ޢިރާޤުގެ ކުރީގެ ރައީސް ސައްދާމް ޙުސައިން އަވަހާރަ ކޮށްލި ގޮތަށް, ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން އަވަހާރަ ކޮށްލަން ޖެހިދާނެ ކަމަށް ނުސީދާކޮށް ބުނެ, ޔަހޫދީންގެ ޚާރިޖީ ވަޒީރު އިސްރާއީލް ކަޓްޒް އިންޒާރު ދީފިއެވެ. ހައްދުފަހަނަ އެޅި ކަޓްޒް އުރްދުޣާނަށް އިންޒާރު ދީފައި ވަނީ ޔަހޫދީންނާ ދެކޮޅަށް ސިފައިން ފޮނުވަން ޖެހިދާނެ ކަމަށް ވިދާޅުވެ އުރްދުޣާން ވަރުގަދަ އިންޒާރެއް ދެއްވުމުންނެވެ. ހައްދުފަހަނަ އެޅި ޔަހޫދީންނަށް އުރްދުޣާން އިންޒާރު ދެއްވާފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން 2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ޔަހޫދީން ދެކޮޅު ހަދަމުންދާ ދަނޑިވަޅެއްގައެވެ.
އުރްދުޣާންގެ ބަސްފުޅު ކުށްވެރިކޮށް ޔަހޫދީންގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ކަޓްޒް ބުނީ, ސައްދާމް ޙުސައިނަކީ ވެސް ހަމަ އެ މޭރުމުން އިންޒާރު ދީފައިވާ ވެރިއެއް ކަމުގައެވެ. އަދި, އޭނާގެ ނިމުން އައި ގޮތް އުރްދުޣާން ހަނދުމަ ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ބުނެ, ކަޓްޒް ވަނީ އުރްދުޣާނަށް ނުސީދާކޮށް އިންޒާރު ދީފައެވެ. ޙުސައިން އަވަހާރަ ކޮށްލާފައި ވަނީ, އެމެރިކާގެ އިސްތިޢުމާރީ ސިފައިން ޢިރާޤަށް އަރައިގަނެ, އޭނާގެ ވެރިކަން ވައްޓައިލުމަށް ކުރި ހަނގުރާމައިގައެވެ.
އޭގެ އިތުރުން, ނޭޓޯގެ މެންބަރެއް ކަމުގައިވާ ތުރުކީވިލާތް, އެ އިއްތިހާދުން ބޭރު ކުރަން ވެސް ކަޓްޒް ވަނީ ގޮވައިލާފައެވެ. ޔަހޫދީންގެ ޚާރިޖީ ވުޒާރާގެ ބަޔާނުގައި ބުނެފައި ވަނީ, ނޭޓޯއިން ތުރުކީވިލާތް ބޭރު ކުރުމަށް ބާރު އެޅުމުގެ ގޮތުން އެ އިއްތިހާދުގެ މެންބަރު ޤައުމުތަކާ ވާހަކަ ދެއްކުމަށް ކަޓްޒް އިރުޝާދު ދީފައިވާ ކަމުގައެވެ. އުރްދުޣާންގެ ބަސްފުޅުތަކުން ދޭހަވަނީ ތުރުކީވިލާތުން އިސްރާއީލުގެ މިނިވަން ކަމާއި ސިޔާދަތަށް އިޙުތިރާމު ނުކުރާ ކަން ކަމުގައި ޔަހޫދީ ޚާރިޖީ ވުޒާރާއިން ސިފަ ކުރިއެވެ.
ޔަހޫދީންގެ ބިންތަކަށް އަރައިގަންނަން ޖެހިދާނެ ކަމަށް ވިދާޅުވެ އުރްދުޣާން އިންޒާރު ދެއްވި ނަމަވެސް, އެ ކަމުގެ ތަފުސީލު ހާމަ ކުރައްވާފައެއް ނުވެއެވެ. ނަމަވެސް, މިސާލެއްގެ ގޮތުން ދެއްކެވީ, ލީބިޔާއާއި ދާލިކް-ކަރަބާއަށް ތުރުކީވިލާތުން ސިފައިން ފޮނުވި ޙާލަތްތަކެވެ. އުރްދުޣާނަކީ, ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާއި ގަތުލުއާންމުތަކާ ދެކޮޅަށް އެންމެ ފާޅުކަން ބޮޑުކޮށް ހިތްހަމަނުޖެހުން ފާޅު ކުރައްވަމުން ގެންދަވާ އެއް ލީޑަރެވެ.
ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މައިމަރުކަޒު ހުންނަނީ ތުރުކީވިލާތުގައި ކަން ފާހަގަކޮށް, ކަޓްޒް ވަނީ އެ ޤައުމަކީ ނިރުބަވެރި ކަމަށް ހިތްވަރުދޭ ޤައުމެއްގެ ގޮތުގައި ވެސް ސިފަ ކޮށްފައެވެ. ކުރިން ވަރަށް ގާތް ދެ ޤައުމު ކަމުގައިވާ އިސްރާއީލާއި ތުރުކީވިލާތާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާތާ މިހާރު ދަހަރެއްހާ ދުވަސް ފާއިތުވެއްޖެއެވެ. ޣައްޒާ ޢުދުވާނާ ގުޅިގެން ތުރުކީވިލާތުން ވަނީ ޔަހޫދީންނާ އެކު ވިޔަފާރީގެ ގުޅުންތައް ވެސް ކަނޑައިލާފައެވެ.