ޔަހޫދީ ފައުޖުން ލުބްނާންގެ ވެރިރަށް ބައިރޫތަށް ބޮން އަޅަން ފަށައިފިއެވެ. ޔަހޫދީ ފައުޖުން ބައިރޫތަށް ޙަމަލާ ދޭން ފަށާފައި ވަނީ ޔަހޫދީން ވެރިވެގަނެފައިވާ ސޫރިޔާގެ އަލް-ޖޫލާންގެ އުސްބިންތަކަށް ދާދި ފަހުން ދިން ރޮކެޓް ޙަމަލާއެއްގައި ޔަހޫދީންގެ 12 މީހުން މަރުވުމުން އެ ޙަމަލާގެ ބަދަލު ހިފުމުގެ ގޮތުންނެވެ. ޔަހޫދީންނާއި އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި, ޖޫލާނަށް ޙަމަލާ ދީފައި ވަނީ ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهންނެވެ.
ބަދަލު ހިފުމުގެ ޙަމަލާތައް ޔަހޫދީ ފައުޖުން އަމާޒު ކޮށްފައި ވަނީ ބައިރޫތުގެ ދެކުނުގައި ސަރަޙައްދެއްގައި ހުރި ޢިމާރާތަކަށެވެ. ލުބްނާނުގެ ދަޢުލަތުގެ މީޑިޔާއިން ބުނީ ޔަހޫދީ ފައުޖުން ޙަމަލާ ދީފައި ވަނީ ޙާރަތު ޙުރަޔިކް އަވަށުގައި ހުރި ޙިޒްބުاللهގެ ޝޫރާ ކައުންސިލްގެ އިމާރާތަށް ކަމުގައެވެ. އެއީ, ޢާންމުން ދިރިއުޅޭ އިމާރާތެއް ކަމުގައި ވެސް ބައެއް ރިޕޯޓުތައް ބުނެއެވެ. މި ޙަމަލާގައި އެ އިމާރާތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ބެއިރޫތަށް ޙަމަލާ ދީފައި ޙަމަލާއަކީ ޙިޒްބުاللهގެ އިސް ކޮމާންޑަރެއް ޝަހީދު ކޮށްލުމަށް ދީފައިވާ ޙަމަލާއެއް ކަމުގައި ޔަހޫދީ ފައުޖުން ބުނި ނަމަވެސް, އެ ކަން ކާމިޔާބުވެފައިވާ ކަން ކަށަވަރެއް ނޫނެވެ. އެ ކަމާ ގުޅޭ ތަފުސީލު ޙިޒްބުاللهން ވެސް ސާފު ކޮށްދީފައެއް ނުވެއެވެ. ޙަމަލާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަން ވެސް ސާފެއް ނޫނެވެ.
އަލް-ޖޫލާންގެ އުސް ބިންތަކުގައި އޮންނަ މިޖްދަލް ޝަމްސްގެ ދްރޫޒީ އަވަށުގެ ފުޓުބޯޅަ ދަނޑަކަށް ދީފައިވާ ރޮކެޓް ޙަމަލާގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ޔަހޫދީ ފައުޖުން ދިނުމާ ގުޅިގެން ލުބްނާނުުން ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ. އަދި, ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒު ކޮށްފާނެ ކަމަށް ބެލެވޭ ސަރަޙައްދުތަކުގައި ދިރިއުޅޭ ޢާންމު ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ.
ޔަހޫދީ ފައުޖުން ބެއިރޫތަށް ރަޙުމު ކުޑަ ޙަމަލާތަކެއް ދީފައިވީ ނަމަވެސް, ލުބްނާނާ ދެކޮޅަށް ދިގުދެމިގެންދާނެ ފަދަ ހަނގުރާމައެއް ފަށަން ޔަހޫދީން ބޭނުން ނުވާ ކަން ވަނީ ހާމަވެފައެވެ. ނަން ހާމަ ކޮށްފައި ނުވާ ޔަހޫދީންގެ ހަތަރު އޮފިޝަލަކު ވަނީ މީޑިޔާއަށް އެ ކަން ހާމަ ކޮށްދީފައެވެ. އެ މީހުން ބުނީ ދްރޫޒީއަށް ދިން ޙަމަލާގެ ބަދަލު ހިފުމުގެ ގޮތުން މަދު ދުވަސް ކޮޅަކަށް ދެމިގެން ދާނެ އަސްކަރީ ކެމްޕޭނެއް ލުބްނާނާ ދެކޮޅަށް ފަށަން ޔަހޫދީ ފައުޖުން ފަށާނެ ކަމުގައެވެ.
މިޖްދަލް ޝަމްސަށް ދިން ރޮކެޓް ޙަމަލާގެ ފަހަތުގައި އޮތީ ޙިޒްބުالله ކަމަށް ޔަހޫދީންނާއި އެމެރިކާއިން ކުރާ ތުހުމަތު އެ ޖަމާޢަތުން ދޮގު ކުރެއެވެ. އަދި, ޔަހޫދީ ފައުޖުން ލުބްނާނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފަށައިފި ނަމަ, އޭގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށް ވިދާޅުވެ އީރާނުގެ އައު ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވަނީ ޔަހޫދީންނަށް އިންޒާރު ދެއްވާފައެވެ. ޔަހޫދީންނާއި, އެ މީހުންގެ މަދަދުގާރުންނާ ދެކޮޅަށް ހަތިޔާރު އުފުލާފައިވާ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތައް ހިމެނޭ އެކްސިސް އޮފް ރެސިސްޓެންސަކީ އީރާނުން ވާގިވެރިވާ ގުޅުމެކެވެ.
މިޖްދަލް ޝަމްސަށް ދީފައިވާ ޙަމަލާއަކީ, 2023 އޮކްޓޫބަރު 7ގައި ފަލަސްޠީނުގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފެށި ފަހުން އެ ސަރަޙައްދަށް ދީފައިވާ އެންމެ ނުރައްކާތެރި ޙަމަލާއެވެ. ޔަހޫދީންގެ ރަށްތަކާއި, ޔަހޫދީ ސިފައިންގެ އަމާޒުތަކަށް ޙިޒްބުاللهން ޙަމަލާ ދޭން ފެށުމުގެ ބޭނުމަކީ ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެންނަން ބާރު އެޅުމެވެ. ނަމަވެސް, އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުރީ ޢުދުވާން ހުއްޓައިލާ ގޮތަކަށް ނޫނެވެ.
ސޫރިޔާގެ ބިމެއް ކަމުގައިވާ ޖޫލާންގެ އުސް ބިންތަކަށް ޔަހޫދީން އަތްގަދަ ކޮށްފައި ވަނީ 1967ވަނަ އަހަރުގެ ހަ ދުވަހުގެ ހަނގުރާމައިގައެވެ. އަދި, 1981ވަނަ އަހަރު ޔަހޫދީން ވަނީ އެ ސަރަޙައްދަށް ވެރިވެގަނެ, އެއީ ޔަހޫދީންގެ ބިމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެއީ, ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން ހިންގާފައިވާ އަމަލެކެވެ.