ޣައްޒާގެ އުތުރުގެ ބައެއް ސަރަޙައްދުތައް ހުސް ކުރަން އެންގުމަށް ފަހު, ޔަހޫދީ ފައުޖުން އެ ސަރަޙައްދުތަކަށް ދެމުންދާ ޙަމަލާތައް ވަރުގަދަ ކުރަން ފަށައިފިއެވެ. ހުސް ކުރަން އަންގާފައި ވަނީ ޣައްޒާގެ އުތުރުގައި އޮންނަ ބަޔިތު ޙާނޫނާއި ބަޔިތު ލާހިޔާއެވެ. އެ ސަރަޙައްދުތައް ހުސް ކުރަން އަންގާފައި އެ ސަރަޙައްދުތަކުގައި ޙަރަކާތްތެރިވަމުންދާ މުޖާހިދުންގެ ޖަމާޢަތްތަކުން ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިންނަށް އަމާޒުކޮށް ރޮކެޓް ޙަމަލާތައް ދެމުންދާ ކަމަށް ބުނެއެވެ.
މީގެ ކުރިން އެއްގަމު މަގުން އަރައި ޔަހޫދީ ފައުޖުން ހިންގި ލާއިންސާނީ ޢުދުވާންތަކުގައި އެ ދެ ސަރަޙައްދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެ ސަރަޙައްދުތަކުގައި ޢާންމުން ދިރިއުޅޭ ގެދޮރާއި, މިސްކިތްތަކާއި, މަދަރުސާތައް ވަނީ ސުންނާފަތިކޮށް, ބިމާ ހަމަ ކޮށްލާފައެވެ. ޔަހޫދީ ފައުޖުގެ ތަރުޖަމާނު އަވީޚާއި އަދްރާއީ ބުނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާ ޙަމާސްގެ މުޖާހިދުން ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ރޮކެޓު ޙަމަލާތަކެއް ދެމުންދާ ކަމުގައެވެ.
ޙަމާސްގެ ރޮކެޓް ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ އެ ސަރަޙައްދުގައި އޮތް ޣައްޒާ ސިޓީގެ އަލް-ތުއްފާޙަށް ރަޙުމު ކުޑަ ޙަމަލާތަކެއް ދީފައެވެ. އޭގެ ތެރެއިން އެއް ޙަމަލާ އަމާޒު ކޮށްފައި ވަނީ ޢާންމުން ދިރިއުޅޭ ގެއަކަށެވެ. އެ ޙަމަލާގައި އެ ގޭގެ އަހުލުވެރިންގެ ތެރެއިން ތިން މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިން ހާމަ ކުރިއެވެ.
ޣައްޒާގެ ދެކުނުގައި އޮތް ޚާން ޔޫނިސަށް ވެސް ޔަހޫދީ ފައުޖުން ވަނީ ރަޙުމު ކުޑަ ޙަމަލާތަކެއް އަމާޒު ކޮށްފައެވެ. އެ ޙަމަލާތަކުގައި 10 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ޞިއްޙީ ޚިދުމަތްތެރިން ހާމަކުރިއެވެ. އޭގެ ތެރެއިން އެއް ޙަމަލާ އަމާޒު ކޮށްފައި ވަނީ ސައިކަލަކަށެވެ. އެ ޙަމަލާގައި ތިން މީހަކު ޝަހީދު ކޮށްލިއެވެ. އަދި, ރެފިއުޖީން ދިރިއުޅޭ ފޭލިގެތަކަކަށް ބޮން އަޅައި ޔަހޫދީ ފައުޖުން ވަނީ އިތުރު ހަތް މީހުން ޝަހީދު ކޮށްލާފައެވެ.
ޔަހޫދީ ފައުޖުން މެދުކެނޑުމެއް ނެތި ޣައްޒާއަށް ވަރުގަދަ ޙަމަލާތަކެއް ދެމުން ދަނީ, އެ ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީންނަށް ވަރުގަދަ ޙަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ. ޔަހޫދީންގެ ކިބައިން ބަދަލު ހިފާނެ ކަމަށް ބުނެ އީރާނުން އިންޒާރު ދީފައިވެއެވެ. އަދި އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ވެެސް ވަނީ ޔަހޫދީންނަށް ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެއް ދޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.
ޣައްޒާގެ އަލް-ނުޞަޔިރާތާއި އަލް-ބުރަޔިޖު ރެފިއުޖީ ކޭމްޕަށް ވެސް ޔަހޫދީ ފައުޖުން ދަނީ އަސްކަރީ ޓޭންކުފަހަރު ބޭނުން ކޮށްގެން ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ. އެ ދެ ސަރަޙައްދަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިންނާ ކުރިމަތިލުމުގެ ގޮތުން ޙަމާސްގެ މުޖާހިދުން އެ މީހުންނަށް ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަމުންދާ ކަމުގައި އެ ޖަމާޢަތުން ބުންޏެވެ.
2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 39,677އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 91,645އަށް އުފުލިފައެވެ.