ބަންގްލަދޭޝްގައި ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވާފައިވާ ފުރަތަމަ އަންހެން ބޭފުޅާ ބޭގަމް ޚާލިދާ ޒިޔާ ގޭ ބަންދުން މިނިވަން ކޮށްފިއެވެ. އޭނާ މިނިވަން ކޮށްފައި ވަނީ, ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން ބޮޑުވަޒީރު ޝައިޚް ޙަސީނާ އިސްތިޢުފާ ދެއްވައި, ޤައުމު ދޫކުރައްވައި ވަޑައިގެންނެވުމަށް ފަހުއެވެ. ޙަސީނާއާއި ޚާލިދާއަކީ ބަންގްލަދޭޝްގެ ސިޔާސީ މައިދާނުގެ އެންމެ ބޮޑު ދެ ވާދަވެރިންނެވެ.
ވެރިކަން ކުރަމުން ދިޔަ ޙަސީނާގެ އަވާމީ ލީގްގެ ސަރުކާރާ ދެކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ވެރިޔާ, ޚާލިދާ މިނިވަން ކޮށްފައިވާ ކަން އިޢުލާނު ކުރައްވާފައި ވަނީ ރައީސް މުޙައްމަދު ޝިހާބުއްދީނެވެ. އޭނާ މިނިވަން ކޮށްފައި ވަނީ ބަންގްލަދޭޝްގެ ސިޔާސީ ޕާޓީތަކާއި އަސްކަރިއްޔާއާ ދެމެދު ކުރި މަޝްވަރާތަކަކަށް ފަހު, ހުރިހާ ފަރާތަކުން އެ ކަމަށް އެއްބަސްވުމާ ގުޅިގެންނެވެ.
1991ވަނަ އަހަރަށް ފަހު ބަންގްލަދޭޝްގައި ވެރިކަން ކުރައްވަމުން ގެންދަވާފައި ވަނީ ޙަސީނާއާއި ޚަލިދާއެވެ. ބަންގްލަދޭޝްގެ ވެރިކަމާ 76 އަހަރުގެ ޙަސީނާ ހަވާލުވެ ވަޑައިގަތީ, އެ ޤައުމުގެ ބާނީގެ ގޮތުގައި ބެލެވޭ އޭނާގެ ބައްޕާފުޅު މުޖީބް-އަލް-ރަޙްމާން 1975ވަނަ އަހަރު އަވަހާރަ ކޮށްލުމާ ގުޅިގެންނެވެ. 78 އަހަރުގެ ޚާލިދާއަށް ވެރިކަން ލިބުނީ ބީއެންޕީގެ ކުރީގެ ވެރިޔާ އަދި އޭނާގެ ފިރިކަލުން ޒިޔާޢު-އަލް-ރަޙްމާން 1981ވަނަ އަހަރު އަވަހާރަ ކޮށްލުމާ ގުޅިގެންނެވެ. މުޖީބު-އަލް-ރަޙްމާނާއި ޒިޔާޢު-އަލް-ރަޙްމާން ވެސް އަވަހާރަ ކޮށްލާފައި ވަނީ އަސްކަރީ ބަޣާވާތްތަކެއްގައެވެ.
2009ވަނަ އަހަރުގެ އިންތިޚާބުގައި ޙަސީނާއަށް ކާމިޔާބީ ލިބުމާ އެކު, ޚާލިދާގެ މައްޗަށް ޖިނާޢީ ދަޢުވާތަކެއް އުފުލައި, އޭނާ ޖަލަށްލިއެވެ. އެއަށް ފަހު, ޚާލިދާ ވަނީ ސިޔާސީ މައިދާނުން ގެއްލިފައެވެ. ބީއެންޕީ ހިންގުމުގައި އެއަށް ފަހު އިސްކޮށް އުޅުއްވަމުން ގެންދަވާފައި ވަނީ ޚާލިދާގެ ދޮށީ ފިރިހެން ދަރިކަލުންނެވެ.
1945ވަނަ އަހަރު އުފަންވެ ވަޑައިގަތް ޚާލިދާ މިހާރު ގެންދަވަނީ ފުރަމެއާއި ހިތުގެ އާލާސްކަންފުޅެއްގެ އިތުރުން ހަކުރު ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ. މީގެ ކުރިން ޙަސީނާއާއި ޚާލިދާ އެކުގައި ވެސް މަސައްކަތް ކުރައްވާފައިވެއެވެ. އެ ގޮތުން, 1990ވަނަ އަހަރު ބަންގްލަދޭޝްގައި އެއިރު ވެރިކަން ކުރަމުން ދިޔަ އަސްކަރީ ވެރިޔާ މުޙައްމަދު އަރްޝާދުގެ ވެރިކަން ވައްޓައިލުމުގައި ދެ ބޭފުޅުން އިސް ދައުރެއް އަދާ ކުރެއްވިއެވެ. ނަމަވެސް, ދެބަސްވުންތަކާއި ޚިޔާލު ތަފާތުވުންތައް އިތުރުވެ, ދެ ބޭފުޅުން ދުރުވެ ވަޑައިގެންނެވިއެވެ.
1991ވަނަ އަހަރު ބަންގްލަދޭޝްގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ބާއްވާފައިވާ ފުރަތަމަ މިނިވަން އަދި އިންސާފުވެރި އިންތިޚާބުގައި ކާމިޔާބީ ހޯއްދެވީ ޚާލިދާއެވެ. އެ ކާމިޔާބީއާ އެކު, ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ކަމުގެ މަޤާމު ޚާލިދާއަށް ލިބިވަޑައިގަތެވެ. އިންތިޚާބުގެ ކާމިޔާބީއަށް ފަހު ޚާލިދާ ވަނީ ބަންގްލަދޭޝްގެ ވެރިކަމުގެ ނިޒާމު, ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރައްވާފައެވެ.
ޚާލިދާގެ މައްޗަށް ކުރި ހޯއްދަވައި ޙަސީނާ ވެރިކަމަށް ވަޑައިގެންނެވީ 1996ވަނަ އަހަރު ބޭއްވި އިންތިޚާބުގައެވެ. ނަމަވެސް, އޭގެ ފަސް އަހަރު ފަހުން ޚާލިދާ އަނެއްކާ ވެސް ވެރިކަމަށް އެނބުރި ވަޑައިގެންނެވިއެވެ. ނަމަވެސް, އޭނާގެ ވެރިކަމުގެ ދެވަނަ ދައުރުގައި ހައްދުފަހަނަ އެޅި ގުރޫޕުތަކުގެ ޙަމަލާތައް އިތުރުވެ, އޭނާއާ ދެކޮޅަށް ޚިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނެވެ.
2004ވަނަ އަހަރު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަން ހުއްޓައި ޙަސީނާ އަވަހާރަ ކޮށްލަން ބޮމުގެ ޙަމަލާތަކެއް ދީފައިވެއެވެ. އެ ޙަމަލާގައި އޭނާގެ ފުރާނައަށް ނުރައްކާވެފައި ނުވި ނަމަވެސް 20 މީހުން މަރުވެ 500އެއްހާ މީހުން ޒަޚަމުވިއެވެ. އެ ޙަމަލާ ރޭވުމުގެ ދަޢުވާ އުފުލާފައި ވަނީ ޚާލިދާގެ ދޮށީ ފިރިހެން ދަރިކަލުންގެ މައްޗަށެވެ.
2006ވަނަ އަހަރު, ޚާލިދާގެ ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރު ނިމުމަކަށް އައީ އަސްކަރީ ބަޣާވާތަކުންނެވެ. އަދި, ޚިޔާނާތުގެ ދަޢުވާ އުފުލައި, ޚާލިދާއާއި ޙަސީނާ ވެސް ޖަލަށް ލި މަންޒަރު ފެނިގެން ދިޔައެވެ. ނަމަވެސް, 2008ވަނަ އަހަރުގެ ޢާންމު އިންތިޚާބުގެ ކުރިން ދެ ބޭފުޅުން ވެސް ވަނީ މިނިވަން ކޮށްފައެވެ. އެ އަހަރު ބޭއްވި އިންތިޚާބު ބޮއިކޮޓުކޮށް, ޚާލިދާގެ ބީއެންޕީން ވާދަ ކޮށްފައެއް ނުވެއެވެ.
2018ވަނަ އަހަރު ޚާލިދާއާއި އޭނާގެ ދޮށި ފިރިހެން ދަރިކަލުންގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތު ކުރިއެވެ. އަދި ޚާލިދާ އަނެއްކާ ވެސް ޖަލަށް ވަޑައިގަންނަވަން ޖެހުނެވެ. އޭނާ ގޭ ބަންދަށް ބަދަލު ކޮށްފައި ވަނީ 2020ވަނަ އަހަރުގެ މާރިޗު މަހު, ޞިއްޙީ ހާލުކޮޅު ދެރަވުމާ ގުޅިގެންނެވެ. އޭނާ މިހާރު ވެސް އޮންނެވީ ހަސްފަތާލުގައެވެ.