ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޔަހޫދީ އަސްކަރިއްޔާގެ މަތިންދާބޯޓުތައް ލުބްނާނުގެ ވައިގެ ސަރަޙައްދަށް ފޮނުވައި, މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ދެއްވަމުން ގެންދެވި ތަޤުރީރަކަށް ހުރަސް އަޅައިފިއެވެ. ޓީވީ މެދުވެރި ކުރައްވައި ނަޞްރުالله ލުބްނާންގެ ރައްޔިތުންނާ މުޚާޠަބު ކުރައްވާފައި ވަނީ, ޔަހޫދީ ފައުޖުން ޝަހީދުކޮށްލި ޙިޒްބުاللهގެ އަސްކަރީ ކޮމާންޑަރު ފުޢާދު ޝުކްރުގެ މަރަށް ހަފުތާއެއް ފާއިތުވުމާ ގުޅިގެން ހިތާމަ ފާޅު ކުރުމުގެ ގޮތުންނެވެ.
ނަޞްރުاللهގެ ތަޤުރީރަށް ހުރަސް އެޅުމަށް ނިރުބަވެރި ނަތަންޔާހު ފޮނުވި އަސްކަރީ މަތިންދާބޯޓުތައް ވަނީ ލުބްނާންގެ ރައްޔިތުންގެ ގެދޮރު ކައިރިން ބާރު ދުވެލީގައި އަޑުގަދަކޮށް ދުއްވާފައެވެ. އެ ގޮތަށް އަޑަށްވުރެ ބާރު ދުވެލީގައި އަސްކަރީ މަތިންދާބޯޓު ދުއްވުމަކީ "ސޮނިކް ބޫމް"ގެ ނަން ދީފައިވާ ބާރު އަޑުފަށްގަނޑެއް އުފެދޭ ކަމެކެވެ. އެ އަޑުގެ ސަބަބުން ކުޑަދޮރު ފަދަ ތަކެތީގެ ބިއްލޫރިގަނޑު ތެޅުން ފަދަ ހާދިސާތައް ކުރިމަތިވެއެވެ.
ޔަހޫދީ ފައުޖުގެ އަމަލުތަކަށް އިޝާރާތް ކުރައްވައި ނަޞްރުالله ވިދާޅުވީ, އެއީ ޝުކްރު ޝަހީދު ކޮށްލުމުން އެ ކަމާ ހިތާމަ ފާޅު ކުރަމުން ދިޔަ ލުބްނާންގެ ރައްޔިތުންނަށް ފުރައްސާރަ ކުރުމުގެ ގޮތުން ޔަހޫދީ ފައުޖުން ހިންގާފައިވާ ދަށު ދަރަޖައިގެ އަމަލެއް ކަމުގައެވެ. ޝުކްރު ޝަހީދު ކޮށްލާފައި ވަނީ ލުބްނާންގެ ވެރިރަށް ބައިރޫތުގައި އޭނާ ހުންނެވި އިމާރާތަށް ޔަހޫދީ ފައުޖުން ދިން ރަޙުމު ކުޑަ ޙަމަލާއެއްގައެވެ.
ޔަހޫދީންގެ އަސްކަރީ މަތިންދާބޯޓުތައް ލުބްނާންގެ ވައިގެ ސަރަޙައްދަށް ފޮނުވުމުގެ ކުރިން, ޙިޒްބުاللهން ވަނީ ޔަހޫދީންގެ ރަށްތަކަށް ވަރަގަދަ ޑްރޯން ޙަމަލާތަކެއް ވެސް ދީފައެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޔަހޫދީ ދައުލަތުގެ އުތުރުގައި އޮންނަ އަކިރްގެ އަސްކަރީ މަރުކަޒަކަށާއި, އެހެން ސަރަޙައްދެއްގައި ދަތުރު ކުރަމުން ދިޔަ ޔަހޫދީ ފައުޖުގެ އަސްކަރީ އުޅަނދަކަށެވެ.
ޙިޒްބުاللهން ޑްރޯން ޙަމަލާތަކެއް ދީފައިވާ ކަން ޔަހޫދީ ފައުޖުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ޔަހޫދީންގެ ޞިއްޙީ ޚިދުމަތްތެރިން ބުނީ ޙިޒްބުاللهގެ ޙަމަލާތަކާ ގުޅިގެން ހަތް މީހަކު ހަސްފަތާލަށް ގެންދަން ޖެހުުނު ކަމުގައެވެ. އަދި, އޭގެ ތެރެއިން އެކެއްގެ ހާލު ސީރިޔަސް ކަމުގައެވެ. ޔަހޫދީ ފައުޖުން ބުނީ, ޙިޒްބުاللهގެ ގިނަ ޑްރޯންތައް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމަށާއި, ހަތް މީހަކު ޒަޚަމުވެފައި ވަނީ ޑްރޯންތަކުގެ ސަބަބުން ނޫން ކަމުގައެވެ. އެ މީހުން ޒަޚަމުވީ ޑްރޯންތައް ދިފާޢު ކުރަން ޔަހޫދީ ފައުޖުން ބޭނުން ކުރި މިސައިލެއް އަމާޒުން ކައްސައިލައި ބިމަށް ވެއްޓުމާ ގުޅިގެން ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ.
އެ ހާދިސާ ހިނގާފައި ވަނީ އިސްރާއީލުގެ ދެކުނުގައި އޮންނަ ނަހަރިޔާގައެވެ. ޙިޒްބުاللهގެ ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ޔަހޫދީ ފައުޖުން ވެސް ލުބްނާންގެ ދެކުނުގެ ރަށްތަކަށް ޙަމަލާތަކެއް ދިނެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޙިޒްބުاللهގެ އަސްކަރީ މަރުކަޒުތަކަށް ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ.
ޝުކްރުގެ އިތުރުން ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލުމާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު ވަނީ އިތުރަށް ނުތަނަވަސް ވެފައެވެ. ހަނިއްޔާ ޝަހީދު ކޮށްލާފައި ވަނީ އީރާނަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ. ހަނިއްޔާއާއި ޝުކްރު ޝަހީދު ކޮށްލުމާ ގުޅިގެން އީރާނާއި އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ ޔަހޫދީންގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން ނުރައްކާތެރި ޙަމަލާތަކެއް ދޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.
މި އިންޒާރުތަކާ ގުޅިގެން ޔަހޫދީންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރަން އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިން ވަނީ ތެޅިގަނެފައެވެ. އެމެރިކާގެ ދިފާޢީ އިދާރާ, ޕެންޓެގަނުން ބުނީ އީރާނާއި އެކްސިސުން ދީފާނެ ޙަމަލާއަކުން ޔަހޫދީން ހިމާޔަތް ކޮށްދޭން މެދުއިރުމައްޗަށް އެމެރިކާގެ އަސްކަރީ މަނަވަރުތަކާއި މަތިންދާބޯޓުތައް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމުގައެވެ.