ޚަބަރު

ސްރީލަންކާގެ ރިޔާސީ އިންތިޚާބުގައި 39 ކެނޑިޑޭޓުން ވާދަކުރައްވަނީ


ސެޕްޓެންބަރު 21ގައި ސްރީލަންކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން 39 ކެނޑިޑޭޓުން ފޯމު ހުށަހަޅުއްވައިފިއެވެ. ސްރީލަންކާއިން ރިޔާސީ އިންތިޚާބަށް ތައްޔާރުވެފައި ވަނީ ބޭރު ފައިސާގެ ރިޒަރވް ހުސްވެ, ދަރަނި ދެއްކޭނެ މަގު ބަންދުވެފައިވާ ދަނޑިވަޅެއްގައެވެ. ސްރީލަންކާއަށް މާލީ އަދި އިޤުތިޞާދީ ކާރިސާއެއް ކުރިމަތިވީ 2022ވަނަ އަހަރުއެވެ.

"ސުލްޙަވެރި, މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ސިޔާސީ ޕާޓީތަކާއި, މީޑިޔާއާއި, މަދަނީ ޖަމުޢިއްޔާތަކާއި ޢާންމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރަން،" ކެނޑިޑެސީ ފޯމުތައް ބައައިގަތުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އިންތިޚާބުތަކާ ބެހޭ އިދާރާގެ ޗެއަރމަން އާރްއެމް ރަތުނަޔަކަ ވިދާޅުވިއެވެ.

17 މިލިޔަން މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވާ އިންތިޚާބުގައި ވާދަ ކުރައްވަން ނަން ހުށަހަޅުއްވާ ބޭފުޅުންގެ ތެރޭގައި ބުދު ދީނުގެ ދެ ފާދިރީން ވެސް ހިމެނެއެވެ. އިންތިޚާބުގައި އެންމެ ކުރީ ސަފުގައި ވާދަ ކުރައްވާނެ ކަމަށް ބެލެވޭ ކެނޑިޑޭޓުންގެ ތެރޭގައި ރައީސް ރަނިލް ވިކްރަމަސިންހައާއި, މަޖިލީހުގައި އެންމެ ގިނަ ދާއިރާ ތަމްސީލު ކުރަމުންދާ ސްރީލަންކާ ޕުދުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ)ގެ ކެނޑިޑޭޓު ނާމަލް ރާޖަޕަކްޝައާއި, އިދިކޮޅު ސަމަގި ޖަނަ ބަލަވޭގޭ (އެސްޖޭބީ) ޕާޓީގެ ވެރިޔާ ސަޖިތު ޕްރޭމަދާސައާއި, އަދި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި ޖަނަތާ ވިމުކްތި ޕެރަމުނަ (ޖޭވީޕީ) ޕާޓީގެ ވެރިޔާ އަނުރަ ކުމާރަ ދިސާނަޔަކަ ފާހަގަ ކޮށްލެވެއެވެ.

އިންތިޚާބުގައި ވާދަ ކުރައްވާ 75 އަހަރުގެ ވިކްރަމަސިންހަ ރައީސް ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަތީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި, އެ މަޤާމު ފުރުއްވަމުން ގެންދެވި ގޮތަބަޔަ ރާޖަޕަކްޝަ އިސްތިޢުފާ ދެއްވުމުންނެވެ. ރައީސް ކަމުގެ މަޤާމަށް ވިކްރަމަސިންހަ އިންތިޚާބު ކޮށްފައި ވަނީ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުންނެވެ.

އޭނާއާ އެ މަޤާމު ހަވާލު ކޮށްފައި ވަނީ, 2019ވަނަ އަހަރުގެ ނޮވެންބަރު މަހު ވެރިކަމާ ހަވާލުވި ރާޖަޕަކްޝަގެ ސަރުކާރުގެ ދައުރުގެ ބާކީ އޮތް މުއްދަތަށެވެ. ރާޖަޕަކްޝަ އިސްތިޢުފާ ދެއްވާފައި ވަނީ, އޭނާގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ ރައްޔިތުން ކުރި ބޮޑެތި މުޒާހަރާތަކާ ގުޅިގެން ޤައުމު ދޫކޮށް ވަޑައިގެންނެވުމަށް ފަހުއެވެ. ވިކްރަމަސިންހައަކީ ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ މަޤާމުގައި ހަ ދައުރު ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. މަޖިލީހުގައި އޭނާގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ތަމްސީލު ކުރައްވަނީ އެންމެ މެންބަރެކެވެ.

ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމުގައިވާ 38 އަހަރުގެ ނާމަލް ރާޖަޕަކްޝައަކީ ރައީސް ކަމުގެ މަޤާމުގައި ދެ ދައުރު ފުރިހަމަ ކުރައްވާފައިވާ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްޝަގެ ދޮށީ ދަރިކަލުންނެވެ. ރައީސް ވިކްރަމަސިންހަ ވަނީ އެސްއެލްޕީޕީގެ ތާޢީދު ހޯއްދަވަން މަސައްކަތް ކުރައްވާފައެވެ. ނަމަވެސް, އެ ޕާޓީގެ ފަރާތުން ވަކި ކެނޑިޑޭޓަކު ނެރެން އެސްއެލްޕީޕީން ވަނީ ނިންމާފައެވެ.

އިންތިޚާބުގެ ކުރީ ސަފުން ދެން ފެނިގެންދާނެ ކަމަށް ބެލެވޭ 57 އަހަރުގެ ޕްރޭމަދާސައަކީ, ސްރީލަންކާގެ ކުރީގެ ރައީސް ރަނަސިންހަ ޕްރޭމަދާސަގެ ދަރިކަލުންނެވެ. އަދި, މަޖިލީހުގައި ތިން ދާއިރާ ތަމްސީލު ކުރަމުންދާ 55 އަހަރުގެ ދިސާނަޔަކަގެ ޖޭވީޕީން ވަނީ ސްރީލަންކާގެ ސަރުކާރުން ކޮރަޕްޝަން ނައްތައިލަން މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.

ސްރީލަންކާގެ ރިޔާސީ އިންތިޚާބު ބާއްވަން ތައްޔާރުވެފައި ވަނީ މާލީ ހާލަތު ގޯސްވެ, އެ ޤައުމަށް އިޤުތިޞާދީ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ސެޕްޓެންބަރުގައި ބާއްވާ އިންތިޚާބު ކާމިޔާބު ކުރާ ކެނޑިޑޭޓެއްގެ އެންމެ ބޮޑު ޒިންމާއަކަށް ވެގެން ދާނީ, ވަޅުގަނޑަކަށް ވެއްޓިފައިވާ އިޤުތިޞާދު ދިރުވައި, ކޮޅަށް ޖެހުމެވެ.

2023ވަނަ އަހަރު ސްރީލަންކާގެ އިޤުތިޞާދީ ދުވެލި 2.3 އިންސައްތަ ދަށަށް ދިޔައެވެ. އަދި, މާލީ ކާރިސާގެ ތެރެއިން އިޤުތިޞާދީ ކުރިއެރުން 7.3 އިންސައްތައަށް ވެއްޓިގެން ދިޔައެވެ. ނަމަވެސް, މާލީ އިދާރާތަކުގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި އެ ޤައުމުގެ އިޤުތިޞާދު މި އަހަރު 3 އިންސައްތައިން ކުރިއަރާނެއެވެ.

އޭޕްރިލް 2022އާ ހަމައަށް ސްރީލަންކާގެ ބޭރުގެ ދަރަނި 34.8 ބިލިޔަން އެމެރިކާ ޑޮލަރަށް އުފުލިފައިވެއެވެ. އޭގެ ތެރެއިން 10 ބިލިޔަން އެމެރިކާ ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ކުރުމަށް ޖަޕާނާއި ޗައިނާގެ އިތުރުން އިންޑިޔާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އިތުރު 12.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ކުރުމަށް ސްރީލަންކާއިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.