަހޫދީންގެ ދެ ޖަލެއްގައި ބަންދުކޮށްފައި ތިބި ފަލަސްޠީނުގެ މުސްލިމުންނަށް ލާއިންސާނީ އަނިޔާ ކުރި ޔަހޫދީ ސިފައިންގެ މައްސަލަ ބަލަން ފެށުމާ އެކު, ހައްދުފަހަނަ އެޅި ޔަހޫދީން އެ ކަމާ ނުރުހުން ފާޅު ކުރުމުގެ ގޮތުން ދެ ޖަލަކަށް ޙަމަލާ ދީފިއެވެ.

ކަނާތު ފިޔައިގެ ހައްދުފަހަނަ އެޅި ސިޔާސަތުތަކަށް ތާާޢީދުކުރާ ޔަހޫދީ ޢާންމުންގެ ބަޔަކު ވަނީ ޔަހޫދީ ފައުޖުގެ ދެ ޖަލެއް ކައިރިއަށް އެއްވެ, މުޒާހަރާ ކޮށްފައެވެ. އަދި, އޭގެ ތެރެއިން ބައެއް މީހުން ވަނީ ހަމަނުޖެހުން ހިންގައި, ގަދަބާރުން ދެ ޖަލަށް ވަދެގަންނަން މަސައްކަތް ކޮށްފައެވެ.

ޔަހޫދީ ފައުޖުން ބުނީ, މުޒާހަރާގައި ބައިވެރިވި މީހުން އަސްކަރީ ޖަލުގެ ގޯތިތެރެއަށް ގަދަ ބާރުން ވަދެގަނެފައިވާ ކަމުގައެވެ. އެއީ, ޔަހޫދީން ހިންގާފައިވާ ޤާނޫނާ ޚިލާފު ކުށެއްގެ ގޮތުގައި ޔަހޫދީ ފައުޖުގެ ޗީފް އޮފް ސްޓާފް ސިފަ ކުރިއެވެ. ހަމަނުޖެހުން ހިންގަން ފަށާފައި ވަނީ, މުސްލިމުންނަށް އަނިޔާކުރި ސިފައިންގެ މައްސަލަ ބެލުމަށް އަސްކަރީ ފުލުހުން ސްދޭ ތީމާން ޖަލަށް ދިޔަ ވަގުތުގައެވެ. ޔަހޫދީ ދައުލަތުގެ ދެކުނުގައި ހުންނަ އެ ޖަލުގައި ފަލަސްޠީނުގެ އެތަކެއް ހާސް މުސްލިމުން ބަންދު ކޮށްފައި ތިބެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި, އެ ޖަލުގައި ތިބި މުސްލިމުންނަށް ލާއިންސާނީ އަނިޔާތައް ދިނުމުގައި ޔަހޫދީ ފައުޖުގެ 10 ސިފައިން ބައިވެރިވިއެވެ. އެ މީހުން ލާއިންސާނީ އަނިޔާ ދީފައި ވަނީ ޣައްޒާގެ މުޖާހިދުންގެ ޖަމާޢަތް, ޙަމާސަށް ނިސްބަތްވާ މެންބަރުންތަކަކަށެވެ. އެ ސިފައިންގެ މައްސަލަ ތަޙުޤީޤު ކުރުމަށް ހުރަސް އެޅުމަށް ފެށި މުޒާހަރާތަކުގައި ޔަހޫދީ ޤާނޫނު ހަދާ މަޖިލިސް, ކްނެސެޓުގެ ބައެއް މެންބަރުންނާއި ކެބިނެޓުގެ ބައެއް ވަޒީރުން ވެސް ބައިވެރިވިއެވެ.

ތަޙުޤީޤާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ބައިވެރިވި މީހުންގެ ތެރޭގައި ކްނެސެޓުގެ ނައިބު ރައީސް ވެސް ހިމެނެއެވެ. އެ ކަމާ ގުޅިގެން, އިދިކޮޅު ޔެޝް އަތީދު ޕާޓީން ވަނީ އޭނާގެ އިސްތިޢުފާއަށް ގޮވައިލާފައެވެ. "އަޅުގަނޑުމެން މި ތިބީ ވަޅުގަނޑެއްގެ ތުންފަތްމައްޗަކު ނޫން. މި ތިބީ ވަޅުގަނޑުގެ ތެރޭގައި. [ހައްދުފަހަނަ އެޅި ޔަހޫދީ ޢާންމުން] މިއަދު ހުރިހާ ރަތް ރޮނގެއް ހުރަސް ކޮށްފި،" އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ޔައިރް ލަޕީދް ބުންޏެވެ.

ހައްދުފަހަނަ އެޅި ޔަހޫދީން މުޒާހަރާކޮށް ޙަމަލާ ދީފައިވާ ދެވަނަ ތަނަކީ ބައިތު ލިޔާދް އަސްކަރީ ކޯޓަށެވެ. މުޒާހަރާގެ ބައިވެރިން ވަނީ އެ ތަނުގެ ގޭޓަށް ގެއްލުން ދިނުމަށް ފަހު, އެ ތަނުގެ ގޯތިތެރެއަށް ވެސް ވަދެގަނެފައެވެ. ނަމަވެސް, ޔަހޫދީ ސިފައިންނާއި ފުލުހުން ވަނީ އެ ތަނަށް ވަދެގަތް ޢާންމުން ހުއްޓުވާފައެވެ.

މުސްލިމުންނަށް ލާއިންސާނީ އަނިޔާތައް ދީފައިވާ ޔަހޫދީ ސިފައިންގެ ދިފާޢުގައި ކެބިނެޓުގެ ބައެއް ވަޒީރުން ވާހަކަ ދައްކާފައިވެއެވެ. އޭގެ ތެރޭގައި މާލީ ވަޒީރު ބިޓްޒަލްއެލް ޝްޓުމްރިޗް ހިމެނެއެވެ. އޭނާއަކީ ކަނާތު ފިޔައިގެ ހައްދުފަހަނަ އެޅި ސިޔާސަތުތަކަށް ތާޢީދުކުރާ ނިރުބަވެރިއެކެވެ. ނަމަވެސް, ޔަހޫދީންގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ, އަސްކަރީ ޖަލުތަކަށް ދީފައިވާ ޙަމަލާތައް ކުށްވެރި ކޮށްފައެވެ. އަދި, ހައްދުފަހަނަ އެޅި ދިފާޢީ ވަޒީރު ޔޮއާވް ގަލާންޓު ވެސް ވަނީ ޤާނޫނުތަކަށް އިޙުތިރާމު ކުރަން މުޒާހަރާގެ ބައިވެރިންނަށް ގޮވައިލާފައެވެ.

މުސްލިމުންނަށް އަނިޔާ ކުރި ޔަހޫދީ ސިފައިންގެ މައްސަލަ ތަޙުޤީޤު ކުރަން ފަށާފައި ވަނީ, ޔަހޫދީންގެ ޖަލުތަކުގައި ތިބި މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އަމަލުތައް ހިންގަމުންދާ ކަމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ތުހުމަތު ކުރާތާ އަހަރުތަކެއް ފަހުންނެވެ. އެ ތަޙުޤީޤުތަކާ ގުޅޭ އިތުރު މަޢުލޫމާތު ޔަހޫދީ ސަރުކާރުން ހާމަކޮށްފައި ނުވި ނަމަވެސް, އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމުޢިއްޔާތަކުން ދަނީ ތަޙުޤީޤު އަވަސް ކުރުމަށް ގޮވައިލަމުންނެވެ.

އެ ތަޙުޤީޤާ މެދު ހައްދުފަހަނަ އެޅި ޔަހޫދީ ޢާންމުން ނުރުހުން ފާޅު ކުރަން ފެށުމާ އެކު, ޔަހޫދީންގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ލެފްޓިނެންޓް ޖެނެރަލް ހެރްޓްޒީ ހަލަވީ ވަނީ ތަޙުޤީޤުތައް ދިފާޢުކޮށް ވާހަކަ ދައްކާފައެވެ. އޭނާ ބުނީ, ހަނގުރާމައެއްގެ މެދުގައި އޮތް [ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޢުދުވާނެއް ހިންގަމުންދާ] ދަނޑިވަޅެއްގައި, ހައްޔަރުގައި ތިިބި މުޖާހިދުންނަށް ލާއިންސާނީ އަނިޔާތައް ދިނުމަކީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމުގައެވެ. އަދި, އެ ފަދަ އަމަލުތަކާ ގުޅިގެން ޔަހޫދީ ދަޢުލަތަަށް އޮތް ނުރައްކާތައް އިތުރުވެގެންދާ ކަމުގައި ވެސް އޭނާ ބުންޏެވެ.

ޔަހޫދީންގެ ޖަލުތަކުގައި ތިބި މުސްލިމުންނަށް ޔަހޫދީ ސިފައިން ލާއިންސާނީ އަނިޔާތައް ދެމުންދާ ކަމީ އަލަށް ދައްކާ ވާހަކައެއް ނޫނެވެ. އެ މައްސަލަތައް ތަޙުޤީޤު ކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ޔަހޫދީ ދައުލަތަށް އެތަކެއް ފަހަރެއްގެ މަތިން ގޮވައިލާފައިވެއެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ ޔަހޫދީންގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ މުސްލިމުންނަށް ލާއިންސާނީ އަނިޔާތައް ދެމުންދާ ކަމުގެ ތުހުމަތުތައް ތަޙުޤީޤު ކުރަމުންދާ ކަން މޭ މަހު ހާމަ ކޮށްފައެވެ.