ޚަބަރު

މެދުކެނޑުމަކަށް ފަހު ޙިޒްބުاللهން އަނެއްކާ ވެސް ޔަހޫދީންނަށް ޙަމަލާ ދޭން ފަށައިފި


ޔަހޫދީ ފައުޖުން ލުބްނާންގެ ވެރިރަށް ބައިރޫތަށް ޙަމަލާދީ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ އިސް ކޮމާންޑަރެއް ކަމުގައިވާ ފުޢާދު ޝުކްރު ޝަހީދު ކޮށްލުމާ ގުޅިިގެން އޭނާއަށް އިޙުތިރާމު އަދާ ކުރުމުގެ ގޮތުން މެދުކަނޑައިލި ޙަމަލާތައް އަނެއްކާ ވެސް ފަށައިފިއެވެ. ޙިޒްބުاللهން ޔަހޫދީންގެ ރަށްތަކާއި ޔަހޫދީ ފައުޖުގެ ހައްދުފަހަނައެޅި ސިފައިންނަށް ޙަމަލާ ދެމުން ދަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

ޙިޒްބުاللهން ބުނީ ޔަހޫދީ ފައުޖަށް އަމާޒުކޮށް ރޮކެޓާއި އާޓިލަރީ ބަޑީގެ ޙަމަލާތައް ދޭން ފަށާފައިވާނެ ކަމުގައެވެ. އޭގެ އިތުރުން, ލުބްނާންގެ ވައިގެ ސަރަޙައްދަށް ވަންނަމުންދާ ޔަހޫދީންގެ އަސްކަރީ މަތިންދާބޯޓުތަކަށް އަމާޒުކޮށް މިސައިލް ޙަމަލާ ދިނުން ވެސް ފަށާފައިވާނެ ކަމުގައެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޙިޒްބުاللهގެ މުޖާހިދުން ވަނީ ޔަހޫދީންގެ އަސްކަރީ މަރުކަޒަކަށް ރޮކެޓާއި އާޓިލަރީ ބަޑީގެ ޙަމަލާތަކެއް ދީފައެވެ.

ޔަހޫދީ ފައުޖުން ވެސް ވަނީ, ޙިޒްބުاللهގެ މުޖާހިދުން އެ މީހުންގެ އަމާޒުތަކަށް ޙަމަލާ ދޭން ފަށާފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. އަދި, ޔަހޫދީން ވެރިވެގަނެފައިވާ ސޫރިޔާގެ އަލް-ޖޫލާންގެ އުސް ބިންތަކުގައި އޮންނަ ޔަހޫދީ ފައުޖުގެ މަރުކަޒުތަކަށް އަމާޒުކޮށް ޙިޒްބުاللهން ދީފައިވާ ބައެއް ޙަމަލާތައް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުންޏެވެ.

ޔަހޫދީ ފައުޖުން ވެސް ދަނީ ލުބްނާންގެ ދެކުނުގައި އޮންނަ ރަށްތަކަށް ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެންމެ ފަހުން ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޢާންމުން ދިރިއުޅޭ ގެދޮރަށެވެ. ލުބްނާނުން ބުނީ, ޔަހޫދީ ފައުޖުން އެންމެ ފަހުން ދީފައިވާ ޙަމަލާތަކުގައި ފަސް މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އެއީ, ލުބްނާނަށް ހިޖުރަ ކޮށްފައިވާ ސޫރިޔާގެ ރައްޔިތުންތަކެއް ކަމުގައި ލުބްނާންގެ ޞިއްޙީ އިދާރާތަކުން ހާމަ ކުރިއެވެ.

ޓީވީ މެދުވެރި ކުރައްވައި ލުބްނާންގެ ރައްޔިތުންނާ މުޚާޠަބު ކުރައްވައި ވާހަކަ ދައްކަވަމުން ޙިޒްބުاللهގެ މުޖާހިދުންގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ވިދާޅުވީ, ޔަހޫދީ ފައުޖަށް އަމާޒުކޮށް ދެމުން ދިޔަ ޙަމަލާތައް ވަގުތީ ގޮތުން މަޑު ޖައްސައިލާފައި ވަނީ ޝުކްރުގެ ޖަނާޒާ ބޭއްވުމަށާއި, އޭނާއަށް އިޙުތިރާމު އަދާ ކުރުމުގެ ގޮތުން ކަމުގައެވެ. ޝުކްރު ޝަހީދު ކޮށްލަން ބައިރޫތަށް ޔަހޫދީ ފައުޖުން ދިން ޙަމަލާގައި އީރާނުގެ ދިފާޢީ މުޝީރަކާއި ޢާންމުންގެ ފަސް މީހުން ޝަހީދު ކޮށްލާފައިވާ ކަން ވެސް ޙިޒްބުاللهން ހާމަކުރިއެވެ.

ޝުކްރު ޝަހީދު ކޮށްލުމުން ނަޞްރުالله ވަނީ އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީންނަށް ނުރައްކާތެރި ޙަމަލާތަކެއް ދޭނެ ކަމަށް ބުނެ އިންޒާރު ދެއްވާފައެވެ. 2023 އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ޣައްޒާ ޢުދުވާން ފެށި ފަހުން, ޙިޒްބުاللهގެ މުޖާހިދުންނާއި ޔަހޫދީ ފައުޖާ ދެމެދު ކޮންމެ ދުވަހަކު ވެސް ދަނީ ޙަމަލާތައް ބަދަލު ކުރަމުންނެވެ. ޔަހޫދީންގެ ޙަމަލާތަކުގައި ޙިޒްބުاللهގެ ގިނަ ޢަދަދެއްގެ މުޖާހިދުންނާއި ލުބްނާންގެ ޢާންމު ރައްުޔިތުން ޝަހީދު ކޮށްލާފައިވެއެވެ. އޭގެ ތެރޭގައި ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިން ވެސް ހިމެނެއެވެ.

ޝުކްރު ޝަހީދު ކޮށްލަން ދިން ޙަމަލާއަށް ފަހު ޔަހޫދީ ފައުޖުން ވަނީ އީރާނުގެ ވެރިރަށް ތަހްރާނަށް ވައިގެ ޙަމަލާތަކެއްދީ, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ އިސްވެރިޔާ އިސްމާޢީލް ހަނިއްޔާ ވެސް ޝަހީދު ކޮށްލާފައެވެ. އެ ޙަމަލާގެ ޒިންމާ އުފުލަން ޔަހޫދީ ފައުުޖުން ދެކޮޅު ހަދަމުން ދަނީ, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ދީފާނެ ޙަމަލާއަކަށް ޖެހިލުންވާތީއެވެ. ޙަމާސާއި ޙިޒްބުاللهގެ އިތުރުން އެކްސިސްގައި ހިމެނޭ ޖަމާޢަތްތަކުގެ ތެރޭގައި ޔަމަންގައި ހަރަކާތްތެރިވާ ޙޫޘީންނާއި ސޫރިޔާއާއި ޢިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ހިމެނެއެވެ.