ޚަބަރު

ތެޔޮ ރައްކާކުރުން މާގިރިފަޅަށް ބަދަލުކުރުމުން ތެލުގެ އަގު ހެޔޮވާނެ: އެސްޓީއޯ


  • ހާއްސަ އިސްކަމެއްދީގެން އެ މަސައްކަތްދަނީ ކުރަމުން

  • މަޝްރޫޢަށް ކޮންސަލްޓަންޓުން ވަނީ ހަމަޖައްސާފައި

ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ނިޒާމު މާލެ އަތޮޅު މާގިރިފަޅަށް ބަދަލުކުރުމުން، ތެޔޮ ރައްކާކުރުމުގެ މަސައްކަތަށް ކުރަންޖެހޭ ހޭދަ ކުޑަކުރެވި، ރާއްޖޭގައި ތެލުގެ އަގު ހެޔޮވެގެންދާނެކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވީ އެކުންފުނީގެ ތެޔޮ ރައްކާކުރާ ނިމާޒު މާގިރިފަޅަށް ބަދަލުކުރުމަކީ ހާއްސަ އިސްކަމެއްދީގެން ކުރިއަށްގެންދާ މަޝްރޫޢެއްކަމަށެވެ. އަދި މިހާރު އެ މަސައްކަތަށް ބޭރުގު 2 ކޮންސަލްޓަންޓުން ހަމަޖައްސާފައިވާކަމަށްވެސް ޝިމާދު ވިދާޅުވިއެވެ.

"އެއީ ޑެންމާކުގައި ކޮންސަލްޓަންސީ ދިނުމުގައި އެންމެ މަޝްހޫރު އެއް ކޮންސަލްޓަންސީ ފާމް،" ޝިމާދު ވިދާޅުވިއެވެ.

ޝިމާދު ވިދާޅުވީ ފުނަދޫގައި މިހާރު ތެޔޮ ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރެވެން ނެތް ކަމަށެވެ. އަދި ފުނަދޫއަކީ ތެޔޮ ރައްކާކުރުމަށް އެންމެ ރައްކާތެރި ރަށެއް ނޫންކަންވެސް ޝިމާދު ފާހަގަކުރެއްވިއެވެ.

ޝިމާދު ވިދާޅުވީ މާގިރިފަޅަށް ތެޔޮ ރައްކާކުރުމުގެ ފެސިލިޓީ ބަދަލުކުރެވިގެން ދިޔުމުން ތެޔޮ އުފުލާ ބޮޑެތި ބޯޓު ފަހަރު ގާތްކުރެވޭނެ ކަމަށާއި، މިއާއެކު ހަރަދުތައް ކުޑަކުރެވި އަގުތައް ކުޑަކުރެވިގެންދާނެ ކަމަށެވެ.

"އިކޮނޮމިކަލް ސައިޒުގެ ވެސަލްތައް ގާތްކުރަން ފެށުމުން ފިއުލްގެ ލޭންޑަޓު ކޯސްޓު ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ، އެހެންކަމުން މުސްތަޤުބަލުގައި ރައްޔިތުންނަށް ތެޔޮ ފޯރުކޮށްދެވޭ އަގު ވަރަށް ބޮޑަށް ކުޑަވެގެންދާނެ،" ޝިމާދު ވިދާޅުވިއެވެ.

ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ނިޒާމު އެހެންތަނަކަށް ބަދަލުކޮށް، އެރަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އިޤްތިޞާދީ ޚާއްޞަ ސަރަޙައްދެއްގެގޮތުގައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުއާއި، ސްޕެޝަލް އިކޮނޮމިކް ޒޯން ތަރައްޤީކުރުން ފެށުމަށް މިއަހަރުގެ ޖަނަވަރީމަހު ބޭއްވި ރަސްމިއްޔާތުގައި އެރަށުގައި ބައިނަލްއަގުވާމީ މާލީ މަރުކަޒެއް ޤާއިމްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

މާލެއަތޮޅު ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ސްޓޯރޭޖު އެހެންތަނަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށްޓަވާނެކަމަށާއި، ގިނަވެގެން 18 މަހާއި 24 މަސްދުވަހުގެތެރޭގައި އެ މަސައްކަތް ނިންމަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.