ފަަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދުކޮށްލުމުން އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީންނާ މެދު އަމަލު ކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރަން އީރާނުން ތައްޔާރު ވެއްޖެއެވެ. އެ ކަމާ ގުޅޭ މަޝްވަރާ ކުރުމަށް އީރާނުން އިސްވެ ބާއްވާ މަޝްވަރާތަކުގައި ލުބްނާނާއި, ޢިރާޤާއި ޔަމަނުގެ ޖަމާޢަތްތަކުގެ އިސްވެރިން ބައިވެރިވާނެއެވެ.
ޔަހޫދީ ފައުޖުން ދިން ކަމަށް ބެލެވޭ ޙަމަލާއެއްގައި ހަނިއްޔާ ޝަހީދު ކޮށްލާފައި ވަނީ އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެ ޤައުމުގެ ވެރިރަށް ޠަހްރާނަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ. ޠަހްރާން ޔުނިވަރސިޓީގައި ބޭއްވި ހަނިއްޔާގެ ޖަނާޒާގައި އިމާމުވެ ކަށު ނަމާދު ކުރައްވާފައި ވަނީ އީރާނުގެ ރޫހީ އެންމެ މަތީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަންޢީއެވެ. ހަނިއްޔާގެ ހަށިކޮޅު ފަސްދާނުލާން ހަމަޖެހިފައި ވަނީ އޭނާ ދިރިއުޅުއްވަމުން ގެންދެވި ޤަޠަރުގައެވެ.
ހަނިއްޔާ ޝަހީދު ކޮށްލުމާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު ހޫނުވެ, ޔަހޫދީންނާ މެދު އޮތް ދެކޮޅުވެރިކަން ވަނީ އެތަކެއް ގުނައަކަށް އިތުރުވެގެން ގޮސްފައެވެ. އަދި, މެދުއިރުމަތީގެ ޤައުމުތަކާއި ޔަހޫދީންނާ ދެމެދު ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ އިތުރުވެފައެވެ. ހަނިއްޔާ އަވަހާރަ ކޮށްލަން ދިން ޙަމަލާގެ ބަދަލު ހިފުމާ ގުޅޭ ގޮތުން ސަރަޙައްދީ ޤައުމުތަކާ އެކު މަޝްވަރާ ކުރަން އީރާނުން ތައްޔާރުވަމުންދާ ކަން ހާމަ ކޮށްފައި ވަނީ އީރާނުގެ އޮފިޝަލުންނެވެ.
ނަން ހާމަ ކޮށްފައި ނުވާ އީރާނުގެ އޮފިޝަލުން ބުނީ, ޠަހްރާންގައި ބާއްވާ މަޝްވަރާތަކުގައި ޣައްޒާގެ މުޖާހިދުންގެ ޖަމާޢަތް, ޙަމާސާއި ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ އިތުރުން ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތް, ޙޫޘީންނާއި ޢިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ބައިވެރިވާނެ ކަމުގައެވެ. އެއީ, ޔަހޫދީންނާއި, ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއާ ދެކޮޅަށް ހަތިޔާރު އުފުލާފައިވާ އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ ޖަމާޢަތްތަކެވެ.
"ޒަޔަނިސްޓު ދަޢުލަތުގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން އެޅޭނެ އެންމެ ހަރުދަނާ ފިޔަވަޅުތަކަކީ ކޮބައި ކަން އެ ބައްދަލުވުމުގައި ދެނެގަނެވޭނެ،" އީރާނުގެ އޮފިޝަލަކު ހާމަކުރިއެވެ. އެ ބައްދަލުވުމުގައި އަލް-ޚާމަންޢީގެ އިތުރުން އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
"އީރާނާއި ރެސިސްޓެންސުން ބަދަލު ހިފާނެ ގޮތަކާ މެދު މިހާރު ވެސް މި ދަނީ މަޝްވަރާ ކުރަމުން. ކުރިއަށް އޮތް ދުވަސްތަކުގައި އެ ކަން ކުރާނެ. އަދި, ޒަޔަނިސްޓު ދަޢުލަތުން [އިސްރާއީލުން] ހަނިއްޔާ އަވަހާރަ ކޮށްލުމާ މެދު ހިތާމަ ކުރާނެ،" އީރާނުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ޖެނެރަލް މުޙައްމަދު ބާޤިރީ ވިދާޅުވިއެވެ.
ހަނިއްޔާ ޝަހީދު ކޮށްލާފައި ވަނީ ޔަހޫދީ ފައުޖުން ކަމަށް ޙަމާސްގެ އިތުރުން އީރާނާއި އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ ޖަމާޢަތްތަކުން ގަބޫލު ކުރެއެވެ. ނަމަވެސް, އެ ކަން ކަށަވަރު ކޮށްދޭން ޔަހޫދީ ފައުޖުން ދަނީ ދެކޮޅު ހަދަމުންނެވެ. އެއް ސަބަބަކީ, ހަނިއްޔާ ޝަހީދު ކޮށްލާފައި ވަނީ އީރާނުގެ ސިޔާދަތީ މިނިވަން ކަމަށް އަރައިގަނެ, ދީފައިވާ ޙަމަލާއެއްގައި ކަމަށް ވުމެވެ. އޭނާ ޝަހީދު ކޮށްލުމުން މުޖާހިދުންގެ ޖަމާޢަތްތަކުން ބަދަލު ހިފުމަށް ދީފާނެ ޙަމަލާއަކާ މެދު ވެސް ޔަހޫދީން ޖެހިލުންވެއެވެ.
ހަނިއްޔާ ޝަހީދު ކޮށްލުމުން އެ ކަމުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ޙަމާސުން މީގެ ކުރިން ވެސް ވަނީ ދީފައެވެ. އަދި, އީރާނުން ވަނީ, ހަނިއްޔާ އަވަހާރަ ކޮށްލުމުގެ ޒިންމާ, ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއިން ވެސް އުފުލަން ޖެހޭނެ ކަމަށް ބުނެފައެވެ.
ޢިރާޤުގެ ހަތިޔާރު އެޅި ޖަމާޢަތެއްގެ އޮފިޝަލަކު ބުނީ, ހަނިއްޔާ ޝަހީދުކޮށްލި ޙަމަލާގެ އިތުރުން ލުބްނާންގެ ވެރިރަށް ބައިރޫތަށް ޔަހޫދީ ފައުޖުން ދާދި ފަހުން ދީފައިވާ ޙަމަލާތަކާއި, އެމެރިކާގެ އިސްތިޢުމާރީ ފައުޖުން ޢިރާޤަށް ދިން ވައިގެ ޙަމަލާތަކުގެ ބަދަލު ހިފުމާ ގުޅޭ ގޮތުން ވެސް ޠަހްރާންގައި ބާއްވާ ބައްދަލުވުމުގައި މަޝްވަރާ ކުރަން ހަމަޖެހިފައިވާ ކަމުގައެވެ.
"ޔަހޫދީންނާ ދެކޮޅަށް ހަތިޔާރު އުފުލާފައިވާ ރެސިސްޓެންސްގެ ހުރިހާ ދިމާލަކުން ހަނިއްޔާ ޝަހީދު ކޮށްލުމުގެ ބަދަލު ހިފާނެ،" ޔަހޫދީންނަށް އިންޒާރު ދެއްވަމުން އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހުގެ ސެކްރެޓަރީ ޢަލީ އަކްބަރު އަޙްމަދިޔާން ވިދާޅުވިއެވެ. މި އިންޒާރުތަކާ އެކު, ކުރިއަށް އޮތީ ޔަހޫދީންނަށް ނުތަނަވަސް ކަމާއި ހާސްކަމުން ފުރިފައިވާ ދުވަސްތަކެއް ކަމަށް ގަބޫލު ކުރަން ޖެހެއެވެ.