ޚަބަރު

ކެރަލާގައި ބިންގަނޑު ކެނޑިގެން މަރުވި މީހުންގެ ޢަދަދު 167އަށް


އިންޑިޔާގެ ދެކުނު ކެރަލާ ސްޓޭޓަށް ބޯކޮށް ވާރޭވެހުމާ ގުޅިގެން ހިނގި ބިންގަނޑު ކެނޑުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު 167އަށް އުފުލިއްޖެއެވެ. ބިންގަނޑު ކެނޑި ކިސަޑު ފޭބުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ ކެރަލާގެ ވަޔަނާޑްގެ މުންޑަކާއީއާއި ޗޫރުލްމަލާއަށެވެ. އަދި, ކިސަޑު ފޭބި ވަގުތު ގިނަ ޢަދަދެއްގެ ބަޔަކު ޗަލިޔާރް ކޯރުގެ ތެރެއަށް ވެއްޓި, ދަމައިގަނެފައިވާ ކަމުގައި އޮފިޝަލުން ބުންޏެވެ.

މި ހާދިސާގައި ގެއްލިފައިވާ ކަމަށް ބެލެވޭ މީހުންގެ ހަށިތައް ހޯދަން އިންޑިޔާގެ ފުލުހުންނާއި ސިފައިންގެ އިތުރުން އެ ސަރަޙައްދުގައި ދިރިއުޅޭ ޢާންމުންގެ ޓީމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ސަރަޙައްދަށް އަދިވެސް ބޯކޮށް ވާރޭ ވެހެމުން ދިޔުމާ ގުޅިގެން ޗަލިޔާރް ކޯރުގެ ފެންގަނޑު އިތުރަށް ބޮޑުވެފައިވާ ކަމުގައި އޮފިޝަލުން ބުންޏެވެ. އަދި, ވިއްސާރައާ ގުޅިގެން, ގެއްލިފައިވާ މީހުންގެ ހަށިތައް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައި ވެސް އޮފިޝަލުން ބުންޏެވެ.

ބިންގަނޑު ކެނޑުމާ އެކު, މުންޑަކާއީއަށް ދަތުރު ކުރެވެން އޮންނަ ހަމައެކަނި ބުރިޖު ވަނީ ހަލާކުވެފައެވެ. އެ ސަރަޙައްދަށް ދަތުރު ކުރުމަށް އިންޑިޔާގެ ސިފައިން ވަގުތީ ބުރިޖެއް ބިނާ ކުރި ނަމަވެސް, އެ ބުރިޖު ވެސް ވަނީ ހަލާކުވެފައެވެ. އިންޑިޔާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ, ކުރިއަށް އޮތް 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ވެސް އެ ސަރަޙައްދަށް އިތުރަށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމުގައެވެ. އަދި, ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ކެރަލާގެ ޗީފް މިނިސްޓަރު ޕިނާޔަރީ ވިޖަޔަން ވަނީ އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އިރުޝާދު ދެއްވާފައެވެ.

48ވަރަކަށް ގަޑިއިރުގެ ތެރޭގައި އެ ސަރަޙައްދަށް 572 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމުގައި އިންޑިޔާގެ މޫސުމާ ބެހޭ އިދާރާއިން ހާމަކުރިއެވެ. މޫސުމީ މާހިރުންނަށް ހަވާލާދެއްވައި ވާހަކަފުޅު ދައްކަވަމުން ވިޖަޔަން ވިދާޅުވީ, އެ ސްޓޭޓަށް އާދަޔާ ޚިލާފަށް ބޯކޮށް ވާރޭ ވެހިފައި ވަނީ އިންސާނުންގެ ފުށުން މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކަމަށް ބެލެވޭ ކަމުގައެވެ.

މުންޑަކާއީއާއި ޗޫރުމްމަލާއިން މަރުވި މީހުންގެ ޢަދަދު 167އަށް އުފުލިފައިވާ ކަމުގައި ކެރަލާގެ އޮފިޝަލުން ވިދާޅުވާއިރު, މަރުވި މީހުންގެ ޢަދަދު 230އަށް އުފުލިފައިވާ ކަމަށް އިންޑިޔާގެ ބައެއް މީޑިޔާތަކުން ރިޕޯޓު ކުރެއެވެ. މުންޑަކާއީއާއި ޗޫރުލްމަލާއަކީ ފުޅާ ދާއިރާއެއްގައި ސައިފަތާއި ކާފޫރުތޮޅީގެ ދަނޑުވެރި ކަން ކުރާ ސަރަޙައްދެކެވެ. ބިންގަނޑު ކެނޑުމުގެ ހާދިސާގައި ހާލުގައި ޖެހުނު 1,600އަށްވުރެ ގިނަ މީހުން ސަލާމަތް ކޮށްފައިވާ ކަމުގައި އޮފިޝަލުން ބުންޏެވެ. އަދި, 8,000އެއްހާ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފައެވެ.

މިއީ, 2018ވަނަ އަހަރަށް ފަހު ކެރަލާ ސްޓޭޓަށް ކުރިމަތިވި މި ފަދަ އެންމެ ނުރައްކާތެރި ހާދިސާއެވެ. މޫސުމާ ބެހޭ އޮފިޝަލުން ވިދާޅުވީ, ފާއިތުވި ދެ ހަފުތާއެއްހާ ދުވަހު މެދުކެނޑުމެއް ނެތި ވާރޭ ވެހުމާ ގުޅިގެން ކެރަލާގެ ފަރުބަދަމަތީ ބައެއް ސަރަޙައްދުތަކުގެ ފަސްގަނޑު މަޑުވެފައިވާ ކަމުގައެވެ. އަދި, ބިންގަނޑު ކެނޑި, ކިސަޑު ފައިބަން މެދުވެރިވީ ބޯކޮށް ވާރޭ ވެހުމާ ގުޅިގެން ކަމުގައެވެ.