ޚަބަރު

އިސްލާމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު ޑރ.ޝަހީމް ސަޢުދީއަށް ވަޑައިގެންފި


  • މި ކޮންފަރެންސް ކުރިއަށް ދަނީ މާދަމާގެ ނިޔަލަށް

  • ކޮންފަރެންސްގެ ބައެއް ސެޝަންތައް ވަޒީރު ޗެއަރކޮށްދެއްވާނެ

އިސްލާމީ ޤައުމުތަކުގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާތައް ބައިވެރިވާ ގޮތަށް ބާއްވާ ޚާއްޞަ ކޮންފެރެންސްގެ 9 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންފިއެވެ.

ވަޒީރުގެ މި ދަތުރުފުޅުގައި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް ޢައުޡަމްގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފުގެ އިތުރުން ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރް އައްޝައިޚް އިމްތިޠާއު ޢައްބާސް ބައިވެރިވެވަޑައިގަންނަވައެވެ.

މައްކާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައިނަލްއަޤްވާމީ ކޮންފެރެންސް ކުރިއަށްދާނީ މިއަދާ މާދަމާއެވެ. އިސްލާމީ އުންމަތުގެ މުހިއްމު މަޢުޟޫއުތަކަށް ޢިލްމީ ކަރުދާސްތައް ހުށައެޅިގެންދާ މި ކޮންފެރެންސްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައެއް ސެޝަންތައް ޗެއަރކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ރާއްޖެ އެނބުރި ވަޑައިގަންނަވާނީ މި މަހުގެ 7 ވަނަ ދުވަހުގައެވެ.