ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ އަވަހާރަ ކޮށްލުމުން އެ ކަމާ ހިތާމަ ފާޅު ކުރައްވައި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއް, ފޭސްބުކްގެ ބެލެނިވެރި ކުންފުނި, މެޓާއިން ފޮހެލައިފިއެވެ. އެ އަމަލު ކުށްވެރި ކުރައްވައި އަންވަރު ވަނީ ފޭސްބުކް ހިންގާ މެޓާ ޕްލެޓްފޯމަކީ ވަރަށް ފިނޑި ކުންފުންޏެއްގެ ގޮތުގައި ސިފަ ކުރައްވައި, އެ ފަދަ ދަށު ދަރަޖައިގެ އަމަލުތައް ތަކުރާރު ކުރުން ހުއްޓައިލަން ގޮވައިލައްވާފައެވެ.
މުސްލިމުންގެ ބޮޑު އާބާދީއެއް އޮތް މެލޭޝިޔާއަކީ ފަލަސްޠީނުގެ މިނިވަން ކަމަށް ކުރަމުންދާ ޖިހާދާ މެދު ފާޅުގައި ތާޢީދު ކުރާ ޤައުމެކެވެ. ނަމަވެސް, ފަލަސްޠީނުގެ ޙައްޤުގައި މެލޭޝިޔާ ސަރުކާރުގެ އިސްވެރިންގެ ރަސްމީ އެކައުންޓުތަކުގައި ޝާޢިއު ކުރާ ބައެއް ޕޯސްޓުތައް މެޓާއިން ޑިލީޓު ކުރަމުންދާތީ, މެލޭޝިޔާ ސަރުކާރާއި އެ ކުންފުންޏާ ދެމެދު އޮތީ ނުތަނަވަސް ކަން އުފެދިފައެވެ.
ހަނިއްޔާ އަވަހާރަ ކޮށްލުމާ ގުޅިގެން ހިތާމަ ފާޅު ކުރެއްވުމުގެ ގޮތުން އަންވަރް ފޭސްބުކްގައި ޕޯސްޓު ކުރައްވާފައި ވަނީ ތަޢުޒިޔާ ދެންނެވުމުގެ ގޮތުން ޙަމާސްގެ އިސް އޮފިޝަލަކަށް އޭނާ ކުރެއްވި ފޯން ކޯލެއްގެ ރެކޯޑިންގއެވެ. ނަމަވެސް, މެޓާއިން ވަނީ އެ ޕޯސްޓު ޑިލީޓުކޮށް, ފޮހެލާފައެވެ. ހުސްވި މޭ މަހު އަންވަރް ވަނީ ޤަޠަރަށް ކުރެއްވި ދަތުރުފުޅެއްގައި ހަނިއްޔާއާ ބައްދަލު ކުރައްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ބާއްވަވާފައެވެ.
އަންވަރުގެ ޕޯސްޓު ފޭސްބުކުން ފޮހެލުމާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަ ކުރަން މޭޓާއިން ވަނީ ދެކޮޅު ހަދާފައެވެ. މެލޭޝިޔާގެ މުވާސަލާތީ ވަަޒީރު ފަހްމީ ފަޒީލް ވިދާޅުވީ, އެ ކަން ހިނގާފައިވާ ގޮތް ސާފު ކޮށްދިނުމަށް އެދި މެލޭޝިޔާ ސަރުކާރުން މެޓާއަށް ރަސްމީކޮށް އެދިފައިވާ ކަމުގައެވެ, އެއީ, އޮޓޮމެޓިކުން ފޮހެވުނު ޕޯސްޓެއް ކަން, ނުވަތަ މެޓާއިން ގަސްދުގައި އަންވަރުގެ ޕޯސްޓު ފޮހެލާފައިވާ ކަން ކަށަވަރު ނޫން ކަމުގައި އޭނާ ވިދާޅުވިއެވެ.
މެޓާއަކީ ޔަހޫދީންގެ މަދަދުގާރެއްގެ ގޮތުގައި ބެލެވޭ ކުންފުންޏެކެވެ. މެޓާއިން ގަބޫލު ކުރާ ގޮތުގައި, ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޙަމާސް ޖަމާާޢަތަކީ ނުރައްކާތެރި ޙަރަކާތެކެވެ. އަދި, އެ ޖަމާޢަތާ ގުޅޭ ޕޯސްޓުތަކާއި, ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުތަކަށް ވަކާލާތުކޮށް ޝާއިޢު ކުރާ ޕޯސްޓުތައް މެޓާއިން ދަނީ ފޭސްބުކުން ފޮހެމުންނެވެ.
އެއީ, މެލޭޝިޔާ ސަރުކާރުގެ އިސް ބޭފުޅުންގެ ރަސްމީ އެކައުންޓުތަކުން ފޭސްބުކްގައި ޝާއިޢު ކޮށްފައިވާ ޕޯސްޓުތައް މެޓާއިން ފޮހެލާފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. އޭގެ ކުރިން މެޓާއިން އެ ގޮތަށް އަމަލު ކުރުމާ ގުޅިގެން ވެސް މެލޭޝިޔާ ސަރުކާރުން އެ ކަމާ މެދު ރަސްމީކޮށް ސުވާލު ކޮށްފައިވެއެވެ. އަންވަރާއި ހަނިއްޔާ މޭގައި ބޭއްވެވި ބައްދަލު ކުރެއްވުމާ ގުޅޭ ގިނަ ޕޯސްޓުތަކެއް ވެސް މެޓާއިން ފޮހެލާފައިވާ ކަން ފާހަގަ ކުރަން ޖެހެއެެވެ.
އެއިރު މެޓާއިން ބުނީ, ފަލަސްޠީނުގެ ޙައްޤުތަކަށް ވަކާލާތުކޮށް ފޭސްބުކްގައި ކުރާ ޕޯސްޓުތައް ފޮހުމަކީ އެ ކުންފުނީގެ ސިޔާސަތެއް ނޫން ކަމުގައެވެ. ނަމަވެސް, މެޓާގެ އެހެން ސޯޝަލް މީޑިޔާ މަންސައެއް ކަމުގައިވާ އިންސްޓަގްރާމްގައި ވެސް ފަލަސްޠީނުގެ ޙައްޤުތައް ކުރިއެރުވުމުގެ ގޮތުން ޝާއިޢު ކުރާ ޕޯސްޓުތައް ފޮހުމާއި, ޕޯސްޓުތައް ފެންނަ މީހުންގެ ޢަދަދު ކޮންޓްރޯލް ކުރުމަކީ މެޓާއިން މިހާރު ވެސް އަމަލު ކުރަމުންދާ ސިޔާސަތެއް ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.