ވެނެޒުއެލާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާއާ މެދު ދެބަސްވުންތައް އުފެދުމާ ގުޅިގެން ސަރުކާރާއި އިދިކޮޅު ޕާޓީތަކަށް ތާޢީދު ކުރާ ޢާންމު މެންބަރުން ވެރިރަށް ކަރާކަސްގެ އިތުރުން ބޮޑެތި ރަށްތަކުގެ މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފަށައިފިއެވެ. ތިންވަނަ ދައުރަކަށް ވާދަ ކުރެއްވި ރައީސް ނިކޮލަސް މަދޫރޯއާއި އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓު އެދްމުންދޯ ގޮންޒާލޭޒް ވެސް ވަނީ އިންތިޚާބުގައި ކާމިޔާބީ ލިބިފައިވާ ކަން އިޢުލާނު ކުރައްވާފައެވެ.
އިންތިޚާބާ ބެހޭ އިދާރާއިން ބުނީ, ވޯޓުލީ މީހުންގެ 51 އިންސައްތަ މީހުންގެ ތާޢީދާ އެކު އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ ރައީސް މަދޫރޯއަށް ކަމުގައެވެ. ނަމަވެސް, އިދިކޮޅު ކޯލިޝަނުން ބުނީ, ގޮންޒާލޭޒަށް 73 އިންސައްތަ މީހުންގެ ތާޢީދު ލިބިފައިވާ ކަން, އެ ކޯލިޝަނާ ހިއްސާ ކޮށްފައިވާ ނަތީޖާތަކުން ހާމަވާ ކަމުގައެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ, ގޮންޒާލޭޒަށް ވޯޓުލީ މީހުންގެ ޢަދަދު 6.27 މިލިޔަނަށް އަރާ ކަމުގައި އެ ފަރާތަށް ލިބިފައިވާ ނަތީޖާތަކުން ހާމަވާ ކަމުގައެވެ. އަދި, މަދޫރޯއަށް ލިބިފައި ވަނީ 2.75 މިލިޔަން މީހުންގެ ތާޢީދު ކަމުގައެވެ. ނަމަވެސް, މިއީ އިންތިޚާބާ ބެހޭ އިދާރާއިން ހާމަ ކޮށްފައިވާ ނަތީޖާތަކާ ތަފާތު ޢަދަދުތަކެކެވެ. އެ އިދާރާއިން ހާމަ ކުރި ނަތީޖާއިން ފެންނަ ގޮތުގައި މަދޫރޯއަށް ވޯޓުލީ މީހުންގެ ޢަދަދު 5.15 މިލިޔަނަށް އަރައެވެ. އަދި, ގޮންޒާލޭޒަށް ތާޢީދު ކޮށްފައި ވަނީ 4.45 މިލިޔަން މީހުންނެވެ.
މި ނަތީޖާއާ މެދު ހިތްހަމަ ނުޖެހުން ފާޅު ކުރައްވައި, ސުލްޙަވެރި މުޒާހަރާތަކެއް ބާއްވަން ފުރަތަމަ ގޮވައިލައްވާފައި ވަނީ އިދިކޮޅު ޕާޓީގެ ވެރިޔާ މަރީނާ ކޮރީނާ މަޗާދޯއެވެ. "ވެނެޒުއެލާގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވަން: އަޅުގަނޑުމެން މާދަމާ ބައްދަލު ކުރާނަން. ރޭވުންތެރިކަމާ އެކު, ހުރިހާ ވޯޓެއްގެ ގުނާފައިވާ ކަން ކަށަވަރުކޮށް, ވޯޓުގެ ސައްޙަ ނަތީޖާގެ ދިފާޢު ކުރަން," މަޗާދޯ ވިދާޅުވިއެވެ.
އިދިކޮޅު ޕާޓީތަކުގެ މެންބަރުން ކުރާ މުޒާހަރާއާ ކުރިމަތިލާން ގޮވައިލައްވާފައި ވަނީ ޤާނޫނު ހަދާ މަޖިލީހުގައި ވެރިކަން ކުރާ ޕާޓީ ތަމްސީލު ކުރައްވާ, މަދޫރޯގެ ކެމްޕޭން މެނޭޖަރު ހޮރްހޭ ރޮޑްރީގޭޒެވެ. އޭނާ ވެސް ވަނީ މީރާފްލޮރޭސްގައި ހުންނަ ރިޔާސީ ގަނޑުވަރު ކައިރިއަށް އެއްވެ, ސަރުކާރު ދިފާޢު ކުރުމަށް މަދޫރޯއަށް ތާޢީދު ކުރި މީހުންނަށް ގޮވައިލައްވާފައެވެ.
ވޯޓުގެ ނަތީޖާ މެދު ހިތްހަމަ ނުޖެހުން ފާޅު ކުރުމުގެ ގޮތުން ސުލްޙަވެރި މުޒާހަރާތަކެއް ބޭއްވި ނަމަވެސް, ހަމަނުޖެހުންތައް ނުހިންގަން އިދިކޮޅު ކެނޑިޑޭޓު ގޮންޒާލޭޒް ވަނީ އޭނާއަށް ތާޢީދު ކުރާ މެންބަރުންނަށް ގޮވައިލައްވާފައެވެ. ނަމަވެސް, ރޮޑްރީގޭޒް ވިދާޅުވީ, ހަމަނުޖެހުން އުފައްދައި, ޤައުމުގެ މަސްލަޙަތު ނަގައިލަން ގޮންޒާލޭޒް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ.
މަދޫރޯ ވެސް ވަނީ މުޒާހަރާތަކާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ. "މި ފަދަ ހާލަތްތަކާ ކެރިގެން ކުރިމަތިލައި, ހަމަނުޖެހުން ހިންގާ މީހުން ހުއްޓުވަން އަޅުގަނޑުމެން ވަރަށް ފަރިތަ ވާނެ،" ފާއިތުވި ދެ ދައުރު ވެރިކަން ކުރައްވާފައިވާ 61 އަހަރުގެ މަދޫރޯ ވިދާޅުވިއެވެ. އޭނާ ވެނެޒުއެލާގެ ރައީސް ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަތީ 2013ވަނަ އަހަރު ކުރީގެ ރައީސް ހޫގޯ ޗާވޭޒް އަވަހާރަވުމާ ގުޅިގެންނެވެ. އަދި, އޭނާ 2018ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ އޮޅުވައިލައިގެން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. އޭގެ ތެރޭގައި އެމެރިކާ ވެސް ހިމެނެއެވެ.
ހަ އަހަރުގެ އިތުރު ދައުރަކަށް މަދޫރޯ އިންތިޚާބުވުމާ ގުޅިގެން ވޯޓުލީ މީހުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މަދޫރޯއަކީ ޚުދުމުޚްތާރު ވެރިއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެއެވެ. އޭނާގެ ވެރިކަމުގައި ވެނެޒުއެލާގެ އިޤުތިޞާދު ފުނޑުފުނޑުވެ, އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ބޭރު ޤައުމުތަކަށް ހިޖުރަކޮށް, ޚާރިޖީ ގުޅުންތައް ހީނަރުވެފައިވާ ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އެމެރިކާގެ އިތުރުން ވިލާތުގެ އިއްތިހާދޫ (އީޔޫ)ން ވެސް ވަނީ ވެނެޒުއެލާއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.
ރިޔާސީ އިންތިޚާބުގެ މިނިވަން ކަމާއި އިންސާފުވެރި ކަން ހާމަކޮށްދީ, ސައްޙަ ނަތީޖާ ހާމަ ކުރުމަށް ވޮޝިންގޓަނުން ވަނީ ވެނެޒުއެލާގެ ސަރުކާރަށް ގޮވައިލާފައެވެ. އަދި, އިންތިޚާބާ މެދު ހުރި ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް, 12 މެންބަރު ޤައުމުގެ މައްޗަށް އެކުލެވިގެންވާ އޮގަނައިޒޭޝަން އޮފް އެމެރިކަން ސްޓޭޓްސުން ދަނީ ތައްުޔާރުވަމުންނެވެ.
އިންތިޚާބުގެ ނަތީޖާއާ ގުޅިގެން އުފެދިފައިވާ ދެބަސްވުންތަކާ އެކު ފަށާފައިވާ މުޒާހަރާތަކާ ގުޅިގެން ހަމަނުޖެހުންތައް އުފެދިފައިވާ ކަމުގައި ވެނެޒުއެލާގެ ސަލާމަތީ ބާރުތަކުން ހާމަކުރިއެވެ. މުޒާހަރާގެ ބައިވެރިންނަށް ހުރަސް އެޅުމުގެ ގޮތުން ސަލާމަތީ ބާރުތަކުން ދަނީ ބާރުގެ ބޭނުންކޮށް, މުޒާހަރާތައް ރޫޅައިލަން ކަރުނަ ގޭސް ފަދަ ހަތިޔާރު ބޭނުން ކުރަމުންނެވެ. މި ހަމަނުޖެހުންތަކުގައި ދެ މީހަކު މަރުވެފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.
އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ވެނެޒުއެލަން ކޮންފްލިކްޓް އޮބްޒަރވޭޓަރީން ބުނީ އެ ޤައުމުގެ 23 ސްޓޭޓްގެ ތެރެއިން 20 ސްޓޭޓެއްގައި މުޒާހަރާ ކުރަމުންދާ ކަމުގައެވެ. އަދި, މުޒާހަރާގެ ބައިވެރިން ހުއްޓުވަން ފުލުހުންނާއި ސިފައިން އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގަމުންދާ ކަމުގެ ރިޕޯޓުތައް ލިބެމުންދާ ކަމުގައި ވެސް އެ ޖަމުޢިއްޔާއިން ހާމަކުރިއެވެ.