ޕާކިސްތާނުގެ ބާރުގަދަ އަސްކަރިއްޔާއާ މަޝްވަރާކޮށް, އުފެދިފައިވާ ނުތަނަވަސް ކަމަށް ސުލްޙަވެރި ހައްލެއް ހޯދަން ބޭނުންފުޅުވާ ކަމުގައި ޖަލު ބަންދުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހާމަކުރައްވައިފިއެވެ. ފާއިތުވި އަހަރެއްހާ ދުވަހު ޖަލުގައި ހުންނެވި ޚާން ވިދާޅުވީ އޭނާގެ މައްޗަށް ސާބިތު ކޮށްފައި ވަނީ ސިޔާސީ ދަޢުވާތަކެއް ކަމުގައެވެ. އަދި, ޝަރުޠުތަކަކާ އެކު އަސްކަރިއްޔާއާ އެކު މަޝްވަރާތައް ބާއްވަން ތައްޔާރަށް ހުންނެވި ކަމުގައި އޭނާ ވިދާޅުވިއެވެ.
މަޝްވަރާ ކުރައްވަން ބޭނުންފުޅު ވަނީ ކޮން ކަމަކާ ގުޅޭ ގޮތުން ޚާން ސާފުކޮށް ދެއްވާފައެއް ނުވެއެވެ. ނަމަވެސް, އޭނާގެ ރަސްމީ އެކްސް (ކުރިން ޓުވިޓަރ) އެކައުންޓުގައި ޝާއިޢު ކުރެއްވި ޕޯސްޓެއްގައި ޚާން ވަނީ ދާދިފަހުން އެ ޤައުމުގައި ބޭއްވި ޢާންމު އިންތިޚާބުގެ ނަތީޖާ ބާޠިލުކޮށް, އަލުން އިންތިޚާބު ބޭއްވުމަށް ގޮވައިލައްވާފައެވެ. އަދި, އެއީ "ސާފު އަދި ދެފުށް ފެންނަ" އިންތިޚާބަކަށް ވާންް ޖެހޭނެ ކަމަށް އޭނާ ޝަރުޠު ކުރެއްވިއެވެ. މީގެ އިތުރުން, އޭނާއާ ދެކޮޅަށް އުފުލާފައިވާ ސިޔާސީ ދަޢުވާތައް ބާޠިލު ކުރަން ވެސް ޚާން ވަނީ އެދިވަޑައިގަންނަވާފައެވެ.
"އަސްކަރިއްޔާގެ ވެރިން ތަމްސީލު ކުރައްވާނެ ބޭފުޅަކު ކަނޑައެޅުމުން އަޅުގަނޑުމެން މަޝްވަރާތައް ބާއްވާނަން. ޤައުމުގައި މި ވަގުތު ހިންގަމުން ދަނީ އަސްކަރީ ވެރިކަމެއް. އަޅުގަނޑުމެން ބޭނުމީ ޤައުމީ ކަންކަމުގައި ގޮތް ނިންމާ އަސްކަރިއްޔާގެ އިސް ބޭފުޅުންނާ އެކު މަޝްވަރާ ކުރަން،" ޕާކިސްތާނުގެ ސަރުކާރަކީ އަސްކަރިއްޔާގެ ގޮނޑިކޮއްކޮއެއް ކަމަށް ތުހުމަތު ކުރައްވައި ޚާން ވިދާޅުވިއެވެ.
އަސްކަރިއްޔާއާ އެކު ބާއްވަން ހުށަހަޅާފައިވާ މަޝްވަރާތަކުގައި އޭނާ ތަމްސީލު ކުރައްވާނީ މަޙްމޫދު ޚާން އަޗަކްޒައީ ކަމަށް ވެސް އޭނާ ވަނީ ކަނޑައަޅުއްވާފައެވެ. ޚާންގެ އަރިސް ބޭފުޅެއް ކަމުގައިވާ އަޗަކްޒައީއަކީ ޕާކިސްތާނުގެ އަސްކަރިއްޔާއާ ދެކޮޅަށް މީގެ ކުރިން ވެސް ބަސް ވިދާޅުވެފައިވާ ބޭފުޅެއް ކަން ފާހަގަކޮށްލަން ޖެހެއެވެ. އަސްކަރިއްޔާއާ އެކު މަޝްވަރާތައް ބާއްވަން މީގެ ކުރިން ވެސް ޚާން އެދިވަޑައިގަންނަވާފައިވެއެވެ. ނަމަވެސް, އަސްކަރިއްޔާއިން ވަނީ އެ ކަމާ ދެކޮޅު ހަދާފައެވެ.
ޚާންގެ ހުށަހެޅުމަށް ރައްދު ދިނުމުގެ ގޮތުން އަސްކަރިއްޔާއިން ވަނީ ތަރުޖަމާނު އަޙްމަދު ޝަރީފް ޗައުދްރީ މޭ 7ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދައްކަވާފައިވާ ވާހަކަފުޅުގެ ވީޑިޔޯއެއް ހިއްސާ ކޮށްފައެވެ. އެ ވީޑިޔޯގައި ޗައުދަރީ ވިދާޅުވެފައި ވަނީ, އަސްކަރިއްޔާއާ ދެކޮޅަށް ޙަމަލާ ދިނުމުގައި ބައިވެރިވެފައިވާ ސިޔާސީ ލީޑަރުންނާއި ޕާޓީތަކާ މަޝްވަރާ ކުރުމުގެ އެއްވެސް ފުރުޞަތެއް ނޯންނާނެ ކަމުގައެވެ.
ހުސްވި އަހަރު ޚާން ހައްޔަރު ކުރުމާ ގުޅިގެން އޭނާއަށް ތާޢީދު ކުރާ އެތަކެއް ސަތޭކަ ހާސް މަގުތަކަށް ނިކުމެ ކުރި މުޒާހަރާތަކުގެ ތެރެއިން ބައެއް މީހުން އަސްކަރިއްޔާގެ މަރުކަޒުތަކަށް ޙަމަލާ ދޭން މަސައްކަތް ކޮށްފައި ވަނީ ޚާންގެ އަމުރަށް ކަމަށް އަސްކަރިއްޔާއިން ތުހުމަތު ކުރެއެވެ. ޚާން އެ ތުހުމަތުތައް ދޮގު ކުރައްވައެވެ. އަދި, އޭނާ ތުހުމަތު ކުރައްވާ ގޮތުގައި, 2022ވަނަ އަހަރު އޭނާގެ ސަރުކާރު ވައްޓައިލާފައި ވަނީ އަސްކަރިއްޔާއިން ޤާނޫނު ހަދާ މަޖިލީހަށް ނުފޫޒު ފޯރުވައިގެންނެވެ. ނަމަވެސް, އަސްކަރިއްޔާއިން މި ތުހުމަތުތަކާ ދެކޮޅު ހަދައެވެ.
ޚާން ޖަލަށް ލާފައި ވަނީ ހުސްވި އަހަރުގެ އޮގަސްޓު މަހުއެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ ސިޔާސީ ދަޢުވާތަކެއް ކަމުގައި އޭނާގެ ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި) ޕާޓީން ވެސް ތުހުމަތު ކުރެއެވެ. އޭނާ ޖަލަށްލުމާ އެކު އިޤުތިޞާދީ ކާރިސާއަކާ ކުރިމަތިވެފައިވާ ޕާކިސްތާނުގެ ސިޔާސީ މަސްރަޙު ހަލަބޮލިވިއެވެ. އިޤުތިޞާދީ ކާރިސާއިން އަރައިގަތުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ އެހީތެރިކަން ހޯދުމަށް ޕާކިސްތާނުގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.