ޚަބަރު

ބަންގްލަދޭޝް މުޒާހަރާތައް އަލުން ފެށުމުން ފުލުހުން ބާރުގެ ބޭނުން ކުރަނީ


ބަންގްލަދޭޝް ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށް އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި ބޭއްވި ހިނގައިލުންތަކަށް ހުރަސް އެޅުމުގެ ގޮތުން ފުލުހުން އަނެއްކާ ވެސް ބާރުގެ ބޭނުން ކުރަން ފަށައިފިއެވެ. އެތަކެއް ހާސް ބަޔަކު ވެރިރަށް ދާކާގެ މަގުތަކަށް ނިކުމެފައި ވަނީ, ސަރުކާރު ވަޒީފާއަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް ބޭއްވި މުޒާހަރާތައް ރޫޅައިލަން ފުލުހުން ބާރުގެ ބޭނުންކޮށް 150 މީހުން މަރައިލުމުން އެ ކަމާ މެދު ހިތްހަމަ ނުޖެހުން ފާޅު ކުރުމުގެ ގޮތުންނެވެ.

ޖުލައި މަހު ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުން ބާއްވާފައިވާ މުޒާހަރާތަކަކީ, ހަތަރުވަނަ ދައުރަކަށް އިންތިޚާބު ވެފައިވާ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ސަރުކާރާ ދެކޮޅަށް މިހައިތަނަށް ކޮށްފައިވާ އެންމެ ބޮޑެތި މުޒާހަރާތަކެވެ. ޖަނަވަރީ މަހު ބޭއްވި އިންތިޚާބު ބޮއިކޮޓުކޮށް, އިދިކޮޅު މައި ޕާޓީ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ން އިންތިޚާބުގައި ބައިވެރިވެފައެއް ނުވެއެވެ.

މުޒާހަރާތަކުގައި އެތަކެއް ހާސް ބަޔަކު ޒަޚަމު ކޮށްލައި 1,600އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާތީ އެ ކަމާ މެދު ހިތްހަމަނުޖެހުން ފާޅު ކުރުމަށް ދާކާގެ އިތުރުން އިރުއުތުރު ސިލޭޓް ޑިސްޓްރިކްޓުގެ މަގުތަކަށް ވެސް އެތަކެއް ހާސް ބަޔަކު ޖަމާވިއެވެ. ފުލުހުން ވަނީ ސިލޭޓްގައި ބޭއްވި ހިނގައިލުމުގައި ބައިވެރިވި މީހުން ހުއްޓުވަން ވެސް ބާރުގެ ބޭނުން ކޮށްފައެވެ. އެ މީހުންނާ ދެކޮޅަށް ކަރުނަ ގޭހާއި ސްޓަން ގްރިނޭޑް ފަދަ ހަތިޔާރު ބޭނުން ކޮށްފައިވާނެ ކަން އެ ސަރަހައްދުގެ ފުލުހުންގެ ކޮމިޝަނަރުގެ ނައިބު އަޛްބަހާރް ޢަލީ ޝައިޚް ކަށަވަރު ކޮށްދެއްވިއެވެ.

މީގެ އިތުރުން, ދެކުނުގައި އޮންނަ ބަނދަރުމަތީ ރަށް ޗޮއްޓޮގްރާމާއި ބޮރީޝާލްގައި ވެސް ފުލުހުން ވަނީ ހިނގައިލުމުގެ ބައިވެރިންނާ ކުރިމަތިލާފައެވެ. ބޮރީޝާލްގައި ހިނގި ކުރިމަތިލުންތަކުގައި 10 މީހުން ޒަޚަމުވި ކަމަށް ރިޕޯޓުތައް ބުނާއިރު, އޭގެ ތެރޭގައި ނޫސްވެރިން ވެސް ހިމެނެއެވެ. ދާކާގެ ހައި ކޯޓުގެ އިމާރާތް ކައިރިއަށް އެއްވި މީހުންގެ ތެރެއިން ހަތް ދަރިވަރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. ދާކާގައި ބޭއްވި ހިނގައިލުމުގައި ޤާނޫނީ ވަކީލުންނާއި ޔުނިވަރސިޓީތަކުގައި ކިޔަވައިދެއްވާ މުދައްރިސުން ވެސް ބައިވެރިވިއެވެ.

މުޒާހަރާތަކުގައި ފުލުހުން މަރައިލި 150އަށްވުރެ ގިނަ މީހުންނަށް އިންސާފު ހޯދައިދިނުމުގެ ނަމުގައި އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި ހިނގައިލުންތައް އިންތިޒާމު ކޮށްފައި ވަނީ ތަފާތު ކުރުންތަކާ ދެކޮޅަށް ވަކާލާތު ކުރާ ދަރިވަރުންގެ ޖަމުޢިއްޔާ, ސްޓޫޑެންޓްސް އެގެއިންސްޓް ޑިސްކްރިމިނޭޝަނުންނެވެ. ޖުލައިގައި ބޭއްވި ބޮޑެތި މުޒާހަރާތައް އިންތިޒާމު ކުރުމުގައި ވެސް އެ ޖަމުޢިއްޔާއިން އިސް ދައުރެއް އަދާ ކުރިއެވެ.

ޖުލައިގައި ބޭއްވި މުޒާހަރާތައް ހުއްޓައިލާފައި ވަނީ, ސަރުކާރު ވަޒީފާ ދިނުމުގައި އަމަލު ކުރާ ކޯޓާ ނިޒާމު. މުރާޖަޢާ ކުރަން ސުޕްރީމް ކޯޓުން އަމުރު ކުރުމާ ގުޅިގެންނެވެ. މުޒާހަރާތައް ހުއްޓައިލި ނަމަވެސް, ދަރިވަރުންގެ ޖަމުޢިއްޔާތަކުން އަނެއްކާ ވެސް މަގުތަކަށް ނިކުމެފައި މި ވަނީ, ފުލުހުންގެ ޙަމަލާތަކުގައި މަރުވި ދަރިވަރުންނަށް އިންސާފު ހޯދައިދިނުމުގެ ނަމުގައެވެ. "އަޅުގަނޑުމެންގެ އެދުމަކީ [ސަރުކާރުން ހިންގާފައިވާ] ހަމަނުޖެހުންތައް އދއިން ތަޙުޤީޤު ކޮށްދިނުން،" ހިނގައިލުންތައް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މުޙައްމަދު މާހީން ޝަރްކާރް ބުންޏެވެ.

ޖުލައިގެ މުޒާހަރާތާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުންގެ ޢަދަދު 10,000އަށް އަރާ ކަމުގައި އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ބުނެއެވެ. އޭގެ ތެރެއިން ގިނަ މީހުން ހައްޔަރު ކޮށްފައި ވަނީ ފުލުހުންނާއި ކުރިމަތިލައި, ދަޢުލަތާއި ޢާންމުންގެ މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުގައެވެ.

ފާއިތުވި 15ވަރަކަށް އަހަރުގެ ތެރޭގައި ޙަސީނާގެ ސަރުކާރު ޚުދުމުޚްތާރު ވެރިކަމަކަށް ބަދަލުވެފައިވާ ކަމުގައި އެ ޖަމުޢިއްޔާތަކުން ތުހުމަތު ކުރެއެވެ. އޭނާގެ ސަރުކާރާ ދެކޮޅަށް އުފުލާފައިވާ ބައެއް ތުހުމަތުތަކުގެ ތެރޭގައި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ވެރިން ހައްޔަރު ކުރުމާއި, ސަރުކާރާ ދެކޮޅަށް އަޑުއުފުލައި ޚިޔާލު ފާޅު ކުރާ މީހުން ހައްޔަރު ކުރުން ފަދަ އަމަލުތައް ހިމެނެއެވެ. ނަމަވެސް, ޙަސީނާ ގެންދަވަނީ އެ ތުހުމަތުތައް ދޮގު ކުރައްވަމުންނެވެ.

ޙަސީނާގެ ސަރުކާރާ ދެކޮޅަށް ކުރި ބޮޑެތި މުޒާހަރާތަކާ ގުޅިގެން އޭނާ ވަނީ އިދިކޮޅު ޕާޓީތަކާ ދެކޮޅަށް ފިޔަވަޅުތައް އަޅަން ފަށާފައެވެ. މި ގޮތުން, އިދިކޮޅު ސިޔާސީ ޕާޓީއެއް ކަމުގައިވާ ޖަމާޢަތު އިސްލާމީ އުވައިލުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ. ޙަސީނާގެ ސަރުކާރުން ބުނީ, މުޒާހަރާތައް ރޭވުމުގައި އެ ޕާޓީން އިސް ދައުރެއް އަދާކޮށްފައިވާ ކަމުގައެވެ. އެ ޕާޓީން ވަނީ މި ކަން ކުށްވެރިކޮށް, އެ ޕާޓީ އުވައިލުމުގެ މަސައްކަތް ކުރަމުން ދަނީ ޤާނޫނުއަސާސީއާ ޚިލާފަށް ކަމަށް ބުނެފައެވެ.