ޚަބަރު

އިޝާރާތުބަސް ދަސްކޮށްދޭ ކޯސް ފަށައިފި


  • ފުރަތަމަ 2 ބެޗުގައި 100 މީހުން ބައިވެރިވެފައިވޭ

  • ކޯހުގައި ބައިވެރިވުމަށް 200 އަށްވުރެ ގިނަ ފޯހު ހުށައަޅާފައިވޭ

  • ދެވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައި

އިޝާރާތުބަސް ދަސްކޮށްދޭ ކޯސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

މިކޯހަކީ އަޑުއިވުމުން މަޙުރޫމް ވެފައިވާ މީހުންނަށް ދައުލަތުގެ މުވައްސަސާތަކުން ޚިދުމަތް ހޯދުމަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ކޯހެއްކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.

ދައުލަތުގެ މުވައްސަސާތަކަށް އެކި ޚިދުމަތް ހޯދުމަށްދާ އަޑުއިވުމުން މަޙުރޫމްވެފައިވާ މީހުންނަށް ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ މުޢާމަލާތުކުރުމުގައި ދިމާވާ ދަތިކަމެވެ. މިކަމަށް ޙައްލު ގެނެސްދިނުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިންވަނީ ޚާއްސަ ކޯހެއް ފަރުމާކޮށްފައެވެ.

އެގޮތުން އޮންލައިންކޮށް ކެންވަރ މެދުވެރިކޮށް އިޝާރާތު ބަސް ދަސްކޮށްދޭ ކޯސް މިހާރުވަނީ ފަށާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، އިޝާރާތު ބަސް ކޯހުގެ ފުރަތަމަ 2 ބެޗުގައި ޖުމްލަ 100 ފަރާތަކުން ބައިވެރިވެފައިވާކަމަށެވެ.

މި ކޯސް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ކުރިއަށްއޮތް 4 ހަފްތާގެ ނިޔަލަށް އެމީހަކަށް ފަސޭހަ ގަޑިތަކުގައި ބައިވެރިވެ މަސައްކަތް ދެވޭ ވަކި މުއްދަތެއްގެ ތެރޭގައި ފުރިހަމަކުރާގޮތަށެވެ.

ކޯހުގެ ފުރަތަމަ ބުރުގައި ހުޅުވާލީ ސަރުކާރުގެ ވުޒާރާތަކާއި، އެކި އިދާރާތަކާއި ކުންފުނިތަކަށެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ކުރިއަށް އޮތް ބެޗުތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ކައުންސިލްތަކަށްވެސް ހުޅުވާލާފައެވެ. އެވުޒާރާއިން ވިދާޅުވީ ކޯހުގައި ބައިވެރުވުމަށް ގިނަ ބައެއްގެ ޝައުގުވެރިކަން ހުރިކަމަށެވެ. އެގޮތުން ފުރަތަމަ ހުޅުވާލި ފުރުސަތުގައި 200 އަށްވުރެ ގިނަ ފަރާތްތަކުން ފޯމު ހުށައަޅާފައިވާކަމަށެވެ.

އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ 1500 އެއްހާ މީހުން ރާއްޖޭގައި އެބަތިބިކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އިޝަރާތު ބަސް ކޯހަކީ ދައުލަތުގެ އެކި މުވައްސަސާތަކަށް އަމާޒުކޮށް ކުރިއަށްގެންދާ ކޯހެއްނަމަވެސް ކުރިއަށް އޮތްތަނުގައި އާއްމުންނަށްވެސް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.