ޚަބަރު

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓައިލަން ލުކަޝެންކާ ގޮވައިލައްވައިފި


ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ސުލްޙައިގެ މަޝްވަރާތައް ބާއްވައި, ހަނގުރާމަ ހުއްޓައިލުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަން ބެލަރޫސްގެ ރައީސް އަލެކްސާންދްރަ ލުކަޝެންކާ ގޮވައިލައްވައިފިއެވެ. ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންގެ ގާތް އެކުވެރިއެއް ކަމުގައިވާ ލުކަޝެންކާ މި ކަމަށް އެދި ގޮވައިލައްވާފައި ވަނީ ރަޝިޔާގެ ދަޢުލަތުގެ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެެވެ.

ލުކަޝެންކާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މި ވަނީ, ޔޫކްރެއިން ސިފައިންގެ ބޮޑު ލަޝްކަރެއް އޮގަސްޓު 6ވަނަ ދުވަހު ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކް ސަރަޙައްދަށް އަރައިގަނެ, ހަނގުރާމަ ފުޅާކޮށްފައިވާ ދަނޑިވަޅެއްގައެވެ. ޔޫކްރެއިންގެ ސިފައިން ދަނީ ކޫރްސްކް ސަރަޙައްދުގައި ތިބި ރަޝިޔާގެ ސިފައިންނަށް ވަރުގަދަ ޙަމަލާތަކެއްދީ, އެ ސަރަޙައްދުގައިވާ ރަށްތަކާއި އަވަށްތަކަށް އަތްގަދަ ކުރަމުންނެވެ.

ލުކަޝެންކާ ވިދާޅުވީ, ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމެއް ނެތި ކުރިއަށް ގެންދަން ބޭނުންވާ ހަަމައެކަނި ބަޔަކީ "އެމެރިކާއަށް ނިސްބަވްތާ މަތީ މަޤާމުތަކުގައި ތިބި" މީހުން ކަމުގައެވެ. އަދި, ރަޝިޔާއާ ސުލްޙަ ނުވާން ޔޫކްރެއިނަށް ވަސްވާސްދެމުން ދަނީ ހުޅަނގުން ކަމަށާއި, ހަނގުރާމަ ދިގު ދެންމުމަށް ހުޅަނގުގެ ބާރުތަކުން ޔޫކްރެއިނަށް ބާރު އަޅަމުންދާ ކަމުގައެވެ. ހުޅަނގުގެ ބޭނުމަކީ ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައިގައި ހަލާކުވެ, ނެތި ދިޔުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ބެލަރޫސުން ޖެހިފައި ވަނީ ރަޝިޔާގެ ފަޅިއަށެވެ. އަދި, އަސްކަރީ ގޮތުންނާއި އެހެން ދާއިރާތަކުން ބެލަރޫސުން ދަނީ ރަޝިޔާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ކަމާ ގުޅުވައި, ކޫރްސްކަށް ދިން ފަދަ ޙަމަލާތަކެއް ބެލަރޫސަށް ދިނުމަށް ޔޫކްރެއިނުން ރާވާފައި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ލުކަޝެންކާ ވިދާޅުވިއެވެ. އަދި, ހަނގުރާމައިގައި ތެރެއަށް ބެލަރޫސް ވައްޓައިލުމުގެ ކުރިން މަޝްވަރާތައް ބާއްވައި, ސުލްޙަވާން އޭނާ ވަނީ ރަޝިޔާއާއި ޔޫކްރެއިނަށް ގޮވައިލައްވާފައެވެ.

"މަޝްވަރާގެ މޭޒު ދޮށުގައި އިށީނދެ މި ޒުވާބު [ހަނގުރާމަ] ހުއްޓުމަކަށް ގެންނަމާ ހިނގާ. މިއީ [ހަނގުރާމައަކީ] ޔޫކްރެއިންގެ ރައްޔިތުން ވެސް, ރަޝިޔާގެ ރައްޔިތުން ވެސް, ބެލަރޫސްގެ ރައްޔިތުން ވެސް ބޭނުންވާ ކަމެއް ނޫން. މި ކަން ބޭނުން ވަނީ އެ މީހުން [ހުޅަނގުން]،" ލުކަޝެންކާ ވިދާޅުވިއެވެ. "ހަނގުރާމަ އިތުރަށް ފުޅާ ވާން އަޅުގަނޑުމެން ނޭދެން. އަދި, މުޅި ނޭޓޯއާ ދެކޮޅަށް ހަނގުރާމައެއް ފަަށަން ވެސް އަޅުގަނޑުމެން ނޭދެން."

ލުކަޝެންކާ ވިދާޅުވީ, ކޫރްސްކަށް ދިން ޙަމަލާއާ ގުޅިގެން ބެލަރޫސް ވެސް ހަނގުރާމައިގެ ތެރެއަށް ވައްޓައިލުމަކީ ހުޅަނގުގެ ބާރުތަކުގެ އަމާޒެއް ކަމުގައެވެ. ނަމަވެސް, ޔޫކްރެއިނުން ބެލަރޫސަށް ޙަމަލާއެއް ދީފި ނަމަ, ރައްދުގައި ޙަމަލާ ދޭން ތައްޔާރަށް އޮތް ކަމުގައި އޭނާ ވިދާޅުވިއެވެ. "[ޔޫކްރެއިނުން ޙަމަލާ ދީފި ނަމަ] އެއިރުން ރައްދުގައި ޙަމަލާ ދިނުން ނޫން އިތުރު ގޮތެއް އަޅުގަނޑުމެންނަށް ނޯންނާނެ،" ޔޫކްރެއިނަށް އިންޒާރު ދެއްވަމުން އޭނާ ވިދާޅުވިއެވެ.

ބެލަރޫސް-ޔޫކްރެއިން ސަރަޙައްދީ ރޮނގުގައި ދިފާޢީ ކަންކަން ހަރުދަނާ ކުރަން ބެލަރޫސުން ދަނީ މަސައްކަތް ކުރަމުންނެވެ. ޔޫކްރެެއިންގެ އަސްކަރީ ޑްރޯންތަކެއް ދާދިފަހުން ސަރަޙައްދީ ރޮނގު ހުރަސްކޮށް ބެލަރޫސްގެ ވައިގެ ސަރަޙައްދަށް އެތެރެވެފައިވާ ކަމުގައި ބެލަރޫސުން ތުހުމަތު ކުރެއެވެ. ޔޫކްރެއިނުން ބުނީ, ދެ ޤައުމު ގުޅޭ ސަރަޙައްދީ ރޮނގު ކައިރިއަށް ބެލަރޫސުން އިތުރު ސިފައިން ފޮނުވާފައިވާ ކަން ސާފު ނޫން ކަމުގައެވެ.

ޔޫކްރެއިން ސިފައިން ކޫރްސްކަށް އަރައި ހަނގުރާމަ ފުޅާ ކުރުމާ ގުޅިގެން ރަޝިޔާއިން ވެސް ވަނީ ސަރަޙައްދީ ރޮނގު ކައިރީގައިވާ ރަށްތަކުގެ އިތުރުން ސަރަޙައްދީ ރޮނގުގެ ދިފާޢީ ކަންކަން ހަރުދަނާ ކުރަން ފަށާފައެވެ. އަދި, ރަޝިޔާއިން ވަނީ ޔޫކްރެއިން ސިފައިން އަރައި ޙަމަލާ ދެމުންދާ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް, ރައްކާތެރި ހިސާބުތަކަށް ދަތުރު ކުރަން އަންގާފައެވެ. މިހާރު ވެސް 200,000އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާއިރު, ކީވުން ބުނީ ރަޝިޔާގެ ސަރަޙައްދަށް ވަދެފައިވާ ސިފައިން ސަރަޙައްދީ ރޮނގާ 35 ކިލޯމީޓަރު ދުރުގައިވާ ރަށްތަކަށް ވެސް އަރައިގަނެފައިވާ ކަމުގައެވެ.

ޔޫކްރެއިނާ އެކު ސުލްޙައިގެ މަޝްވަރާތައް ބާއްވަން ތައްޔާރަށް އޮތް ކަން ރަޝިޔާއިން އެތަކެއް ފަހަރެއް މަތިން ހާމަކޮށްފައިވެއެވެ. ނަމަވެސް, މަޝްވަރާތަކަށް ރަޝިޔާއިން ވަނީ ޝަރުޠުތަކެއް ވެސް ކަނޑައަޅާފައެވެ. އޭގެ ތެރޭގައި, ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކަކީ ރަޝިޔާގެ ބިންތަކެއްގެ ގޮތުގައި ބަލައިގަތުމާއި, ނޭޓޯގެ މެންބަރު ކަން ހޯދަން ޔޫކްރެއިނުން ކުރަމުންދާ މަސައްކަތްތައް ހުއްޓައިލުން ހިމެނެއެވެ. ނަމަވެސް, ޔޫކްރެއިނުން ބުނީ މަޝްވަރާތައް ބާއްވާނީ އެ ޤައުމުގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤުލާލަށް ރަޝިޔާއިން އިޙުތިރާމު ކުރަން އެއްބަސްވުމުން ކަމުގައެވެ.

2022 ފެބުރުވަރީ 24ވަނަ ދުވަހު ފެށި ހަނގުރާމައިގައި ރަޝިޔާއިން ވެރިވެގަނެފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ޔޫކްރެެއިންގެ އިރުމަތީ ދޮންބާސްގައި އޮތް ލުހާންސްކާއި ދޮންޏެސްކުގެ ބޮޑު ސަރަޙައްދެއްގެ އިތުރުން ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ހިމެނެއެވެ. ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާއަކީ ވެސް ރަޝިޔާއިން 2014ވަނަ އަހަރު އަތްގަދަ ކޮށްފައިވާ ބިމެކެވެ.