ތުރުކީވިލާތުގެ ޤާނޫނުތަކަށް ބޯލަނބަން ދެކޮޅު ހެދުމުން މަޝްހޫރު ސޯޝަލް މީޑިޔާ މަންސަ އިންސްޓަގްރާމް ބްލޮކް ކޮށްފިއެވެ. ތުރުކީވިލާތުން އިންސްޓަގްރާމް ބްލޮކުކޮށްފައި ވަނީ, ޔަހޫދީންނަށް ތާޢީދު ކުރުމުގެ ގޮތުން އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުނި މެޓާ ޕްލެޓްފޯމްސް އިންކޯޕޮރޭޓެޑުން (މެޓާ)އިން ހިންގަމުންދާ ޢަމަލުތައް ބައެއް ޤައުމުތަކުން ކުށްވެރި ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ފަލަސްޠީނުގެ ޙައްޤުތަކަށް ވަކާލާތުކޮށް ތުރުކީވިލާތުގެ ސަރުކާރުގެ އިސް ފަންތީގެ ބޭފުޅުންގެ ރަސްމީ އެކައުންޓުތަކުން ޝާއިޢު ކުރާ ޕޯސްޓުތައް މެޓާއިން ފޮހެމުންދާ ކަމަށް އެ ޤައުމުން ތުހުމަތު ކުރެއެވެ. އެ ގޮތުން, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލުމުން, އެ ކަމުގެ ހިތާމަ ފާޅު ކުރުމުގެ ގޮތުން ތުރުކީވިލާތުގެ ސަރުކާރުގެ އިސްވެރިން ޝާއިޢު ކުރި ޕޯސްޓުތައް އިންސްޓަގްރާމުން ފޮހެފައިވާ ކަމަށް އެ ޤައުމުން ތުހުމަތު ކުރެއެވެ.
"އަޅުގަނޑުމެން ވާނީ އިންސްޓަގްރާމަށް އިންޒާރު ކޮށްފައި. އަޅުގަނޑުމެން ބޭނުން ވަނީ ބައެއް ޤަވާޢިދުތަކަށް އިޙުތިރާމު ކުރަން. މި ކަމުގެ ތެރެއަށް ވަންނަން ސަރުކާރަށް ޖެހުނީ, އިންސްޓަގްރާމުން އެ އެންގުންތަކަށް ބޯނުލަނބާތީ،" ދަތުރުފަތުރާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޢަބްދުލްޤާދިރު އުލަލޯލޯ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ދަނީ އެ މީހުންނާ މަޝްވަރާ ކުރަމުން. އަޅުގަނޑުމެން ބޭނުންވާ ކަންކަން އެ މީހުންނާ ހިއްސާ ކޮށްފައިވާނެ. އެ ކަންކަން އިސްލާޙު ކުރުމުން އަންބްލޮކްކޮށް އަލުން އެކްސެސް ދޭނަން. މިއީ, ޤާނޫނުތަކާއި ޤަވާޢިދުތަކެއްގެ މައްޗަށް ބިނާވެފައި އޮތް ޤައުމެއް،" އޭނާ ވިދާާޅުވިއެވެ.
ތުރުކީވިލާތުގައި އިންސްޓަގްރާމް ބްލޮކްކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ހަނިއްޔާ ޝަހީދު ކޮށްލުމުގައި ހިތާމައިގައި ބައިވެރިވުމުގެ ގޮތުން އެ ޤައުމުގެ އިސްވެރިންގެ ރަސްމީ އެކައުންޓުތަކުން ޝާއިޢު ކުރާ ޕޯސްޓުތައް އެ މަންސައިން ފޮރުވަމުންދާތީ މުވާސަލާތާ ބެހޭ ވަަޒީރު ފަހްރުއްތިން އަލްތުން ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައި, އެ އަމަލު ކުށްވެރި ކުރައްވާފައެވެ. "އެއީ, ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅުން. އިތުރު އެހެން ކަމެއް ނޫން،" އަލްތުން ވިދާޅުވިއެވެ.
ތުރުކީވިލާތަކީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ދެކޮޅަށް އެންމެ ފާޅުކަން ބޮޑުކޮށް ބަސް ބުނަމުންދާ ޤައުމެކެވެ. އަދި, ޔަހޫދީންގެ އަޅުވެތި ކަމުން ފަލަސްޠީނުގެ މުސްލިމުން ސަލާމަތް ކުރުމަށް ފާޅުގައި ބާރު އަޅަމުންދާ ޤައުމެކެވެ.
ތުރުކީވިލާތުގެ ތުހުމަތުތަކާ ގުޅިިގެން ވަކި އެއްޗެއް ހާމަ ކުރަން މެޓާއިން ވަނީ ދެކޮޅު ހަދާފައެވެ. ނަމަވެސް, އެ މައްސަލަ ކުރިމަތިވެފައި ވަނީ, ހަނިއްޔާ ޝަހީދު ކޮށްލުމާ ގުޅިގެން މެލޭޝިޔާގެ އިސްވެރިން ފޭސްބުކްގައި ޝާއިޢު ކުރި ޕޯސްޓުތަކެއް މެޓާއިން ފޮހެލާފައިވާ މައްސަލަ ވެސް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
މެލޭޝިޔާއިން ބުނީ ހަނިއްޔާ ޝަހީދު ކޮށްލުމުން އެ ކަމާ ހިތާމަ ފާޅު ކުރުމުގެ ގޮތުން ބޮޑުވަޒީރު އަންވަރު އިބްރާހީމް ފޭސްބުކްގައި ޝާއިޢު ކުރެއްވި ޕޯސްޓެއް މެޓާއިން ފޮހެލާފައިވާ ކަމުގައެވެ. އެ ކަމާ ގުޅިގެން, މެޓާއަކީ ވަރަށް ފިނޑި ކުންފުންޏެއްގެ ގޮތުގައި ސިފަ ކުރައްވައި އަންވަރު ވަނީ އެ ކުންފުންޏަށް ފާޑު ވިދާޅުވެފައެވެ.
މުސްލިމުންގެ ބޮޑު އާބާދީއެއް އޮތް މެލޭޝިޔާއަކީ ފަލަސްޠީނުގެ މިނިވަން ކަމަށް ކުރަމުންދާ ޖިހާދާ މެދު ފާޅުގައި ތާޢީދު ކުރާ ޤައުމެކެވެ. ނަމަވެސް, ފަލަސްޠީނުގެ ޙައްޤުގައި މެލޭޝިޔާ ސަރުކާރުގެ އިސްވެރިންގެ ރަސްމީ އެކައުންޓުތަކުގައި ޝާޢިއު ކުރާ ބައެއް ޕޯސްޓުތައް މެޓާއިން ޑިލީޓު ކުރަމުންދާތީ, މެލޭޝިޔާ ސަރުކާރާއި އެ ކުންފުންޏާ ދެމެދު އޮތީ ނުތަނަވަސް ކަން އުފެދިފައެވެ.