ބައެއް އަތޮޅު ކައުންސިލްތަކުން އަތޮޅުގެތައް ނުވަތަ ސްޓޭޓް ހައުސްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފަމުންދާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން މިހެން ވިދާޅުވީ، އަތޮޅުގެތަކާބެހޭ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއާ ޙިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައެވެ.
އަތޮޅުތަކުގެ ވެރިކަންކުރާ ރަށްރަށުގައި ޤާއިމްކޮށްފައިވާ އަތޮޅު ގެތަކަކީ އެ ރަށްރަށަށް ވަޑައިގަންނަވާ ދައުލަތުގެ ވެރިންނާއި ޢިއްޒަތްތެރިންނަށް ޚާއްސަކޮށް ތަރައްޤީކޮށްފައިވާ ތަންތަނެވެ.
ލާމަރުކަޒީ ކޮމިޓީގައި ވާހަކައްދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ އެގްޒެކެޓިވް ޑިރެކްޓަރ ހާމިދު ޔޫސުފް ވިދާޅުވީ ބައެއް ކައުންސިލްތަކުން އަތޮޅު ގެތަކުގެ ބޭނުންނަ ނަހަމަގޮތުގައި ހިފަމުންދާ ކަމަށެވެ. އެގޮތުން އަތޮޅު ކައުންސިލްގެ ރައީސް ދިރިއުޅުއްވާ ގެއެއްގެ ގޮތުގައި އަތޮޅު ގޭގެ ބޭނުން ހިފަމުންދާކަން ހާމިދު ފާހަގަކުރެއްވިއެވެ. އަދި ތަފާތު އެއްބަސްވުންތައް އެކުލަވާލައި އަތޮޅުގެ ކުއްޔަށް ދިނުމާއި ރަށުގެ މުއައްސަސާއެއްގެ ބޭނުމަށް އަތޮޅުގެ ޚާއްސަކުރުމުން އެ އަތޮޅުގެތަކުގެ ބޭނުން އެންމެ ރަނގަޅަށް ކައުންސިލްތަކުން ނުހިފޭކަމަށް ހާމިދު ވިދާޅުވިއެވެ.
"ޙަޤީޤަތުގައި އަޅުގަނޑުމެންނަށް އަތޮޅުގެ ބޭނުން ހިފާގޮތް މޮނިޓަރ ނުކުރެވޭ. އެއް އަތޮޅެއްގައި ކައުންސިލްގެ ރައީސް، އަތޮޅުގެ އެބަ ބޭނުންކުރައްވާ ދިރިއުޅުއްވުމަށް. އެ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކުރަންވެސް އަޅުގަނޑުމެން ބޭނުންވި. އެހެންނަމަވެސް ކައުންސިލުން އެއްބަސްވުމުގައި ސޮއިކުރާކަށް ބޭނުމެއް ނުވި. ހަމައެއާއެކު އަޅުގަނޑުމެންނަކަށް ނެތް ފިޔަވަޅު އެޅޭކަށްވެސް. ދައުލަތުން ލިވިން އެލަވަންސެއް ކައުންސިލަރުންނަށް ދޭއިރުގައި ދައުލަތުން އަޅާދީފައިހުރި ތަނެއް އެގޮތަށް އެ ބޭނުންކުރައްވަނީ." ހާމިދު ވިދާޅުވިއެވެ.
ހާމިދު ވިދާޅުވީ އަތޮޅުގެއެއްގެ ބޮޑު މަރާމާތެއް ކުރަންޖެހިއްޖެނަމަ އެކަމަށް ބަޖެޓު ހަމަޖައްސައިދެނީ ދައުލަތުން ކަމަށެވެ. އެހެންކަމުން އަތޮޅު ކައުންސިލްތަކުން އެ ތަންތަނުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުން ވަރަށް މުހިންމުކަމަށް ހާމިދު ވިދާޅުވިއެވެ.
އަތޮޅު ގެއަކީ ދައުލަތުގެ ވެރިންނާއި ޢިއްޒަތްތެރިން ރަށަކަށް ވަޑައިގެން ތިއްބަވަން ޚާއްސަކޮށްފައިވާ ތަނެއް ނަމަވެސް، ވެރިން ނުތިއްބަވާނަމަ އެ ތަންތަން ގެސްޓް ހައުސްތަކުގެ ސިފައިގައި ބޭނުންކޮށްގެން ޢާމްދަނީ ހޯދުމުގެ ފުރުޞަތު ކައުންސިލްތަކަށް ލިބެއެވެ.
ޙާމިދު ވަނީ ބައެއް ކައުންސިލްތަކުން އަތޮޅު ގެތަކުގެ ބޭނުން ނަހަމަގޮތުގައި ހިފި ނަމަވެސް ރަނގަޅުގޮތުގައި އެތަންތަނުގެ ބޭނުންހިފާ ކައުންސިލްތައްވެސް އޮތްކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެ ތަންތަން ކުއްޔަށް ދީގެން އާމްދަނީ ހޯދުމުގެ މަސައްކަތް ކައުންސިލްތަކުން ކުރަމުންދާކަން ހާމިދު ފާހަގަކުރެއްވިއެވެ.
އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާއިން ވަނީ މިހާރު އަތޮޅުގެތަކުގެ ޢިމާރާތަކަށް ބޭނުންވާ މަރާމާތާ ބެހޭގޮތުންވެސް ވާހަކަދައްކަވާފައެވެ.
މިކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ އާދަމް ވިދާޅުވީ 2008 އިން ފެށިގެން އަތޮޅުގެތައް ރަނގަޅަށް ނުބެލެހެއްޓި، ގިނަ އަތޮޅުގެތަކުގެ ޢިމާރާތްތައް ހަލާކުވެފައިވާ ކަމަށާއި ސަރުކާރުގެ ވިސްނުމަކީ މިގޮތަށް ހުރި ޢިމާރާތްތައް ޒަމާނީ ފެންވަރަކަށް ހެދުން ކަމަށެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް އަތޮޅު ގެ ހުރެއެވެ. ނަމަވެސް ބައެއް ރަށްރަށުގައި ހުރި އަތޮޅުގެތައް ހުރީ ވަރަށް ބޮޑަށް ބާވެ މަރާމާތަށް ބޭނުންވެފައެވެ. މިގޮތުން ބޭނުންނުކުރެވޭ މިންވަރަށްވެސް ބައެއް އަތޮޅު ގެ ހަލާކުވެފައި އެބަހުރިކަމަށް އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.