ޚަބަރު

ޕީޒިޝްކިޔާން އީރާންގެ ރައީސް ކަމުގެ ހުވައި ކުރައްވައިފި


އީރާނުގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި މަސްޢޫދު ޕީޒިޝްކިޔާން, ރައީސް ކަމުގެ ހުވައި ކުރައްވައި, ރަސްމީކޮށް އެ މަޤާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ވަޑައިގަންނަވައިފިއެވެ. ޕީޒިޝްކިޔާނަކީ މެދުމިނުގެ ސިޔާސަތުތަކަށް ތާޢީދު ކުރައްވާ ބޭފުޅެކެވެ. ރައީސް ކަމުގެ މަޤާމަށް އޭނާ އިންތިޚާބުވެފައި ވަނީ, އީރާނުގެ ޚާރިޖީ ސިޔާސަތު މުރާޖަޢާ ކުރައްވައި, އީރާނުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމުގެ ވަޢުދާ އެކުގައެވެ.

"ކަރާމާތްތެރި ކަމާއި ޙިކުމަތްތެރިކަމާ އެކު އަޅުގަނޑުގެ ސަރުކާރުން ދުނިޔެއާ އެކު ހަރުދަނާ ގުޅުންތަކެއް ގާއިމުކޮށް ކުރިއަރުވަން މަސަައްކަތް ކުރާނެ،" ޤާނޫނު ހަދާ މަޖިލީހުގައި ބޭއްވި ހުވައި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީޒިޝްކިޔާން ވިދާޅުވިއެވެ. އެ ރަސްމިއްޔާތުގައި ބޭރު ޤައުމުތަކުގެ ޢިއްޒަތްތެރިން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އޭގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ހިމެނި ވަޑައިގަންނަވައެވެ. އަދި, ޣައްޒާގެ މުޖާހިދުންގެ ޖަމާޢަތް, ޙަމާސާއި އިސްލާމިކް ޖިހާދުގެ އިތުރުން ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهއާއި, ޔަމަންގެ ހަތިޔާރު އެޅި ޖަމާޢަތް, ޙޫޘީންގެ އިސް އޮފިޝަލުން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕްރޮގުރާމާ ގުޅިގެން ހުޅަނގުގެ ބާރުތަކާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަން ހައްލު ކުރައްވަން ޕީޒިޝްކިޔާންގެ ސަރުކާރުން ހަރުދަނާ މަސައްކަތްތަކެއް ކުރާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. އަދި, އޭނާ ތާޢީދު ކުރައްވާ މެދުމިނުގެ ސިޔާސަތުތަކާ އެކު, ހުޅަނގުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ހޯދުމަށް ފަސޭހަވެގެން ދާނެ ކަމަށް ވެސް ގަބޫލު ކުރެވެއެވެ.

ޕީޒިޝްކިޔާން އީރާނުގެ ރައީސް ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަންނަވާފައި މި ވަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ޔަހޫދީންނާއި އެ މީހުންގެ މަދަދުގާރުންނާ ދެކޮޅަށް ހަތިޔާރު އުފުލާފައިވާ އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ މުޖާހިދުންގެ ޖަމާޢަތްތަކުގެ އިތުރުން ހަތިޔާރު އެޅި ޖަމާޢަތްތަކަށް އީރާނުން ދަނީ ވާގިވެރިވަމުންނެވެ.

"ކުޑަކުދިން ޝަހީދު ކުރަން ހަތިޔާރު ފޯރުކޮށްދެމުންދާ ޤައުމުތަކަށް [އެމެރިކާއަށް] އަޅުގަނޑުމެންނަށް އިންސާނިއްޔަތު ކަން ދަސްކޮޅެއް ނުދެވޭނެ،" ޣައްޒާ ޢުދުވާން ކުރިއަށް ގެންދަން ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދެމުންދާ އެމެރިކާއަށް ފާޑު ވިދާޅުވަމުން ޕީޒިޝްކިޔާން ވިދާޅުވިއެވެ.

ރައީސް ކަމުގެ މަޤާމާ ޕީޒިޝްކިޔާން ހަވާލުވެ ވަޑައިގެންނެވި ނަމަވެސް, ދަޢުލަތުގެ އެންމެ މަތީ ބާރުތައް ދެމިއޮންނަނީ ޚާމަންޢީގެ ކިބައިގައެވެ. އަދި, ޔަހޫދީންނާ ދެކޮޅަށް ހަތިޔާރު އުފުލާފަައިވާ ޖަމާޢަތްތަކަށް ވާގިވެރިވުމާ ގުޅޭ ނިންމުންތައް ނިންމަނީ އެ ޤައުމުގެ އިންގިލާބީ ލަޝްކަރުންނެވެ. އެއީ, ޚާމަންޢީއަށް ޖަވާބުދާރީވާ ލަޝްކަރެކެވެ.

ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޕީޒިޝްކިޔާން އޭނާގެ ސަރުކާރުގެ ކެބިނެޓު އެކުލަވައިލައްވައި އިޢުލާނު ކުރައްވާނެއެވެ. އޭނާގެ ކެބިނެޓަށް ޢައްޔަން ކުރައްވާ ބޭފުޅުންނަށް, އަލް-ޚާމަންޢީގެ ރުހުން ބޭނުން ވާނެއެވެ. އީރާނުގައި ރިޔާސީ އިންތިޚާބު ބާއްވާފައި މި ވަނީ, ރައީސް ކަމުގެ މަޤާމުގައި ހުންނެވި އިބްްރާހީމް ރައީސީ, މޭ މަހު ހިނގި ހެލިކޮޕްޓަރު އެކްސިޑެންޓެއްގައި އަވަހާރަވުމާ ގުޅިގެންނެވެ.