ޚަބަރު

ފެނާއި ނަރުދަމާގެ ދާއިރާ ތަރައްޤީކުރުމަށް ތުރުކީވިލާތުގެ ކުންފުންޏަކާއެކު އެއްބަސްވުމެއް


  • ފެނާއި ނަރުދަމާ ދާއިރާ ތަރައްޤީކުރުމަށް ފަންނީ ތަޖްރިބާ ބަދަލުކުރާނެ

ފެނާއި ނަރުދަމާ ދާއިރާ ތަރައްޤީކުރުމަށްޓަކައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން އިސްތަންބޫލް ވޯޓަރ އެންޑް ސުވަރެޖް އެޑްމިނިސްޓްރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި އެއްބަސްވުމަކީ، ފެނާއި ނަރުދަމާ ދާއިރާ ތަރައްޤީކުރުމަށްޓަކައި ބޭނުންވާ ފަންނީ ތަޖްރިބާ ދެ ޤައުމު ދެމެދުގައި ބަދަލުކުރުމާއި، މި ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމަށްޓަކައި ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވެވުނު އެެއްބަސްވުމެއްކަމަށެވެ. އަދި މި ދާއިރާއާ ގުޅޭ ބައިނަލްއަޤްވާމީ ކޮންފަރަންސްތަކުގައި ދެޤައުމުން ގުޅިގެން ބައިވެރިވެ ދާއިރާއަށް ކުރިއެރުން ހޯދުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުންވެސް މި އެއްބަސްވުމުގައި ހިމެނޭކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި ފަހުމުނާމާގެ ސަބަބުން ފެނާއި ނަރުދަމާ ދާއިރާ ތަރައްޤީ ކުރުމަށްޓަކައި ދެ ޤައުމު ދެމެދުގައި ގިނަ މަސައްކަތްތަކެއް ކުރެވޭނެކަމަށް ޤަބޫލުކުރެވޭކަމަށެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ. އަދި ތުރުކީ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިސްތަންބޫލް ވޯޓަރ އެންޑް ސުވަރެޖް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޖެނެރަލް ޑިރެކްޓަރެވެ.