ޚަބަރު

ކޯސްތަކަށް ކުރިމަތިލާއިރު ކޯހުގެ ސައްޙަކަން ޔަގީންކުރަން އެދިއްޖެ


  • އެމްކިއުއޭގައި ރަޖިސްޓްރީކޮށް ހިންގާ ކޯހެއްކަން ކަށަވަރުކުރަންވަނީ އެދިފައި

  • ކޯސްތަކުގެ މަޢުލޫމާތު އެމްކިއުއޭގެ ވެބްސައިޓްގައި ހުންނާނެ

ކޮލެޖުތަކުން އިޝްތިހާރު ކުރާ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ކުރިން، އެޕްރޮގްރާމަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތީރިޓީގެ ހުއްދަ ނަގައިގެން ކުރިއަށްގެންދާ ކޯހެއްކަން ކަށަވަރުކުރުމަށް އެމްކިއުއޭއިން އެދިއްޖެއެވެ.

އެމްކިއުއޭއިން ބުނެފައިވަނީ މަތީ ތަޢުލީމާއި ތަމްރީން ދޭ ގިނަ މަރުކަޒުތަކަކުން ދަނީ އެމަރުކަޒުތަކުގައި ހިންގުމަށް ބޭނުންވާ ޕްރޮގްރާމްތައް އެކިއެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އިޝްތިހާރުކުރަމުންކަމަށެވެ. މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ފޯމު ހުށައެޅުމުގެ ކުރިން، އެ ޕްރޮގްރާމް އިޝްތިހާރުކޮށްފައިވަނީ އެމްކިއުއޭއިން ހުއްދަ ހޯފައިވާ ގޮތަށްކަން ކަށަވަރުކޮށް ހުށައެޅުމަށް ވަނީ އެދިފައެވެ. އަދި އެޕްރޮގްރާމަކާ ގުޅޭ މަޢުލޫމާތު ހޯދާ ސައްޙަކަން ކަށަވަރުކުރުމަށްވެސް ވަނީ އެދިފައެވެ.

އެމްކިއުއޭއިން ބުނެފައިވަނީ އެއޮތޯރިޓީން ހުއްދަ ދީފައިވާ ޕްރޮގްރާމްތަކުގެ ލިސްޓާ އެހެނިހެން މަޢުލޫމާތު އެއޮތޯރިޓީގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށެވެ. އެހެންކަމުން ކޯސްތަކަށް ފޯމު ހުށައަޅާއިރު މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.

އެމްކިޔުއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ޕްރޮގްރާމްތައް އިޝްތިހާރުކޮށް ހިންގާނަމަ "ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު"ގެ ދަށުން ފިޔަވަޅު އަޅާނެކަންވެސް އެމްކިޔުއޭއިން ހާމަކޮށްފައިވެއެވެ.

އެމްކިއުއޭއިންވަނީ ކޮލެޖުތަކުން ހިންގާ ކޯސްތަކާ ކިޔަވައިދިނުމުގެ ފެންވަރު އެމްކިއުއޭގެ އެއޮތޯރިޓީގެ މިންގަނޑުގައި ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން އެމްކިއުއޭގެ މިންގަނޑާ ޚިލާފަށް ކޯސްތައް ހިންގަމުން އައި ބައެއް ކޮލެޖުތަކާމެދު ފިޔަވަޅުވެސް ވަނީ އަޅާފައެވެ. އެގޮތުން ހުއްދަ ނުހޯދާ އޮންލައިން ކޯސްތައް ހިންގުމާއި ކުލާހަށް ހާޒިރުވާންޖެހޭ ވަގުތު ހަމަނުކޮށް އޮންލައިންކޮށް ކިޔަވައިދިނުންފަދަ މައްސަލަތައް ހިމެނެއެވެ. އޮންލައިންކޮށް ކޯސްތައް ހިންގޭނީ އެމްކިއުއޭއިން ހުއްދަ ދޭ ވަކި ޚާއްސަ އުސޫލެއްގެ ދަށުންނެވެ.

ރާއްޖޭގައި އެމްކިޔުއޭ ޤަބޫލުކުރާ ފެންވަރުގެ އޮންލައިން ޕްރޮގްރާމްތައް ހިންގޭނީ މަތީ ތަޢުލީމުދޭ މަރުކަޒުތަކުގައި އޮންލައިންކޮށް ކޯހެއް ހިންގޭނެކަމުގެ ޤާބިލިއްޔަތު ހުރިތޯ ސީދާ އެމްކިޔުއޭއިން ބެލުމަށްފަހު، އެ އޮތޯރިޓީން ދޭ ހުއްދައަކާއެކުއެވެ.