އިނގިރޭސިވިލާތުގައި ދިރިއުޅެމުންދާ ދިވެހީންގެ މައުލޫމާތު އެ ޤައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނާ ހިއްސާ ކުރުމަށް އެ ކޮމިޝަނުން އެދިވަޑައިގެންފިއެވެ.
އެ ކޮމިޝަނުން ވިދާޅުވީ ކޮންސިއުލަރ އީމެއިލް (consular@maldiveshighcommission.uk) މެދުވެރިކޮށް އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހީންނަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ. އަދި އިމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ ހައި ކޮމިޝަނަށް އެކަން އެންގުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.
The High Commission of the Maldives in the UK requests all Maldivians residing in the UK to register with the High Commission through consular@maldiveshighcommission.uk.
— Maldives in UK (@MDVinUK) August 5, 2024
The High Commission can be contacted via phone +44(0)2072242135 or email info@maldiveshighcommission.uk. pic.twitter.com/1MzceufXDx
އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން މިގޮތަށް އެދިފައިވަނީ އެ ޤައުމުގެ ހުޅަނގުއުތުރު ހާޓްލީޕޫލްގެ ރަށެއް ކަމުގައިވާ ސައުތުޕޯޓްގައި ދިން ވަޅީގެ ޙަމަލާތަކެއްގައި ތިން ކުޑަކުދިން މަރުވުމުން ފެށި މުޒާހަރާތައް ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެފައިވާ ދަނޑިވަޅެއްގައެވެ. ސައުތުޕޯޓާއި ލިވަރޕޫލްގެ އިތުރުން ވެރިރަށް ލަންޑަނުގައި ފެށި މުޒާހަރާތަކުގެ ބައިވެރިން އެންމެ ފުރަތަމަ ޙަމަލާ ދީފައި ވަނީ މިސްކިތްތަކަށެވެ. އެއަށްފަހު, އެ މީހުން ވަނީ މުދަލަކަށް ގެއްލުންދީ, ފުލުހުންނާ ކުރިމަތިލާން ފަށާފައެވެ.
މުޒާހަރާގެ ބައިވެރިން މިސްކިތްތަކަށް ޙަމަލާ ދީފައި ވަނީ, ސައުތުޕޯޓުގައި ވަޅިން ޙަމަލާދީ މަރައިލި ތިން ކުޑަކުދިންގެ ގާތިލަކީ އިނގިރޭސިވިލާތަށް ހިޖުރަ ކޮށްފައިވާ މުސްލިމެއް ކަމަށް ބުނެ, ސޯޝަލް މީޑިޔާގައި ދޮގު މަޢުލޫމާތުތަކެއް ފެތުރުމާ ގުޅިގެންނެވެ. ނަމަވެސް, ފުލުހުން ވަނީ އެ އަމަލު ހިންގާފައިވާ 17 އަހަރުގެ އެކްސެލް ރޫޑެކުބާނާއަކީ އިނގިރޭސިވިލާތަށް އުފަން, އެ ޤައުމުގެ ރައްޔިތެއް ކަން ހާމަ ކޮށްފައެވެ.
އިނގިރޭސިވިލާތުގައި ދިރިއުޅެމުންދާ އަދި އެ ޤައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށްވެސް ދިވެހި ޚާރިޖިއްޔާއިން އިލްތިމާސްކުރައްވާފައިވެއެވެ. ޚާއްޞަކޮށް ސައުތްޕޯޓް އަދި އެތާގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރައްވައެވެ.
އެވުޒާރާއިން ވަނީ އެންމެހައި ފަރާތްތަކުން އިންތިހާއަށް ފަރުވާތެރިވެ، އަބަދުވެސް އެންމެ ފަހުގެ މަޢުލޫމާތު ހޯދަމުން ގެންދިއުމާއެކު، އަމިއްލަ ރައްކާތެރިކަމަށް އިސްކަންދިނުމަށް އެދިވަޑައިގެންފައެވެ. އަދި އަމަންއަމާންކަން ގެއްލިފައިވާ ސަރަހައްދުތަކާ ދުރުހެލިވެ، އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުން ދޭ އެންމެހައި އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް ޚަރީޖީ ވުޒާރާއިން އިލްތިމާސްކުރައްވައެވެ. މީގެއިތުރުން އެއްވެސް އެހީތެރިކަމެއް ބޭނުންވާ ފަރާތަކުން ދިވެހި ހައިކޮމިޝަނާއި ގުޅުއްވުމަށް ދިވެހި ޚާރިޖިއްޔާއިން ވަނީ އެދިވަޑައިގެންފައެވެ.