ޚަބަރު

ޔަހޫދީންގެ ޖަލުތަކުގައި ފަލަސްޠީނުގެ މުސްލިމުންނަށް ލާއިންސާނީ އަނިޔާ ކުރޭ: އދ


ފަލަސްޠީނުގެ ޣައްޒާއިން އެތަކެއް ހާސް މުސްލިމުން ހައްޔަރު ކޮށްގެން ގެންގޮސް ޔަހޫދީންގެ ޖަލުތަކުގައި އިންސާނީ ޙައްޤުތަކާއި ޤާނޫނުތަކާ ޚިލާފު އަނިޔާތައް ދެމުންދާ ކަން އދން ހާމަ ކޮށްފިއެވެ. އިންސާނީ ޙައްޤުތަކާ ބެހޭ އދގެ ހައި ކޮމިޝަނަރުގެ އޮފީހުން ހާމަ ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ, ގިނަ ޢަދަދެއްގެ މުސްލިމުންނަށް ޔަހޫދީ ފައުޖުން ލާއިންސާނީ އަނިޔާތައް ދީފައިވާއިރު, އަނިޔާތަކުގެ ސަބަބުން ގިނަ ޢަދަދެއްގެ މުސްލިމުން ޝަހީދުވެފައިވާ ކަމުގައެވެ.

އިންސާނީ ޙައްޤުތަކާ ބެހޭ އދގެ އޮފީހުން ނެރުނު 23 ޞަފުހާގެ ރިޕޯޓުގައި ބުނެފައި ވަނީ, ގިނަ މީހުން ހައްޔަރު ކޮށްފައި ވަނީ ޣައްޒާގެ އެކި ކަންކޮޅުތަކުގައި ޔަހޫދީ ސިފައިން ގާއިމު ކޮށްފައިވާ ޗެކްޕޮއިންޓުތަކުން ކަމުގައެވެ. އަދި, އެ މީހުން ހައްުޔަރުކޮށްގެން ޔަހޫދީންގެ ޖަލުތަކަށް ގެންގޮސްފައި ވަނީ, ޣައްޒާގެ ރަށްތަކަށް ޔަހޫދީ ފައުޖުން ދެމުން ދިޔަ ލާއިންސާނީ ޙަމަލާތަކުން ސަލާމަތް ވާން, އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށްތަކަށް ހިޖުރަ ކުރަން މަސައްކަތް ކުރުމުގެ ތެރޭގައި ކަމުގައެވެ.

އޭގެ ތެރެއިން ގިނަ މީހުން ގެންގޮސްފައި ވަނީ ކަނުބަނދެ, ފުރަގަހަށް ބިޑި އަޅުވައިގެން ކަމަށާއި, އެ މީހުން ބައިތިއްބާފައި ތިބީ ހައިވާނުބަގީޗާ ފަދަ ތަންތަނުގައި ހުންނަ ފަދަ ކޮށިތަކެއްގައި ކަމަށް ވެސް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. އެ މީހުުންނަށް ޤަޟާޙާޖަތް ކުރުމުގެ ފުރުޞަތު ދީފައި ނުވާ ކަމަށާއި, އެ މީހުން ބައިތިއްބާފައި ތިބީ ނެޕީ ޖައްސުވާފައި ކަމުގައި ވެސް އދގެ އޮފީހުން ހާމަކުރިއެވެ. އަދި, ޔަހޫދީ ފައުޖުގެ ހައްޔަރުގައި ޖަލުގައި ތިބި އެތަކެއް ހާސް މުސްލިމުންގެ ތެރެއިން 53 މީހުން ޝަހީދުވެފައިވާ ކަން ކަށަވަރު ކުރެވިފައިވާ ކަމަށް ވެސް އދގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާއިން ހާމަކުރިއެވެ.

"އަޅުގަނޑުގެ އޮފީހުން އެއްކުރި މަޢުލޫމާތުން ވަރަށް ކަންބޮޑުވާ ފަދަ އަމަލުތަކެއް ހާމަވި. އޭގެ ތެރޭގައި ވޯޓަރބޯޑިންގ [އުޑުތިލަމަތިން ތަނެއްގައި ބާއްވައި އަތްފައި ހައްޔަރުކޮށް, މޫނުމަތީގައި ފޮތިގަނޑެއް އެޅުމަށް ފަހު އަނގައާއި ނޭފަތަށް ފެން އެޅުން] އަދި ކުއްތާ ފައުކުރުން ފަދަ އިންސާނީ ޙައްޤުތަކާއި, އިންސާނީ ޤާނޫނުތަކާ ޚިލާފު އަނިޔާ ދިނުން ހިމެނޭ،" އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަނަރު ފޮލްކަރ ތުރްކު ވިދާޅުވިއެވެ.

ޔަހޫދީންގެ ޖަލުތަކުގައި ހައްޔަރު ކޮށްފައި ތިބި ފަލަސްޠީނުގެ މުސްލިމުން ވަގުތުން މިނިވަން ކުރުމަށް ވެސް އޭނާ ވަނީ ގޮވައިލައްވާފައެވެ. ޔަހޫދީންގެ ދެ ޖަލެއްގައި ހައްޔަރު ކޮށްފައި ތިބި ފަލަސްޠީނުގެ މުސްލިމުންގެ ބަޔަކަށް ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ލާއިންސާނީ އަނިޔާ ކުރި މައްސަލައެއް ދާދި ފަހުން ވެސް ފެންމަތިވިއެވެ. އޭގެ ތެރެއިން އަނިޔާ ލިބުުނު އެކަކަށް މިހާރު ދަނީ ހަސްފަތާލުގައި ފަރުވާ ދެމުންނެވެ. ޔަހޫދީ ފައުުޖުގެ ހައްދުފަހަނަ އެޅި ސިފައިން އެ މީހާގެ ފުރަގަސް ފަރާތަށް ޖިންސީ އަނިޔާ ކޮށްފައިވާ ކަން ވެސް ވަނީ ހާމަވެފައެވެ.

ފަލަސްޠީނުގެ މުސްލިމުންނަށް ޔަހޫދީންގެ ޖަލުތަކުގައި ދެމުންދާ އަނިޔާތައް ތަޙުޤީޤު ކުރުމަށް ބާރު އަޅަން ފެށުމުން, ޒަޔަނިސްޓު އިސްރާއީލުން ވަނީ އެ ކަމަށް އެއްބަސްވެ, ތަޙުޤީޤު ކުރަން ފަށާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް, ތަޙުޤީޤުތަކަށް ހުރަސް އަޅަން ހައްދުފަހަނަ އެޅި ޔަހޫދީ ޢާންމުންނާއި, ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ކެބިނެޓުގެ ވަޒީރުން ވަނީ މަސައްކަތް ފަށާފައެވެ. މި ގޮތުން, ތަޙުޤީޤަށް ހުރަސް އެޅުމުގެ ގޮތުން ހައްދުފަހަނަ އެޅި ޔަހޫދީ ޢާންމުންގެ ބައިގަނޑަކުން ވަނީ ސްދޭ ތީމާން އަސްކަރީ ޖަލާއި ބައިތު ލިޔާދް އަސްކަރީ ކޯޓަަށް ގަދަބާރުން ވަދެގަނެ, އެ ތަނަށް ޙަމަލާ ދީފައެވެ. އަދި, އެ ތަނުގައި ހައްޔަރު ކޮށްފައި ތިބި މުސްލިމުންނަށް އަނިޔާ ކުރަން މަސައްކަތް ކޮށްފައެވެ.

ޔަހޫދީންގެ ޖަލުތަކުގައި ހައްޔަރު ކޮށްފައިވާ ފަލަސްޠީނުގެ މުސްލިމުންގެ ތެރޭގައި ގިނައީ ޒުވާން އުމުރުގެ ފިރިހެނުންނާއި ފިރިހެން ކުދިން ކަން ވެސް އދގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި, ނަރުހުންނާއި, ބަލި މީހުން ވެސް ހިމެނޭ ކަމުގައި އެ ރިޕޯޓުުގައި ހާމަކުރިއެވެ.