އިނގިރޭސިވިލާތުގެ ހުޅަނގުއުތުރު ހާޓްލީޕޫލްގެ ރަށެއް ކަމުގައިވާ ސީޕޯޓްގައި ވަޅީގެ ޙަމަލާތަކެއްދީ ތިން ކުޑަކުދިން މަރައިލުމާ ގުޅިގެން, އެ ހާދިސާއާ މުސްލިމުންނާ ގުޅުވައި އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި މުޒާހަރާކޮށް, ހަމަނުޖެހުން ހިންގަން ފަށައިފިއެވެ. ސައުތުޕޯޓްގެ އިތުރުން ލިވަރޕޫލާއި ވެރިރަށް ލަންޑަނުގައި ހިންގަމުންދާ ހަމަނުޖެހުންތައް އިންތިޒާމު ކޮށްފައި ވަނީ, ހިޖުރަ ކުރުމާއި މުސްލިމުންނާ ދެކޮޅު ޖަމާޢަތްތަކުނެވެ.
މުޒާހަރާތަކުގެ ބައިވެރިން ދަނީ އެ ރަށްތަކުގައި ހުންނަ މިސްކިތްތަކަށް ގައު އުކައި, ޙަމަލާ ދެމުންނެވެ. އަދި, ފުލުހުންނާ ކުރުމަތިލައި ހަމަނުޖެހުން ހިންގަމުންނެވެ. އަދި, ބައެއް ޢިމާރާތްތަކާއި އެއްގަމު އުޅަނދުފަހަރުގައި ހުޅުޖަހައި, ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ. މުޒާހަރާތައް ކޮންޓްރޯލް ކުރަން އެ ރަށްތަކުގެ ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.
ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި ގިނަ ޢަދަދެއްގެ ފުލުހުންނަށް އަނިޔާވެފައިވާ ކަމުގައި ނޯތަމްބްރިޔާގެ ފުލުހުންގެ ވެރިޔާ ހެލޭނާ ބެރަން ވިދާޅުވިއެވެ. އަނިޔާވެގެން ތިން ފުލުހަކަށް ފަރުވާ ދޭން ޖެހިފައިވެއެވެ. އަދި މުޒާހަރާތައް ރޫޅައިލުމުގެ ގޮތުން ނޯތަމްބްރިޔާއިން އަށް މީހުން ހައްޔަރު ކޮށްފައިވާ ކަމުގައި ވެސް ބެރަން ވިދާޅުވިއެވެ.
ހިޖުރަ ކުރުމާއި މުސްލިމުންނާ ދެކޮޅަށް އަޑުއުފުލައި ހަމަނުޖެހުން ހިންގަމުންދާ މީހުންނާ ދެކޮޅަށް, ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް ވަކާލާތު ކުރާ ޖަމުޢިއްޔާތަކުގެ ގިނަ ޢަދަދެއްގެ މެންބަރުން ވެސް ވަނީ މަގުތަކަށް ނިކުމެފައެވެ. އަދި, މިސްކިތްތަކަށް ޙަމަލާ ދޭން ރާވާފައިވާ މީހުން ހުއްޓުވަން ފުލުހުން ވަނީ މިސްކިތްތައް ކައިރީގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.
މި ހަމަނުޖެހުންތައް ފެށުނީ, ސައުތްޕޯޓްގައި ބޭއްވި ވޯކްޝޮޕެއްގައި ބައިވެރިވި ތިން ކުޑަކުދިންނަށް ވަޅިން ޙަމަލާދީ މަރައިލި ހާދިސާއާ ގުޅިގެންނެވެ. އެ ކުދިންގެ ގާތިލަކީ 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. މުސްލިމުންނާ ދެކޮޅަށް އަޑު އުފުލަން ގިނަ ޢަދަދެއްގެ ބަޔަކު މުޒާހަރާ ކުރަން ފަށާފައި ވަނީ, އެ ކުއްޖާއަކީ އިނގިރޭސިވިލާތަށް ހިޖުރަ ކޮށްފައިވާ މުސްލިމެއް ކަމަށް ބުނެ, ދޮގު މަޢުލޫމާތުތަކެއް ސޯޝަލް މީޑިޔާގައި ދައުރު ކުރަން ފެށުމުންނެވެ. ނަމަވެސް, ފުލުހުން ވަނީ އެ އަމަލު ހިންގާފައިވާ އެކްސެލް ރޫޑެކުބާނާއަކީ އިނގިރޭސިވިލާތަށް އުފަން, އެ ޤައުމުގެ ރައްޔިތެއް ކަން ހާމަ ކޮށްފައެވެ.
ތިން ކުޑަކުދިންގެ މަރާއި, އެ ކަމާ ގުޅުވައި ފަށާފައިވާ މުޒާހަރާތަކާ ގުޅިގެން ބޮޑުވަޒީރު ކީރް ސްޓާމަރ ވަނީ ދެވަނަ ފަހަރަކަށް ސީޕޯޓަށް ވަޑައިގަންނަވާފައެވެ. "ސައުތުޕޯޓްގައި ދީފައިވާ ރަޙުމު ކުޑަ ޙަމަލާގައި ތިން ކުޑަކުދިން މަރައިލުމާ ގުޅިގެން ޤައުމަށް ވަނީ ހިތާމައާއި މޮޅިވެރިކަން ކުރިމަތިވެފައި. އަދި, މުޖުތަމަޢަށް ވަނީ ހާސްކަން ކުރިމަތިވެފައި،" ސްޓާމަރގެ އޮފީހުން ނެރުނު ބަޔާނެއްގައި އޭނާ ވިދާޅުވިއެވެ.
ހަމަނުޖެހުންތަކާ ގުޅިގެން އިނގިރޭސިވިލާތުގެ މުސްލިމުންގެ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށް, މިސްކިތްތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް ކުށްވެރި ކޮށްފައެވެ. އެ ޖަމުޢިއްޔާގެ ސެކްރެޓަރީ-ޖެނެރަލް ޒާރާ މުޙައްމަދު ވިދާޅުވީ, ތިން ކުޑަކުދިންގެ މަރާއި މުސްލިމުންނާ ގުޅުވައި ފަށާފައިވާ ހަމަނުޖެހުންތަކާ ގުޅިގެން އިނގިރޭސިވިލާތުގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ކަމުގައެވެ.
އެ ހާދިސާއާ ގުޅިގެން މުސްލިމުންނަށް އިންޒާރު ދިނުން އިތުރުވެފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. "ބިރު ދެއްކުން ފަދަ އަމަލުތަކަށް އަޅުގަނޑުމެން ނުސިހޭނެ. ނަމަވެސް, ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވާނީ އަޅާފައި،" މުޙައްމަދު ވިދާޅުވިއެވެ.
ތިން ކުޑަކުދިންގެ މަރާއި މުސްލިމުންނާ ގުޅުވައި ހިންގަމުންދާ މުޒާހަރާތަކާއި ހަމަނުޖެހުންތައް ހުއްޓުވަން ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން, ފުލުހުންގެ އިދާރާތަކުގެ އިސްވެރިން ވަނީ, މަގުތަކުގައި އަމަން ބަލަހައްޓަން ހަރަކާތްތެރިވާ ފުލުހުންގެ ޢަދަދު އިތުރު ކޮށްފައިވާނެ ކަމުގައެވެ. "މުޒާހަރާތަކުގައި ހަމަނުޖެހުން ހިންގާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައި, އެ މީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރަން އިތުރު ޕްރޮސިކިޔުޓަރުން ވެސް ހަރަކާތްތެރިވާނެ،" އިނގިރޭސިިވިލާތުގެ ފުލުހުންގެ ޤައުމީ ކައުންސިލުގެ ރައީސް ގެވިން ސްޓީވަންސް ވިދާޅުވިއެވެ.