ޚަބަރު

ރަޝިޔާއާއި ހުޅަނގުގެ ބާރުތަކާ ދެމެދު ގިނަ ޢަދަދެއްގެ ކުށްވެރިން ބަދަލުކޮށްފި


ރަޝިޔާއިން ހައްޔަރު ކޮށްފައި ތިބި އެމެރިކާގެ ނޫސްވެރިޔާ އެވަން ގަރޝްކޮވިޗާއި އަސްކަރިއްޔާގައި ކުރިން ޚިދުމަތް ކުރި ޕޯލް ވީލަން މިނިވަން ކޮށްފިއެވެ. އެއީ، ފިނި ހަނގުރާމައިގެ ދުވަސްވަރަށް ފަހު ދެ ޤައުމުގެ ދެމެދުގައި އެންމެ ގިނަ ޢަދަދެއްގެ ކުށްވެރިން ބަދަލު ކޮށްފައިވާ ފުރަތަމަ ފަހަރެވެ.

މިނިވަން ކުރުމުން ގަރޝްކޮވިޗާއި ވީލަން ވަނީ އެމެރިކާއަށް ދަތުރު ކޮށްފައެވެ. ވައިޓް ހައުސުން ބުނީ ކުށްވެރިން ބަދަލު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދާތާ އަހަރެއްހާ ދުވަސް ވެފައިވާ ކަމުގައެވެ. އަދި، ހުޅަނގުގެ ޤައުމުތަކާއި ރަޝިޔާއާ އެކު އެކުލަވައިލި އެއްބަސްވުމުގެ ދަށުން ޖުމުލަ 24 ކުށްވެރިން ބަދަލު ކޮށްފައިވާ ކަމުގައެވެ.

އޭގެ ތެރޭގައި ރަޝިޔާގައި ހައްޔަރު ކޮށްފައި ތިބި ބޭރު ޤައުމުތަކުގެ ކުށްވެރިންގެ ތެރެއިން ޖަރުމަނުވިލާތުގެ އިތުރު ތިން ޤައުމެއްގެ 16 ކުށްވެރިން ހިމެނެއެވެ. އަދި، ހުޅަނގުގެ ޤައުމުތަކުން އެކި ސަބަބުތަކާ ގުޅިގެން ހައްޔަރު ކޮށްފައި ތިބި އަށް ކުށްވެރިން ހިމެނެއެވެ. އޭގެ ތެރޭގައި ބަރްލިންގައި މީހަކު މެރުމުގެ ކުށް ސާބިތުވެ ޖަލަށް ލާފައިވާ ވަދީމް ކްރަސްކޮފް ހިމެނޭ ކަމުގައި ޖަރުމަނުވިލާތުން ހާމަ ކުރިއެވެ. އެއީ ރަޝިޔާގެ ސަލާމަތީ ބާރުގައި ކާނަލެއްގެ މަޤާމު ފުރާފައިވާ މީހެކެވެ.

ރަޝިޔާއާ އެކު ކާމިޔާބުކަމާ އެކު ކުށްވެރިން ބަދަލު ކުރުމުގެ އެއްބަސްވުމެއް ތަންފީޒު ކުރެވުމުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އެ ކަން ފާހަގަ ކުރައްވާފައެވެ. އެ ކަން ކާމިޔާބު ކުރެވުނީ އެމެރިކާއާއި އެ ޤައުމުގެ އެކުވެރިންނާ ދެމެދުގައި އޮތް ގާތް ޚާރިޖީ ގުޅުންތަކާއި ރަޙުމަތްތެރި ކަމުގެ ސަބަބުން ކަމަށް އޭނާ ސިފަ ކުރެއްވިއެވެ.

މި ކަމާ މެދު އުފާ ފާޅު ކުރެއްވުމުގެ ގޮތިން ބައިޑަންގެ އިތުރުން އޭނާގެ ނައިބު ރައީސް ކަމަލާ ހެރިސް ވަނީ ރަޝިޔާއިން މިނިވަން ކޮށްފައިވާ އެމެރިކާގެ ރައްޔިތުންގެ ތެރެއިން ގަރޝްކޮވިޗާއި ވީލަން, އަދި ނޫސްވެރިޔާ އެލްސޫ ކުރްމަޝޭވާއާ ބައްދަލު ކުރައްވާފައެވެ. މިއީ، ނޮވެންބަރު މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން ބައިޑަނާއި އޭނާގެ ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓު އަރުވާނެ ކަމަށް ބެލެވޭ ހެރިސަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހެރިސް ވަނީ ބައިޑަނާއި ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ތަޢުރީފު ކުރައްވާފައެވެ. އެއީ، އެމެރިކާގެ ސަރުކާރަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ވެސް އޭނާ ސިފަ ކުރެއްވިއެވެ.

ހުޅަނގުގެ ޤައުމުތަކުން މިނިވަން ކުރި ރަޝިޔާގެ ރައްޔިތުންނާ އެ ޤައުމުގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވެސް ވަނީ ބައްދަލު ކުރައްވާފައެވެ. އެ މީހުންނާ ވާހަކަފުޅު ދައްކަވަމުން ޕުޓިން ވަނީ އެއީ ޤައުމީ ބަޠަލުންގެ ގޮތުގައި ސިފަ ކުރައްވައި، ރަޝިޔާއިން އެ މީހުންނަށް ޤައުމީ އިނާމު އަރުވާނެ ކަމަށް ވިދާޅުވެފައެވެ.

އެ މީހުން މިނިވަން ކުރެވުމަކީ ރަޝިޔާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ވެސް ޕުޓިން ސިފަ ކުރެއްވިއެވެ. އަދި، ރަޝިޔާއިން އެ މީހުންގެ މަތިން ދުވަހަކު ވެސް ހަނދާން ނައްތައިލާފައި ނުވާނެ ކަމަށާއި، އެ މީހުން މިނިވަން ކުރަން މެެދުކެނޑުމެއް ނެތި މަސައްކަތް ކޮށްފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ރަޝިޔާއާއި އެމެރިކާއާ ދެމެދު ކުށްވެރިން ބަދަލު ކޮށްފައި މި ވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި ގުޅުން ގޯސްވެ, މަސްރަޙު ނުތަނަވަސް ވެފައިވާ ދަނޑިވަޅެއްގައެވެ. މަސްރަޙު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ވަނީ, ދެ ޤައުމުގެ ދެމެދުގައި ކުށްވެރިން ބަދަލު ކުރުމުން އެ ކަމާ މެދު ކަންބޮޑުވުން ފާަޅު ކޮށްފައެވެ. އެ މީހުންގެ ކަންބޮޑުވުމަކީ, ކުރިއަށް އޮތް ތަނުގައި ރަޝިޔާއިން އެމެރިކާގެ އިތުރު ރައްޔިތުން ހައްޔަރުކޮށް, އެ މީހުންގެ ބަދަލުގައި އެމެރިކާގައި ހައްޔަރު ކޮށްފައި ތިބި ރަޝިޔާގެ ކުށްވެރިން މިނިވަން ކުރަން ބާރު އެޅުމަށް ހިތްވަރު ލިބުމެވެ.