މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ޒަކާތު ފަންޑުން 648 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ޒަކާތު ހައުސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޒަކާތު ހައުސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު ޒަކާތު ފަންޑުން 648 މީހަކަށް އެހީ ދީފާވާއިރު، އެހީގޮތުގައި ޖުމްލަ 15.74 މިލިޔަން ރުފިޔާ ވަނީ ދީފައެވެ.
ޒަކާތު ފަންޑުން އެންމެ ބޮޑު އެހީއެއް ފޯރުކޮށްދީފައިވަނީ ބޭސްފަރުވާ ކުރުމަށެވެ. އެގޮތުން ބޭސްފަރުވާއަށް އެހީގެ ގޮތުގައި 14.9 މިލިޔަން ރުފިޔާ ދީފައިވެއެވެ. އަދި ބޭސްފަރުވާއާ ގުޅޭ އެހެން ކަންކަމަށްވެސް 2.8 މިލިޔަން ރުފިޔާ އެހީއެއް ޒަކާތު ފަންޑުން ދީފައިވެއެވެ.
• ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް / 10 މިލިޔަން ރުފިޔާ
• ކެންސަރު / 1.7 މިލިޔަން ރުފިޔާ
• ސިކުނޑީގެ އޮޕަރޭޝަން / 4.7 ލައްކަ ރުފިޔާ
• ހިތުގެ އޮޕަރޭޝަން / 2.7 ލައްކަ ރުފިޔާ
• ޓްރާންސްޕްލާންޓް / 2 ލައްކަ ރުފިޔާ
• ކިޑްނީ ބަލިތަކަށް / 1.8 ލައްކަ ރުފިޔާ
• ހަށިގަނޑުން ބައެއް ފިހުން / 1.6 ލައްކަ ރުފިޔާ
• ނިއުމޯނިއާ / 1 ލައްކަ ރުފިޔާ
މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު ޚާއްސަ ޙާލަތްތައް މެދުވެރިވެގެން ޙާލުގައި ޖެހޭ ފަރާތްތަކަށް ޒަރޫރީ އެހީގެ ގޮތުގައި ޒަކާތު ފަންޑުން 29،957 ރުފިޔާ ދީފައިވެއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް 484،659 ރުފިޔާ އެހީގެ ގޮތުގައި ވަނީ ދީފައެވެ. މީގެތެރޭގައި ހިމެނެނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ އެކިއެކި ބޭނުންތަކަށް ދެވޭ އެހީއާއި ޢިޝާރާތު ބަހުން ވާހަކަދައްކަން ދަސްކޮށްދިނުމުގެ ތަމްރީންތައް ކުރިއަށްގެންދަން ދީފައިވާ އެހީއެވެ.
މީގެ ކުރިން ފިޠުރުޒަކާތް ނެގުމާއި ޒަކާތް ބެހުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރައްވަމުން ގެންދެވި ނަމަވެސް މިހާރު އެ މަސައްކަތް ކުރަމުން ދަނީ އެކަމަށް ޚާއްސަކޮށް އުފައްދަވާފައިވާ މޯލްޑިވްސް ޒަކާތު ހައުސްއިންނެވެ. މޯލްޑިވްސް ޒަކާތު ހައުސް ރައީސް އުފައްދަވާ، މި އިދާރާ އިފްތިތާޙް ކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.