ޔަހޫދީން ދިން މިސައިލް ޙަމަލާއެއްގައި ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދުކޮށްލައިފިއެވެ. ޙަމާސްގެ އިތުރުން އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ވެސް ވަނީ އެ ކަން ކަށަވަރު ކޮށްދީފައެވެ. ހަނިއްޔާ ޝަހީދުކޮށްލާފައި ވަނީ, އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާންގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އީރާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
"މިއަދު ހެނދުނު, [އީރާނުގެ ވެރިރަށް] ޠަހްރާންގައި ޙަނިއްޔާ ހުންނެވި ގެއަށް ޙަމަލާދީ, އޭނާއާއި އޭނާގެ ހަށިފާރަވެރިޔާ ވަނީ ޝަހީދު ކޮށްލާފައި. އެ ހާދިސާ މި ދަނީ ތަޙުޤީޤު ކުރަމުން،" އައިއާރްޖީސީން ނެރުނު ބަޔާނެއްގައި ބުންޏެވެ. ހަނިއްޔާ އަވަހާރަ ކޮށްލަން ދިން ޙަމަލާގެ ފަހަތުގައި އޮތީ ޔަހޫދީން ކަން ކަށަވަރު ކޮށްދޭން ޔަހޫދީ ފައުޖުން ދަނީ ދެކޮޅު ހަދަމުންނެވެ. ނަމަވެސް, ޔަހޫދީ ސަރުކާރުގެ ބައެއް ވަޒީރުން ވަނީ އެ ކަމާ މެދު އުފާ ފާޅު ކޮށްފައެވެ.
ހަނިއްޔާ ޝަހީދު ކޮށްލުމާ ގުޅިގެން ޙަމާސުން ވަނީ ޔަހޫދީންނަށް ވަރުގަދަ އިންޒާރެއް ދީފައެވެ. އެ ޖަމާޢަތުގެ ތަރުޖަމާނު ސާމީ އަބޫ ޒުހްރީ ވިދާޅުވީ, ހަނިއްޔާ އަވަހާރަ ކޮށްލުމާ އެކު ބަދަލު ހިފުމުގެ އައު ހިތްވަރެއް އެ ޖަމާޢަތުގެ މުޖާހިދުންނަށް ލިބިފައިވާ ކަމުގައެވެ. އަދި, ބައިތުލްމަޤްދިސް މިިނިވަން ކުރުމަށް ކުރަމުންދާ ޖިހާދު އިތުރަށް ހަރުދަނާކޮށް, ފުޅާ ކުރާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޙަމާސްގެ އެހެން އޮފިޝަލެއް ކަމުގައިވާ މޫސާ އަބޫ މަރްޛޫޤް ވިދާޅުވީ, ހަނިއްޔާ ޝަހީދު ކޮށްލުމުން އެ ކަމުގެ ބަދަލު ހިފާނެ ކަމުގައެވެ. ހަނިއްޔާ އަވަހާރަ ކޮށްލުމާ ގުޅިގެން ޙަމާސުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ, މިއީ އިސްލާމީ ލަޝްކަރުތަކާއި, ފަލަސްޠީނުގެ ރައްޔިތުންގެ އިތުރުން ޢަރަބި އަދި އިސްލާމީ ދުނިޔެއަށް ލިބުނު ބޮޑު ހިތާމައެއް ކަމުގައެވެ. ހަނިއްޔާއަކީ ފަލަސްޠީނުގެ ރައްޔިތުން, ޚާއްޞަކޮށް ޣައްޒާގެ ރައްޔިތުން ބަލައިގަނެފައިވާ ލީޑަރެކެވެ. އަދި, އެތަކެއް ސަތޭކަ ހާސް ބަޔެއްގެ ތާޢީދު ލިބިފައިވާ ވެރިއެކެވެ.