ޚަބަރު

ހުކުރު ޚުތުބާ ލިޔުއްވި ފުރަތަމަ އަންހެން އިލްމުވެރިއަކަށް އުސްތާޛާ ހައްވާ ލަޠީފް


  • މި ޚުތުބާގެ މައުޟޫއަކީ "އާއިލީ ގުޅުން ދެމެހެއްޓުން"

  • މި ޚުތުބާ ޚާއްސަވާ އެއް ސަބަބަކީ މިއީ ފުރަތަމަ އިނގިރޭސި ތަރުޖަމާ އެރުވި ޚުތުބާއަށްވުން

ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި މިއަދު އިއްވި ހުކުރު ޚުތުބާގެ މަޢުޟޫއަކީ "ޢާއިލީ ގުޅުން ދެމެހެއްޓުން" މި މަޢުޟޫއެވެ.

މިޚުތުބާ ޚާއްސަވާ ދެ ސަބަބެއް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން މުޖުތަމަޢަށް މިހާރަށް އެހާމެ މުހިންމު މިމަޢުޟޫއަށް ޚުތުބާ ލިޔުއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު އުސްތާޛާ ހައްވާ ލަތީފެވެ. އަދި މިޚުތުބާ ވެފައިވަނީ ފުރަތަމަ ފަހަރަށް އިނގިރޭސި ތަރުޖަމާއާއެކު ގެނެސްދިން ޚުތުބާއަށެވެ.

ޚުތުބާގެ އިނގިރޭސި ތަރުޖަމާ، ޚުތުބާ ކިޔަމުންދިޔަ ވަގުތު އިސްލާމީ މަރުކަޒުގެ އެކި ސަރަހައްދުތަކުގައި ހުކުރަށް ގޮސްތިބޭ މީހުންނަށް ފެންނަގޮތަށް ހުންނަ ޓީވީތަކާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސޯޝަލް މީޑިއާ މަންސަތަކުން ވަނީ ސަބްޓައިޓަލްއާއެކު ގެނެސްދީފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މުޙައްމަދު ޝަހީމް އަލީ ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވެސް ވަނީ މިއީ ފުރަތަމަ ފަހަރަށް އަންހެނަކު ލިޔުނު ޚުތުބާއެއްކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ހަފްތާއިން ފެށިގެން ޓީވީ ޗެނަލްތަކަށްވެސް ތަރުޖަމާގެ ފީޑު ދޭ ގޮތަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ.

ހުކުރު ޚުތުބާގައި ވިދާޅުވީ ތާރީޚީ ގޮތުން ބަލާއިރު އިންސާނިއްޔަތު ދުށް ފުރަތަމަ ޖަމާޢަތަކީ ޢާއިލާކަމަށެވެ. އަދި ހަރުދަނާ މުޖުތަމަޢެއްގެ އަސާސަކީ ޢާއިލާތައްކަމަށާއި އެހެންކަމުން ޢާއިލާއަކީ މުޖުތަމަޢުގެ ބިންގާކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ. އެ ބިންގާ ވަރުގަދަކޮށްގެން ނޫނީ މުޖުތަމަޢު ބާރުވެރި ނުކުރެވޭނެކަމަށާއި މިއަދު އިސްލާމީ އުންމަތް މިވަނީ ބާރުވެރި، ޣީރަތްތެރި މުޖުތަމަޢަކަށް ނުހަނު ބޭނުންވެފައިކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.