ވެނެޒުއެލާގައި ދާދި ފަހުން ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްފައި ވަނީ އިދިކޮޅު އިއްތިޙާދު ކެނޑިޑޭޓު އެދްމުންދޯ ގޮންޒާލޭޒް ކަމަށް ގަބޫލު ކުރާ ކަމުގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވެއްޖެއެވެ. ވެނެޒުއެލާގެ އިންތިޚާބީ އިދާރާއިން އިޢުލާނު ކޮށްފައިވާ ނަތީޖާ އެމެރިކާއިން ގަބޫލު ނުކުރާނެ ކަމަށް ބްލިންކަން ވިދާޅުވެފައި ވަނީ، ތިންވަނަ ދައުރަކަށް އިންތިޚާބުވުމަށް ވާދަ ކުރެއްވި ރައީސް ނިކޮލަސް މަދޫރޯ ކާމިޔާބީ އިޢުލާނު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
އިންތިޚާބާ ބެހޭ އިދާރާއިން ބުނީ, ވޯޓުލީ މީހުންގެ 51 އިންސައްތަ މީހުންގެ ތާޢީދާ އެކު ކާމިޔާބީ ހޯއްދަވާފައި ވަނީ ރައީސް މަދޫރޯއަށް ކަމުގައެވެ. ނަމަވެސް, އިދިކޮޅު ކޯލިޝަނުން ބުނީ, ގޮންޒާލޭޒަށް 73 އިންސައްތަ މީހުންގެ ތާޢީދު ލިބިފައިވާ ކަން, އެ ކޯލިޝަނާ ހިއްސާ ކޮށްފައިވާ ނަތީޖާތަކުން ހާމަވާ ކަމުގައެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ, ގޮންޒާލޭޒަށް ވޯޓުލީ މީހުންގެ ޢަދަދު 6.27 މިލިޔަނަށް އަރާ ކަމުގައި އެ ފަރާތަށް ލިބިފައިވާ ނަތީޖާތަކުން ހާމަވާ ކަމުގައެވެ. އަދި, މަދޫރޯއަށް ލިބިފައި ވަނީ 2.75 މިލިޔަން މީހުންގެ ތާޢީދު ކަމުގައެވެ.
ނަމަވެސް, މިއީ އިންތިޚާބާ ބެހޭ އިދާރާއިން ހާމަ ކޮށްފައިވާ ނަތީޖާތަކާ ތަފާތު ޢަދަދުތަކެކެވެ. އެ އިދާރާއިން ހާމަ ކުރި ނަތީޖާއިން ފެންނަ ގޮތުގައި މަދޫރޯއަށް ވޯޓުލީ މީހުންގެ ޢަދަދު 5.15 މިލިޔަނަށް އަރައެވެ. އަދި, ގޮންޒާލޭޒަށް ތާޢީދު ކޮށްފައި ވަނީ 4.45 މިލިޔަން މީހުންނެވެ.
"ލިބެންހުރި ހެކިތަކަށް ބަލާއިރު، އެމެރިކާގެ އިތުރުން ވެނެޒުއެލާގެ ރައްޔިތުންނަށް ސާފުވާ ކަމަކީ، ޖުލައި 28ގައި ވެނެޒުއެލާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ ސަރުކާރާ ދެކޮޅަށް ވާދަ ކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓު އެދްމުންދޯ ގޮންޒާލޭޒް ކަން،" ބްލިންކަންގެ އޮފީހުން ނެރުނު ބަޔާނެއްގައި އޭނާ ވިދާޅުވިއެވެ.
ވެނެޒުއެލާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާނެ ކަން ބްލިންކަން ހާމަ ކުރައްވާފައެއް ނުވެއެވެ. ނަމަވެސް، އިންތިޚާބުގެ ނަތީޖާ އޮޅުވައިލާފައިވާ ކަމަށް ތުހުމަތުކޮށް، އެ ކަމާ ގުޅުވައި ވެނެޒުއެލާގެ ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމުގެ އިޝާރާތެއް އޭނާ ދެއްވިއެވެ. މަދޫރޯގެ ސަރުކާރާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް ހަރުކަށި ކުރަން އެމެރިކާއިން ވިސްނަމުންދާ ކަމުގައި މީޑިޔާ ރިޕޯޓުތައް ބުނެއެވެ.
"ވެނެޒުއެލާގައި ޑިމޮކްރެޓިކް ހަމަތައް އަލުން ގާއިމު ކުރަން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢާ ގުޅިގެން މަސައްކަތް ކުރުމުގައި އެމެރިކާ ދެމި އޮންނާނެ،" ބްލިންކަން ވިދާޅުވިއެވެ. އަދި، ވެނެޒުއެލާގެ އިދިކޮޅު ކޯލިޝަންގެ އިސްވެރިންގެ ހިމާޔަތާއި ރައްކާތެރި ކަން ކަށަވަރު ކޮށްދިނުމަށް އޭނާ ވަނީ އެ ޤައުމުގެ ފުލުހުންނާއި ސިފައިންނަށް ގޮވައިލައްވާފައެވެ.
ވެނެޒުއެލާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާއާ މެދު އުފެދިފައިވާ ދެބަސްވުންތަކާ ގުޅިގެން ސަރުކާރަށް ތާޢީދު ކުރާ ޢާންމުންނާއި، އިދިކޮޅު ކޯލިޝަނަށް ތާޢީދު ކުރާ މެންބަރުން ދަނީ ވެރިރަށް ކަރާކަސްގެ އިތުރުން ބޮޑެތި ރަށްތަކުގެ މަގުތަކަށް ނިކުމެ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. މުޒާހަރާތައް ހުއްޓުވަން ފުލުހުންނާއި ސިފައިން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ބަޔަކަށް އަނިޔާވެފައިވެއެވެ.
ވެނެޒުއެލާގެ އިދިކޮޅު ކޯލިޝަނުން ވަނީ، އެ ކޯލިޝަނަށް ލިބިފައިވާ ނަތީޖާތަކުގެ މަޢުލޫމާތު ވެބްސައިޓެއްގައި ޝާއިޢު ކޮށްފައެވެ. ނަމަވެސް، ނަތީޖާތަކުގެ ތަފުސީލު ހާމަ ކުރަން މަދޫރޯގެ ސަރުކާރުން ދެކޮޅު ހަދަމުންދާއިރު، ބްރެޒިލާއި މެކްސިކޯގެ އިތުރުން ކޮލޮމްބިޔާއިން ދަނީ އެ ކަމަށް ބާރު އަޅަމުންނެވެ.
"ހުރިހާ ވޯޓު ފޮށްޓަކަށް ލާފައިވާ ވޯޓުގެ ހުރިހާ މަޢުލޫމާތެއް ހާމަކަން ބޮޑުކޮށް، ވީ އެންމެ އަވަހަކަށް ވެނެޒުއެލާގެ ރައްޔިތުންނާ ހިއްސާ ކުރަން އެ ޤައުމުގެ އިންތިޚާބީ އިދާރާއަށް ގޮވައިލަން،" ބްރެޒިލާއި މެކްސިކޯގެ އިތުރުން ކޮލޮމްބިޔާގެ ރައީސުން ނެރުއްވި ބަޔާނެއްގައި ގޮވައިލާފައިވެއެވެ. އެ ތިން ޤައުމުގެ ރައީސުންނަކީ ވެސް މަދޫރޯއާ ގާތް ގުޅުމެއް ބާއްވަވަމުން ގެންދަވާފައިވާ ބޭފުޅުން ކަން ފާހަގަ ކޮށްލަން ޖެހެއެވެ.
އިންތިޚާބުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހުން ފާޅު ކުރުމާ ގުޅިގެން ވެނެޒުއެލާއާއި އެ ސަރަޙައްދުގެ ބައެއް އެހެން ޤައުމުތަކާ ދެމެދު ވެސް ވަނީ ދެބަސްވުންތައް އުފެދި، މަސްރަޙު ހޫނުވެފައެވެ. އަދި، މަދޫރޯގެ ސަރުކާރުން ވަނީ ވެނެޒުއެލާގައި ތިއްބެވި ބައެއް ޤައުމުތަކުގެ ސަފީރުން އެނބުރި ޤައުމަށް ދިޔުމަށް އަންގަވާފައެވެ. އޭގެ ތެރޭގައި އާޖެންޓީނާއާއި، ޗިލީއާއި، ކޮސްޓަ ރީކާއާއި، ޕެނަމާގެ އިތުރުން ޑޮމިނިކަން ރިޕަބްލިކާއި ޔުރުގުއާއިގެ ސަފީރުން ހިމެނެއެވެ.