ޚަބަރު

މާލޭގައި އޮތް ބީޗް ކޯޓް ޒަމާނީ ފެންވަރަށް ތަރައްގީ ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވެއްޖެ


ބީޗު ވޮލީ އަކީ ރާއްޖޭގައި ވަރަށް ބޮޑަށް ކުރިއަށްގެންދެވޭނެ ކުޅިވަރެއް ކަމުގައި ގަބޫލު ކުރައްވާ ކަމަށާއި އެހެން ކަމުން ކުޅުންތެރިން ޕްރެކްޓިކްސް ކުރުމަށް ދިމާވެފައިވާ ދަތި ކަމަށް ހައްލު ހޯދަވައި ދެއްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

ބޫޓާނުގައި ނިމިދިޔަ ކާވާ ބީޗުވޮލީބޯލް ޗެމްޕިއަންޝިޕުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ އެއްވަނަ ޕެއާ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާއަށް މަރުހަބާ ކިޔުމަށް ރޭ އެއާޕޯޓްގެ ވީއައިޕީ ލޯންޗަށް ވަޑައިގެން ދެއްކެވި ވާހަކަ ވަޒީރު ވިދާޅުވީ މި ކާމިޔާބަކީ ވަރަށް ފަހުރުވެރިވާ އަދި އެކަމަށް މަރުހަބާ ކިޔާ ކާމިޔާބެއް ކަމަށެވެ.

ރަން މެޑަލް ހޯދި ޓީމުގެ ކޯޗު އަބްދުﷲ ނަޝީދު (އަބުޅޯ) ވިދާޅުވީ ކުޅުންތެރިންގެ ފަރާތުން އެދެނީ ޕްރެކްސްޓިކްސް ކުރާނެ ރަނގަޅު ވަސީލަތެއް ހޯދައިދިނުން ކަމަށާއި މިހާރު ޕްރެކްޓިސް ކުރަން ވަރަށް ބޮޑަށް ދަތިވާކަމަށެވެ.

ކުޅުންތެރިން ޕްރެކްސްޓިކްސް ކުރާނެ ތަނެއް އެއްމެ ރަނގަޅު ފެންވަރުގައި ތަރައްގީ ކުރައްވާނެ ކަމަށާއި ސަރުކާރުގެ ވިސްނުން މިހާރު ކުރީ މާލޭގައި މިހާރު އޮތް ބީޗު ކޯޓް މުބާރާތް ބޭއްވޭނެ ފެންވަރަށް ތައްގީ ކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަމަށްޓަކައި މިހާރު މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތް ވަރަށް އަވަށް ފަށާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މި ކުޅުންތެރިން ހޯދި ކާމިޔާބުގެ ސަބަބުން ޒުވާން ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތް ވަރަކަށް ވެގެންދާނެ ކަމަށާއި އަދި މި ރަންމެޑަލް ހޯދި ކުޅުންތެރިންނަށް މިއަށް ވުރެން ބޮޑެތި މުބާރާތްތަކުން ކާމިޔާބު ހޯދުމަށް ހިތްބަރު ލިބިގެންދާނެ ކަމަށާއި އެއާއެކު މުޅި ވޮލީ އާއިލާއަށް އެކަމުގެ އުފާވެރިކަން ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ކާމިޔާބާއެކު ކުޅުންތެރިންގެ ވިސްނުން ދެން ގެންގުޅެންވީ މިއަށްވުރެ ބޮޑެތި ކާމިޔާބުތައް ހޯދުމަށް ކަމަށާއި އެއީ ގައުމު ކުޑަވުމުން ނުވާންވީ ކަމެއް ނޫންކަމަށް ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިހާރު ކުރިއަށްދާ އޮލިމްޕިކްސް އާއި ވޯލްޑް ކަޕް ފަދަ ދުނިޔޭގެ އެންމެ މަތީފަންތީގެ މުބާރާތްތަކުގައި ވެސް އެކަން ފެނިގެންދާ ކަމަށެވެ.

މިހާރަށްވުރެ ބޮޑެތި ކާމިޔާބުތައް ހޯދުމަށް ކުޅުންތެރިން ކުރަމުންދާ މަސައްކަތުގައި ސަރުކާރުން އެންމެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި ކުޅުންތެރިން އެގޮތުގައި މަސައްކަތް ކުރުމަށް ވަޒީރު ގޮވާލެއްވިއެވެ.

ކުޅުންތެރިންނަށް މަރުހަބާ ކިޔުމަށް ވަޒީރުގެ އިތުރުން ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން ވީއޭއެމްގެ އެކްސްކޯ މެންބަރުން އަދި އާއިލާގެ ބޭފުޅުން އެއާޕޯޓަށް ވަޑައިގެންނެވިއެވެ.