ޚަބަރު

ހެނބަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި


  • ސައިކަލުގައި ރޯކޮށްލީ ރޭ ދަންވަރު

  • އިތުރު ފުލުހެއްގެ ސައިކަލަށް ވަނީ ގެއްލުންދީފައި

ނ. ހެނބަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހެނބަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. ފޮޓޯއިން ފެންނަ ގޮތުގައި އެ ސައިކަލު ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ.

އެ ރަށުގައި އިއްޔެ އިތުރު ފުލުހެއްގެ ސައިކަލަކަށް ގެއްލުން ދީފައިވާ ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ ދެ ފުލުހެއްގެ ސައިކަލުތަކަށް ގެއްލުން ދީފައިވަނީ ނ. އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާ ދެކޮޅަށް އެކަމުގައި ތުހުމަތު ކުރެވޭ ބަޔަކުކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

މިފަދަ ފިނޑި އަމަލެއްގެ ސަބަބުން ފުލުހުންގެ ހިތްވަރާއި ސާބިތުކަމަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަން އެފަދަ ވިސްނުމުގައި އަމަލުކުރަމުންދާ ފަރާތްތަކަށް ހަނދާންކޮށްދޭކަމަށްވެސް ޝިފާން ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

މި މައްސަލައިގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.