ޚަބަރު

އީރާނުން ބަދަލު ހިފަން ތައްޔާރު، ޔަހޫދީން ޙިމާޔަތް ކުރަން އެމެރިކާއިން އަވަދިނެތި


މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށުމުގެ ނިޔަތެއް ނެތް ކަމަށާއި, ނަމަވެސް ޔަހޫދީންގެ ކިބައިން ބަދަލު ހިފުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައި އީރާނުން ބުނެފިއެވެ. ޔަހޫދީންގެ ކިބައިން ބަދަލު ހިފާނެ ކަމަށް ބުނެ އީރާނުން އިންޒާރު ދީފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލުމުންނެވެ. ތަހްްރާންގައި ހަނިއްޔާ ހުންނެވި އިމާރާތަށް ޙަމަލާދީ ޖުލައި 31ވަނަ ދުވަހު އޭނާ ޝަހީދު ކޮށްލާފައި ވަނީ ޔަހޫދީން ކަމަށް އީރާނުގެ އިތުރުން އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތައް ވެސް ގަބޫލު ކުރެއެވެ.

"އީރާނުގެ މަޤުޞަދަކީ މެދުއިރުމައްޗަށް ހަމަޖެހުން ގެނައުން. ނަމަވެސް, އެ ކަން ކުރެވޭނީ [މެދުއިރުމައްޗަށް] ބާރާއި ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ޒަޔަނިސްޓުންނަށް [އިސްރާއީލަށް] އެކަށީގެންވާ އަދަބެއް ދީގެން،" އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާޞިރު އަލް-ކަންޢާނީ ވިދާޅުވިއެވެ. މެދުއިރުމަތީގައި ސުލްޙަ ގާއިމު ކުރަން ބައިނަލްއަޤުވާމީ މުޖުތަމަޢު ފޭލުވެފައިވާ ކަމަށް ވިދާޅުވެ, ކަންޢާނީ ވަނީ ޔަހޫދީންގެ މަސްލަޙަތު ހިމާޔަތްކޮށްދީ, ޔަހޫދީންނަށް ރައްކާތެރިކަން ފޯރުކޮށްދޭން އެމެރިކާއިން ކުރަމުންދާ މަސައްކަތްތައް ހުއްޓައިލަން ވެސް ގޮވައިލައްވާފައެވެ.

ހަނިއްޔާ ޝަހީދު ކޮށްލުމުން އަޅާނެ ފިޔަވަޅުތަކާ މެދު މަޝްވަރާ ކުރުމަށް އީރާނުގެ ޚާރިޖީ ވުޒާރާއިން ވަނީ އެ ޤައުމުގައި ތިބި ބޭރު ޤައުމުތަކުގެ ސަފީރުންނަށް ވެސް ދަޢުވަތު އަރުވާފައެވެ. ކަންޢާނީ ވިދާޅުވީ, އެ މަޝްވަރާތަކުގައި އީރާނުގެ ޚާރިޖީ ވަޒީރު ކަމުގެ މަޤާމު ވަގުތީ ގޮތުން ފުރުއްވަމުން ގެންދަވާ ޢަލީ ބާޤިރީ ކުންނީ ބައިވެރިވެ ވަޑައިގަންނަވާނެ ކަމުގައެވެ. އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ވެސް އީރާނުން ވަނީ ހުށަހަޅާފައެވެ.

ހަނިއްޔާ ޝަހީދު ކޮށްލުމުން މެދުއިރުމަތީގެ މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅުގައި ޔަހޫދީންނަށް އަމާޒުކޮށް އެކްސިސްގައި ހިމެނޭ ޖަމާޢަތްތަކުން ދީފާނެ ޙަމަލާއެއް ހުއްޓުވަން އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި, ހަނިއްޔާ ޝަހީދު ކޮށްލުމުން ބަދަލު ހިފުމުގެ ގޮތުން ޔަހޫދީންނާ ދެކޮޅަށް ޙަމަލާ ދިނުމަކީ ހައްލެއް ނޫން ކަން އީރާނަށް ވިސްނައިދިނުމަށް އެމެރިކާއިން ވަނީ އެކުވެރި ޤައުމުތަކަށް ގޮވައިލާފައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވީ, މެދުއިރުމަތީގެ މަސްރަޙު އިތުރަށް ހޫނުވިިޔަ ނުދިނުމަށް އެމެރިކާއިން 24 ގަޑިއިރު މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމުގައެވެ. "މި ކަމުގައި ހުރިހާ ފަރާތަކުން ވެސް ރެސްޓްރެއިންޓް [ހިފެހެއްޓުމާއި ހަމަޖެހުން] އިސްކުރަން ޖެހޭ. މަސްރަޙު ފިނި ކުރަން ހުރިހާ ފަރާތަކުން ވެސް ފިޔަވަޅުތައް އަޅަން ޖެހޭ. މަސްރަޙު ހޫނުވުމުން އެެއްވެސް ބަޔެއްގެ މަސްލަޙަތު ހިމާޔަތެއް ނުކުރެވޭނެ. އެހެން ނޫން ނަމަ, ހަމަނުޖެހުމާއި ލޭއޮހޮރުވުން އިތުރުވާނެ،" ބްލިންކަން ވިދާޅުވިއެވެ.

ހަނިއްޔާ ޝަހީދު ކޮށްލުމުގެ ބަދަލު ހިފާނެ ކަމަށް ބުނެ އީރާނާއި އެކްސިސްގައި ހިމެނޭ ޖަމާޢަތްތަކުން އިންޒާރު ދިނުމުން އެމެރިކާއިން ވަނީ ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭން ތެޅިގަނެފައެވެ. އެމެރިކާގެ ދިފާޢީ އިދާރާ, ޕެންޓެގަނުން ބުނީ ޔަހޫދީންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރަން އެމެރިކާގެ އަސްކަރީ މަނަވަރުތަކާއި މަތިންދާބޯޓުތައް މެދުއިރުމައްޗަށް ފޮނުވާނެ ކަމުގައެވެ.

ހަނިއްޔާ ޝަހީދު ކޮށްލުމާ ގުޅިގެން ޢިރާޤުގައި ގާއިމުވެފައި ތިބޭ އެމެރިކާގެ އިސްތިޢުމާރީ ސިފައިންނަށް އަމާޒުކޮށް ދާދިފަހުން ވަނީ ރޮކެޓު ޙަމަލާތަކެއް ދީފައެވެ. ޢިރާޤުގައި ހުޅަނގުގެ ރަށެއްގައި އޮންނަ ޢަސަދު އަސްކަރީ ވައިގެ ބަނދަރަށް ދިން ޙަމަލާގައި އެމެރިކާ ސިފައިންގެ ފަސް މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އޭގެ ތެރެއިން އެކެއްގެ ހާލު ސީރިޔަސްއެވެ. ނަމަވެސް, އެ ޙަމަލާތަކުގެ ފަހަތުގައި އޮތީ ކޮން ޖަމާޢަތެއް ކަން އަދި ސާފެއް ނޫނެވެ.