ޚަބަރު

ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ކެލައަށް، ވައިގަދަވީ ނިލަންދުއަށް


  • ކެލާއަށް 231.5 މިލިމީޓަރުގެ ވާރޭ ވެހުނު

  • އެންމެ ވައިގަދަވީ ފ. ނިލަންދޫއަށް

  • ރާއްޖޭގެ އެކި ހިސާބުތަކުގެ ކަނޑުތައް ވަރަށް ގަދަ

ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ހއ. ކެލާއަށްކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 3 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެފައިވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ހޯމަ ދުވަހުގެ ހެނދުނު 8 އިން މިއަދު ދުވަހުގެ ހެނދުނު 8ގެ ނިޔަލަށް ކެލައަށް 231.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

ފާއިތުވި 24 ގަޑިއިރު ވިލާގަނޑުގައި އެންމެ ވައިގަދަވެފައިވާކަމަށް ރެކޯޑް ކުރެވިފައިވަނީ ފ. ނިލަންދޫއަށެވެ. އެއީ ގަޑިއަކު 46 މޭލެވެ.

ކުރިއަށްއޮތް 5 ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މީގެއިތުރުން ވައިޖެހޭނީ އުތުރާއި މެދުރާއްޖެތެރެއަށް ގަޑިއަކު 17 މޭލާއި27 މޭލަށެވެ. އަދި ދެކުނުގައި ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވުމުގެ ފުރުސަތު އެބައޮތްކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވެ ވިލާގަނޑުގައި ވަރަށް ގަދަވާނެކަމަށް އެ އިދާރައިން ވަނީ ލަފާކުރައްވާފައެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑީގައި އުދައެރުމުގެ ފުރުސަތު އޮތްކަމަށްވެސް ވިދާޅުވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން އެންމެހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވެ ސަލާމަތީ ކަންކަމަށް އިސްކަންދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.