ރާއްޖޭގައި އިންޓަރނޭޝަނަލް ބަންކަރިންގެ ޚިދުމަތް ފެށުމަށް 4000 ޓަނުގެ ތެޔޮ އުފުލޭ 2 އުޅަނދު ގެންނާނެކަމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން އެސްޓީއޯއިން ވިދާޅުވެއްޖެއެވެ.
އިންޓަރނޭޝަނަލް ބަންކަރިންގެ ޚިދުމަތް މިމަހުގެ 20 ވަނަ ދުވަހު ރާއްޖޭގައި ފަށާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ވިދާޅުވެފައެވެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމް ވިދާޅުވީ ރާއްޖޭގެ އުތުރުގައި އިންޓަރނޭޝަނަލް ފިއުލް ބަންކަރިން މަސައްކަތް ފެށުމަށްޓަކާ އިކޮނޮމިކް ކައުންސިލާއި، އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، ކަމާ ގުޅުން ހުރި ފަރާތްތަކާއެކު މަސައްކަތްތައް ކުރައްވަމުންގެންދަވާކަމަށެވެ. އަދި އެޚިދުމަތް ފުރަތަމަ ފަށައިގަންނައިރު 2 ބޯޓު ބޭނުންކޮށްގެން އޮފްޝޯ ނުވަތަ ކަނޑުގައި އުޅަނދު ބާއްވައިގެން ޚިދުމަތް ދިނުމަށް ނިންމާފައިވާކަމަށެވެ. އަމާޒަކީ ކައިރި މުސްތަޤުބަލެއްގައި ބިން ހިއްކައިގެން އެބިމުގައި ތާނގީ ޤާއިމްކޮށް އިންޓަރނޭޝަނަލް ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދިނުންކަމަށްވެސް ޝިމާދު ވިދާޅުވިއެވެ.
"އަބަދު އޮފްޝޯ ޚިދުމަތް ދިނުމަކީ އެންމެ ފީސިބަލް ކަމަކަށް ނުވާނެ. ނަމަވެސް ފަށައިގަތުމަށް ހަމަޖެހިފައިވަނީ 2 ބޯޓު ރާއްޖެ ގެނެސްގެން އޮފްޝޯ ބަންކަރިންގެ ޚިދުމަތުގެ ގޮތުގައި."އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝިމާދު ވިދާޅުވީ އެސްޓީއޯއިން ރާއްޖެ އެެތެރެކޮށް ވިއްކާ އެކި ބާވަތުގެ ތެޔޮ ރައްކާކުރުމަށް މާލެ އަތޮޅު ފުނަދޫގައި ޤާއިމްކޮށްފައިވާ ފިއުލް ސްޓޯރޭޖް މާލެ އަތޮޅު މާގިރިފަޅަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން އެ މަޝްރޫޢަށް ބޭނުންވާ ކޮންސަލްޓަންޓްގެ ގޮތުގައި ޑެންމާކުގެ ތަޖުރިބާކާރު ފާމެއް ނަގާފައިވާކަމަށެވެ.
ބަންކަރިން ޚިދުމަތަކީ ކަނޑު ބޯޓުތަކާއި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތެވެ. ބޯޓް ފަހަރު އާއްމުކޮށް ދަތުރުކުރާ ސަރަހައްދުތަކުގައި އެފަދަ ޚިދުމަތެއް ފެށިއްޖެ ނަމަ ބޯޓް ފަހަރު އެތަންތަނަށް މަޑުކޮށް ތެޔޮ އަޅާހަދައެވެ. މިގޮތަށް ތެޔޮ ވިއްކުމަކީ ރަނގަޅު ފައިދާއެއް ލިބޭ ޚިދުމަތެކެވެ.
ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީއަކީ މިހާރު 6.5 ބިލިއަން އެމެރިކާ ޑޮލަރެވެ. ނަމަވެސް ބަންކަރިންގެ ޚިދުމަތް ފެށުމުން އޭގެ ތެރެއަށް މުޅިން އަލަށް 400 މިލިއަން ޑޮލަރު ވަންނާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. މިއާއެކު މިއާއެކު 6 ބިލިއަން ދިވެހި ރުފިޔާގެ މުޅިން އައު ސިނާއަތެއް އުފެދޭނެއެވެ.
އިހަވަންދިއްޕޮޅުގައި ޤާއިމުކުރާ ތެޔޮ ފޯރުކޮށްދޭ އިންޓަރނޭޝަނަލް ބަންކަރިން ޕްރޮޖެކްޓުގެ ޓާރމް ޝީޓުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސް.ޓީ.އޯއިން މަލްޓިނޭޝަނަލް އެނަރޖީ އެންޑް ކޮމިޑިޓީ ޓްރޭޑިންގ ކޮމްޕެނީ ވިޓޯލްއާއެކު މާރިޗުމަހުގެ 13 ގައި ވަނީ ސޮއިކޮށްފައެވެ.