ޚަބަރު

ފިހާރައެއް ފަޅާލައިގެން ވައްކަންކުރި މީހަކު ހައްޔަރުކޮށްފި


އދ. މަހިބަދޫ ފިހާރައެއް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ އާއި ފޯނު ކާޑުތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ. 

ފުލުުހުން ވިދާޅުވީ މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ މާލެ ދިއުމަށްޓަކައި ބަނދަރުމަތީގައި ހުއްޓާކަމަށާއި، އޭނާ ހައްޔަރުކޮށް ބަލާފާސްކުރިއިރު، އޭނާ ލައިގެން ހުރި ޓައިޓެއްގެ ތެރެއިން ސާޅީސް ފަސް ހާސް ހަތް ސަތޭކަ ރުފިޔާ ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ކޯޓް އަމުރެއްގެ ދަށުން މީނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު އެ ގެއިން ހަތްހާސް ތިންސަތޭކަ ހަތްދިހަ ރުފިޔާ އާއި ތިންހާހެއްހާ ރުފިޔާގެ ފޯނުކާޑު ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. 

މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ ބަންދުގެ މުއްދަތު ދެއްވާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަ އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުޤީގް ކުރަމުންނެވެ.