ޚަބަރު

ވިނަރެސް ފްލެޓް ހޯދުމަށް ހުޅުވާލިކަމަށް ބުނެ ސްކޭމް މެސެޖުތަކެއް


  • މި ސްކޭމްގައި ފޭސްބުކް އަދި އިންސްޓަގްރާމް ހެކްކޮށް ފައިސާ ހޯދުމަށް މެސެޖު ކުރާ ކަމަށް ފުލުހުން ވިދާޅުވޭ

  • މެސެޖަކުން އަންނަ ލިންކަކަށް ނުފިތުމަށް ފުލުހުން އިރުޝާދު ދޭ

ވިނަރެސް ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އެންމެންނަށް ހުޅުވާލާފައިވާކަމަށް ބުނެ، ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ވިނަރެސް ފްލްޓްތަކަށް ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އެޕްލައި ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް ބުނެ ދައުރު ކުރަމުންދާ މެސެޖުގައި ލިންކެއްވެސް ވަނީ ހިމަނާފައެވެ. އަދި އިތުރު ތަފްސީލު ވެބްސައިޓުން ލިބޭނެ ކަމަށް އެ މެސެޖުގައިވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މެސެޖަކީ ސައްޙަ މެސެޖެއް ނޫން ކަމަށެވެ. އަދި މި ލިންކް މެދުވެރިކޮށް އިންސްޓްގްރާމް އަދި ފޭސްބުކް ހެކްކޮށް، އެ މީހެއްގެ ނަމުގައި އެކި މީހުންނަށް ފައިސާ ހޯދުމަށް މެސެޖް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވަނީ މިގޮތަށް އަންނަ އެއްވެސް ލިންކަކަށް ނުފިތުމަށް އިރުޝާދު ދީފައެވެ.

ސްކޭމް މައްސަލަ ރާއްޖޭގައި އިންތިހާއަށް ބޮޑުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި ވާހަކަދައްކަވަމުން ފުލުހުން ވަނީ މިއަހަރުގެ ޖުލައި މަހާ ހަމައަށް ސްކޭމް މައްސަލަތަކުގައި 300 މިލިޔަން ރުފިޔާ ގެއްލިފައިވާކަން ހާމަކޮށްފައެވެ. އަދި މިއަހަރުގެ މިހާތަނަށް 70 އަށް ވުރެ ގިނަ ވެބްސައިޓު މިފަދަ މައްސަލަތަކާއި ގުޅިގެން ބްލޮކް ކޮށްފައިވާކަން ފުލުހުން ހާމަކުރެއެވެ.

މިފަދަ މައްސަލަތައް ގިނަ ވެފައިވާއިރު، މޯބައިލް ފޯނަށް މެސެޖުގެ ޒަރީއްޔާއިން އަންނަ އެއްވެސް ލިންކަކަށް ނުފިތުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.