ޚަބަރު

ހިންގުމުގެ ޚަރަދު ކުޑަކޮށް، ނިމުނު ދެ ކުއާޓަރުގައި ފެނަކައަށް ފައިދާ


  • ފެނަކައިގެ މާލީ ޙާލަތު ރަނގަޅުކުރަން ގިނަ މަސައްކަތްތައް ވަނީ ފަށާފައި

  • މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ހިންގުމުގެ ޚަރަދު އޮތީ 24.7 މިލިއަންގެ ގެއްލުމުގައި

  • ކުންފުނީގެ ދަަރަނި އަދާކުރެވޭނެކަމަށް އަންދާޒާކުރަނީ 2027ގެ ނިޔަލަށް

ޚަރަދުތައް ކުޑަކޮށް، މިދިޔަ ދެ ކުއާޓަރުގައި ފެނަކައަށް ހިންގުމުގެ ހޭދައިން ފައިދާވެފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކައިގެ މާލީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުއާޒް ވިދާޅުވީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ ހަމައަށްވެސް ފެނަކަ ހިންގާފައިވަނީ ބޮޑުތަނުން ގެއްލުމުގައި ކަމަށެވެ.

އައު ސަރުކާރު ވެރިކަމާ ހަވާލުވިއިރު މާލީ ޙާލަތު އެންމެ ދަށްކޮށް އޮތް ކުންފުންޏަކީ ފެނަކަ ކޯޕަރޭޝަނެވެ. އެކުންފުނީގެ ދަރަނި އޮތީ 4.3 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މިވަގުތު ފެނަކައިގެ އެންމެ ބޮޑު އަމާޒަކީ ޚަރަދުތައް ކުޑަކޮށް، ކުންފުނީގެ ދަރަނިތައް ވީހާވެސް އަވަހަށް އަދާކުރުމެވެ. އަދި އެއަށްފަހު ކުންފުންޏަކީ ސަރުކާރަށް ބަރޯސާނުވެ ހިންގާ ކުންފުންޏަކަށް ހެދުމެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ ކުންފުނީގެ ޚަރަދުތައް ކުޑަކޮށް، ގެންނަން ފެށި ހެޔޮ ބަދަލުތައް ކުންފުނީގެ މާލީ ރިޕޯޓްތަކުންވެސް ފެންނަން ފަށާފައިވާކަމަށެވެ. އެގޮތުން ނިމުނު ދެ ކުއާޓަރުގައި ކުންފުނީގެ ޚަރަދު ކުޑަކޮށް، ދެ ކުއާޓަރުގައިވެސް ކުންފުންޏަށް ފައިދާވެފައިވާކަމަށެވެ.

އައު ސަރުކާރު ވެރިކަމާ ހަވާލުވިއިރު ކުންފުނީގެ ޙާލަތު ވަރަށް ދަށުގައި އޮތްއިރު، ނިމުނު އަހަރުގެ ފަހު ކުއާޓަރުގައި ކުންފުނީގެ ހިންގުމުގެ ޚަރަދު އޮތީ 24.7 މިލިއަން ރުފިޔާގެ ގެއްލުމުގައެވެ.

މުއާޒު މުޙައްމަދު ރަޝީދު ވިދާޅުވީ، މެނޭޖްމަންޓުން ކުރި ބުރަ މަސައްކަތާއެކު މިއަހަރުގެ ދެ ކުއާޓަރުގައި އޮޕަރޭޝަނަލް ޚަރަދުތައް ކުޑަކޮށް، ކުންފުންޏަށް ފައިދާ ލިބިފައިވާކަމަށެވެ. ފުރަތަމަ ކުއާޓަރުގައި 7.7 މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ވެފައެވެ. އެއީ އޭގެ ކުރީ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު %77ގެ ކުރިއެރުމެކެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައި 4.2 މިލިއަން ރުފިޔާގެ ފައިދާއެއް ފެނަކައަށްވަނީ ވެފައެވެ. އެއީ 2023ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު %117ގެ ކުރިއެރުމެކެވެ.

މުއާޒު ވިދާޅުވީ ކުންފުނީގެ ޚަރަދުތައް ކުޑަކުރުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާއިރު، ދަރަނިތައްވެސް އަދާކުރަމުންދާކަމަށެވެ. ކުންފުނީގެ ދަރަނި އަދާކުރުމަށް ކުރަމުންދާ މަސައްކަތުގައި މިދިޔަ 6 މަހު، 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނަށް އަދާކޮށްފައިވާކަމަށް ފެނަކައިން ވަނީ ބުނެފައެވެ. ފެނަކައިގެ ޢަމާޒަކީ ކުންފުނީގައި އޮތް 4.3 ބިލިއަންގެ ދަރަނި 2027ގެ ނިޔަލަށް އަދާކޮށް، ކުންފުނި މުޅިން ފައިދާގައި ހިންގާ ކުންފުންޏަކަށް ހެދުމެވެ.

"އަޅުގަނޑުމެން ހަވާލުވިއިރު ކުންފުނީގެ ޙާލަތު ވަރަށް ދަށް. އޮތީ 4.3 ބިލިއަންގެ ދަރަނީގައި. ހިންގުމުގެ ޚަރަދު 24 މިލިއަންގެ ގެއްލުމުގައި 2023ގެ ފަހު ކުއާޓަރު ނިންމާލީ. އެކަމަކު މިއަހަރު ދެ ކުއާޓަރު މި ނިންމާލީ ޕޮޒިޓިވް ފިގަރއަކާއެކު. އެއީ ދަރަނިވެސް ދައްކަމުން. އެހެންވީމަ މިއީ ވަރަށް ބޮޑު ކުރިއެރުމެއް." ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

ޚަރަދުކުޑަކުރުމަށް ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެތެރޭގައި ކުންފުނީގައި ދިގުމުއްދަތަށް ހުއްޓިފައި ހުރި މަޝްރޫޢުތަކަށް ނަގާފައިވާ މުވައްޒަފުންގެ ކޮންޓްރެކްޓް ހަމަވުމުން އައު ނުކުރުމާއި ކުންފުނީގެ ލޮޖިސްޓިކް ޚަރަދުތައް ކުޑަކުރުމާއި ސީއެސްއާރްގެ ޚަރަދުތައް މަޑުޖައްސާލުން ހިމެނެއެވެ. އަދި ފެނަކައިން ގެއްލުމުގައި ހިންގަމުން އައި އައިސްޕްލާންޓްތައް ހިންގުން އެކުންފުނިން ވަނީ ދޫކޮށްލާފައެވެ.