ޕާކިސްތާނުގެ ހުޅަނގުދެކުނުގައި އޮންނަ ބަލޫޗިސްތާން ޕުރޮވިންސުގެ ގަވާދަރްގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގެ ބައިވެރިން, އަމަން ބަލަހައްޓަމުން ދިޔަ ސިފައިންނަށް ޙަމަލާދީ އެކަކު މަރައިލާފައިވާ ކަމުގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ. ސިފައިން ހަރަކާތްތެރިވެފައި ވަނީ މުޒާހަރާގެ ބައިވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަމަށާއި, މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކު ސިފައިންނަށް ދިން ޙަމަލާތަކުގައި 16 ސިފައިން ޒަޚަމުވި ކަމުގައި ވެސް އަސްކަރިއްޔާއިން ބުންޏެވެ.
ގަވާދަރްގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރި ވަނީ ބަލޯޗް ދަރިފަސްކޮޅުގެ މީހުން ނިސްބަތްވާ ބަލޯޗް މޫވްމަންޓް ޖަމާޢަތުންނެވެ. މުޒާހަރާގެ ބައިވެރިން ވަނީ ބަނދަރުމަތީ ރަށެއް ކަމުގައިވާ ގަވާދަރްގެ ބައެއް ހަލިމަގުތައް ވެސް ބަންދު ކޮށްފައެވެ. އެ މީހުންގެ ޑިމާންޑަކީ, ސަލާމަތީ ބާރުތަކުން ހައްޔަރު ކޮށްފައިވާ އެ ޖަމާޢަތުގެ މެންބަރުން މިނިވަން ކުރުމެވެ.
"އެއްވެސް ސަބަބަކާ ނުލައި މުޒާހަރާގެ ބައިވެރިން ސިފައިންނަށް ދިން ޙަމަލާތަކުގައި ސިފައިންގެ 16 މީހުން ޒަޚަމުވި. އޭގެ ތެރޭގައި ސިފައިންގެ އިސް އޮފިސަރެއް ވެސް ހިމެނޭ،" އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ނަމަވެސް, މުޒާހަރާ އިންތިޒާމް ކުރާ ފަރާތުން ވަނީ އަސްކަރިއްޔާގެ ބަޔާން ދޮގު ކޮށްފައެވެ.
ބަލޯޗް މޫވްމަންޓް ޖަމުޢިއްޔާގެ އިސް އޮފިޝަލެއް ކަމުގައިވާ ބޭބަރް ބަލޯޖް ބުނީ, މުޒާހަރާގެ ތެރެއިން ހަމަނުޖެހުންތަކެއް ފެށުނީ, މުޒާހަރާ ރޫޅައިލަން ސިފައިން ބާރުގެ ބޭނުން ކުރަން ފެށުމުން ކަމުގައެވެ. އަދި, މުޒާހަރާގެ ބައިވެރިންނަށް ސިފައިން ދިން ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ ޢާންމުންނަށް އަނިޔާވި ކަމަށާއި, އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ވެސް އޭނާ ބުންޏެވެ.
ބަލޫޗް މޫވްމަންޓުން މުޒާހަރާތައް އިންތިޒާމު ކުރުމުގެ މައިގަނޑު މަޤުޞަދަކީ ބޭރުގެ އިންވެސްޓްމެންޓުތަކަށް ހުރަސް އެޅުން ކަމަށް ބަލޫޗިސްތާންގެ ޗީފް މިިނިސްޓަރު ސަރްފަރާޒް ބަގްތީ ތުހުމަތު ކުރައްވައެވެ. އޭނާ ވިދާޅުވީ, ބޭރުގެ އިންވެސްޓަރުންތަކެއް ކުރިއަށް އޮތް ހަފުތާގައި އެ ސަރަޙައްދަށް ޒިޔާރަތް ކުރަން ހަމަޖެހިފައިވާ ކަމަށާއި, މުޒާހަރާގެ ބައިވެރިންގެ ބޭނުމަކީ އިންވެސްޓަރުންނަށް ހުރަސް އެޅުން ކަމުގައެވެ. މުޒާހަރާތައް ހުއްޓައިލުމަށް ފަހު ސުލްޙައިގެ މަޝްވަރާތައް ފެށުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ.
ބަލޫޗިސްތާނަކީ އަފްޣާނިސްތާނާއި އީރާންގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ސަރަޙައްދެކެވެ. އެއީ, ސަރުކާރާ ދެކޮޅު ހަތިޔާރު އެޅި ޖަމާޢަތްތަކުން ހަރަކާތްތެރިވާ ސަރަޙައްދެކެވެ. އެ ޖަމާޢަތްތަކުން ބުނާ ގޮތުގައި, ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދަނީ, އެ ސަރަޙައްދުގެ ޤުދުރަތީ މުއްސަނދި ކަމުން, އެ ސަރަޙައްދުގެ ރައްޔިތުންނަށް ނަފާ ހޯދައިދިނުމުގެ ބޭނުމުގައި ކަމުގައެވެ.
ޕާކިސްތާނާއި ޗައިނާއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޗައިނާއިން ދަނީ ގަވާދަރްގެ ބަނދަރުގެ އިތުރުން ބަލޫޗިސްތާން ޕުރޮވިންސުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ރޯޑް އެންޑް ބެލްޓް އިނިޝިއެޓިވްގެ ދަށުން އެ ޤައުމުން ޕާކިސްތާނުގެ ޢުމްރާނީ ތަރައްޤީއަށް 65 ބިލިޔަން އެމެރިކާ ޑޮލަރު އިންވެސްޓު ކުރާނެއެވެ.