ޚަބަރު

އައިއެންއައިއޭގެ އައު ޕެސެންޖަރ ޓަރމިނަލްގެ މަސައްކަތް ފަށައިފި


ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ފަށްޓަވާ ތަރައްޤީގެ އެންމެ ބޮޑު އެއް މަޝްރުޢޫކަމަށްވާ، އިބްރާހިމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޕެސެންޖަރ ޓަރމިނަލް ބިނާކުރުމުގެ މަޝްރުޢޫ އިފްތިތާޙުކުރައްވައިފިއެވެ.

އިބްރާހިމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭއްވެވި ރަސްމިއްޔާތެއްގައި އެއަރޕޯޓުގެ އައު ޕެސެންޖަރ ޓަރމިނަލް ބިނާކުރެއްވުމުގެ މަޝްރުޢޫ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ވަޢުދަކީ އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް "ވޯލްޑް ކްލާސް" ފެންވަރުގައި ތަރައްޤީކުރެއްވުމެވެ. މިގޮތުން އެއަރޕޯޓް ތަރައްޤީކުރެއްވުމަށް 800 މިލިއަން ޑޮލަރުގެ ބިޔަ މަޝްރުޢޫއެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވީ މިދިޔަމަހުގެ ހަވަނަ ދުވަހުއެވެ. އަދި އެއާއެކު އެއަރޕޯޓް ތަރައްޤީކުރެއްވުމުގެ މަޝްރުޢޫގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ފެށިގެންދިޔައެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން އެއަރޕޯޓުގައި އާ ރަންވޭއެއް އެޅުމާއި، ފިއުލްފަރމް ތަރައްޤީކުރުމާއި، އާ އޭޕްރަންއަކާއި ކާގޯ ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި މިވަނީ އެއަރޕޯޓް ތަރައްޤީކުރެއްވުމުގެ ބިޔަ މަޝްރުޢޫގެ ދެވަނަ ފިޔަވަހީގެ ދަށުން ކުރެވޭ އެންމެ ބޮޑު މަސައްކަތްކަމަށްވާ، އައު ޕެސެންޖަރ ޓަރމިނަލް ބިނާކުރެއްވުމުގެ އަމަލީ މަސައްކަތް ފަށްޓަވާފައެވެ.

img:http://s4.psmnews.mv/images/660x400/14638588489457.jpg|ޕެސެންޖަރ ޓާރމިނަލް ޕްރޮޖެކްޓާއި ގުޅޭ ބިނާ ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވަނީ / ފޮޓޯ: ޕީއެސްއެމް

އެއަރޕޯޓުގެ އައު ޕެސެންޖަރ ޓަރމިނަލްގެ ބޮޑުމިނުގައި ހަތްދިހަ އަށްހާސް އަކަ މީޓަރު ހުންނާނެއެވެ. ފަސިންޖަރުން ބޯޓަށް އެރުމަށް ސާޅީސް ގޭޓް ބަހައްޓާއިރު، ތިރީސް އަށް އިމިގްރޭޝަން ކައުންޓަރު ހުންނާނެއެވެ. ޕެސެންޖަރ ޓަރމިނަލުން ސީދާ މަތިންދާބޯޓަށް ދެވޭ ގޮތަށް އެއިރޯ ބްރިޖް ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިފައިވާ 12 ޖެޓީއެއް ޕެސެންޖަރ ޓަރމިނަލްގެ މަސައްކަތް ނިމޭއިރު ހުންނާނެއެވެ. 

އެއަރޕޯޓްގެ އާ ޓަރމިނަލް ބިނާކުރެއްވުމުގެ މަސައްކަތް ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމަސައްކަތް ޙަވާލުކޮށްފައިވާ ސަޢޫދީ އަރަބިއްޔާގެ، ސަޢުުދީ ބިން ލާދިން ގްރޫޕާއެކު އެއަރޕޯޓްސް ކޮމްޕެނީން މަސައްކަތުގެ ކޮންޓްރެކްޓްގައި ވަނީ ސޮއިކުރައްވާފައެވެ. އެމްއޭސީއެލްގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާއެވެ. ސައުދީ ބިން ލާދިން ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ރެޕްރެޒެންޓޭޓިވް އަބްދުލްއަޒީޒް ބިން ބިންލާދިންއެވެ.

މި ރަސްމިއްޔާތުގައި، އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު އިންޓަރނޭޝަނަލް ޕެސެންޖަރ ޓަރމިނަލް ޕްރޮޖެކްޓާއި ގުޅޭ ބިނާ ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވިއެވެ.

މިރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ދެއްކެވި ވާހަކަފުޅުގައި މިއީ ދިވެހި ތާރީހުގައި ސަރުކާރުން ހިންގަވާ އެންމެ ބޮޑު އެއް ޕްރޮޖެކްޓްކަމަށްވާއިރު، މިއީ ޤައުމަށް އެންމެ ބޮޑު ފައިދާއެއްވެސް ވާނެ ޕްރޮޖެކްޓްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

img:http://s1.psmnews.mv/images/660x400/14638587333258.jpg|އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ރަސްމިއްޔާތުގައި / ފޮޓޯ: ޕީއެސްއެމް

މިރަސްމިއްޔާތުގައި އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ދެއްކެވި ވާހަކަފުޅުގައި އެއަރޕޯޓުގެ އާ ޕެސެންޖަރ ޓަރމިނަލްގެ މަސައްކަތް ނިމުމުން ގިނަ އަދަދެއްގެ ވަޒީފާތަކެއް އުފެދިގެންދާނޭކަން ފާހަގަކުރެއްވި. އެގޮތުން ދެހާހާއި ތިންހާހާއި ދެމެދުގެ އަދަދަކަށް ވަޒީފާ އިތުރުވެގެންދާނޭކަމަށް އާދިލް މޫސާ ވިދާޅުވިއެވެ.

ޕެސެންޖަރ ޓަރމިނަލް ބިނާކުރެއްވުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ސައުދީ ބިން ލާދިން ގްރޫޕަކީ 1930 ވަނަ އަހަރު ފެށިގެން އުމްރާނީ ތަރައްޤީގެ މިފަދަ ބޮޑެތި މަސައްކަތްތައް ކުރަމުން އަންނަ ސައުދީ އަރަބިޔާގެ އެންމެ ބޮޑު ކުންފުންޏެވެ. އެކުންފުނިން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި މާތްވެގެންވާ މައްކާގައި ހުންނަ މަސްޖިދުލް ހަރާމް އާއި މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީ ބޮޑުކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުންވެސް އެއަރޕޯޓްތަކާއި ހައިވޭތަކާއި ހޮސްޕިޓަލްތަކާއި އަދި އުމްރާނީ ތަރައްޤީޤެ ބޮޑެތި މަޝްރުޢޫތަކެއް ސައުދީ ބިން ލާދިން ގުރޫޕުން ހިންގާފައިވެއެވެ.