ޚަބަރު

ޣައްޒާއިން ޕޯލިޔޯ ޖެހިފައިވާ ކުއްޖަކު ފެނިއްޖެ


ފަލަސްޠީިނުގެ ޣައްޒާގައި ޕޯލިޔޯ ޖައްސާ ވައިރަސް ހަލުވިކަމާ އެކު ފެތުރެމުންދާ ކަމުގެ އިންޒާރު ކޮށްފައިވާ ދަނޑިވަޅެއްގައި އެ ބަލި ޖެހިފައިވާ ތުއްތު ކުއްޖަކު ފެނިއްޖެއެވެ. ޣައްޒާގައި ޕޯލިޔޯ ޖައްސާ ނުރައްކާތެރި ވައިރަސް ހަލުވިކަމާ އެކު ފެތުރެން ފަށާފައި ވަނީ 2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޣައްޒާގެ ޞިއްޙީ ނިޒާމާއި, ސާފު ބޯފެން ލިބުމާއި ނަރުދަނާ ނިޒާމު ސުންނާފަތި ކޮށްލުމާ ގުޅިގެންނެވެ.

ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ޕޯލިޔޯ ޖެހިފައިވާ ކަން ދެނެގަނެވިފައި ވަނީ ދަޔިރް އަލް-ބަލަޙް އަވަށުގައި ދިރިއުޅޭ 10 މަހުގެ ތުއްތު ކުއްޖެއްގެ ފުށުން ކަމުގައެވެ. އެއީ ޣައްޒާއިން މި ބަލި ޖެހުނު ފުރަތަމަ ކުއްޖާއެވެ. އެ ސަހަރުން އެ ނުރައްކާތެރި ބަލި ޖެހިފައިވާ ކުއްޖަކު ފެނިފައި ވަނީ, ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ އެތަކެއް ސަތޭކަ ހާސް ކުޑަކުދިންނަށް ވެކްސިން ޖަހައިދިނުމުގެ ކެމްޕޭނެއް ހިންގުމުގެ ގޮތުން ޔަހޫދީ ފައުޖުގެ ލާއިންސާނީ ޢުދުވާން މެދުކަނޑައިލަން އދން ގޮވައިލާފައިވާ ދަނޑިވަޅެއްގައެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ ޔަހޫދީންގެ ޢުދުވާނާ ގުޅިގެން ނަރުދަމާ ނިޒާމަށް ގެއްލުންވެ, މަގުތަކަށް ނަޖިސް ފެތުރެމުންދާ ކަމަށާއި, ޢާންމު ސާފުތާހިރުކަމަށް ބޭނުންވާ ސާމާނު ހުސްވެފައިވާ ކަަމަށާއި, ބަލި މީހުންނަށް ފަރުވާ ދެވޭނެ އެއްވެސް ގޮތެއް ނެތް ކަމުގައެވެ. އަދި, ހަލުވިކަމާ އެކު ޕޯލިޔޯ ޖައްސާ ވައިރަސް ފެތުރެމުން ދަނީ އެ ސަބަބުތަކާ ގުޅިގެން ކަމުގައެވެ.

ޣައްޒާގައި ޕޯލިޔޯއަށް ހުށަހެޅިފައިވާ ކުޑަކުދިންނަށް ވެކްސިން ޖަހައިދިނުމުގެ ކެމްޕޭނެއް ހިންގަން ޢުދުވާންތައް މެދުކަނޑައިލަން ގޮވައިލައްވާފައި ވަނީ އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝެވެ. "ޢުދުވާން މެދުކަނޑައިނުލައި ކުރިއަށް ގެންދަނިކޮށް ޕޯލިޔޯ ވެކްސިން ޖަހައިދިނުމުގެ ކެމްޕޭނެއް ހިންގުމަކީ ވާނެ ކަމެއް ނޫން،" ގުތެރޭޝް ވިދާޅުވިއެވެ.

ޣައްޒާގެ ރައްޔިތުންނަށް ޕޯލިޔޯގެ ސަބަބުން ހުށަހެޅިފައިވާ ނުރައްކާތެރި ކަމުން އެ މީހުން ސަލާމަތް ކުރުމަށް ހުރިހާ ފަރާތެއްގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެ ކަމުގައި ވެސް ގުތެރޭޝް ވިދާޅުވިއެވެ. "ހާލަތު ސާފުކޮށްދެމާ: ޕޯލިޔޯ ނައްތައިލަން އޮތް އެންމެ ރަނގަޅު ފަރުވާއަކީ ސުލްޙަ ގާއިމު ކުރުން. އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޢުދުވާންތައް މެދުކަނޑައިލުން،" ގުތެރޭޝް ވިދާޅުވިއެވެ.

ޣައްޒާގައި ދިރިއުޅޭ 10 އަހަރުން ދަށުގެ ކުޑަކުދިންނަށް ވެކްސިން ޖަހައިދިނުމުގެ ކެމްޕޭނެއް ފެށުމަށް އދއިން ތައްޔާރުވަމުންދާ ކަން ފާހަގަ ކުރައްވައި ގުތެރޭޝް ވިދާޅުވީ އެ ކަމަށް ބޮޑެތި ގޮންޖެހުންތަކެއް އޮތް ކަމުގައެވެ. އަދި, ޕޯލިޔޯ ނައްތައިލެވޭނީ ޣައްޒާގެ ކުޑަކުދިންގެ އާބާދީގެ 95 އިންސައްތައަށް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްދީގެން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން, ރައްކާތެރި ކަމާ އެކު ޣައްޒާއަށް ޕޯލިޔޯ ވެކްސިން ފޯރުކޮށްދިނުމާއި, އެ ތަކެތި ރައްކާތެރި ކަމާ އެކު ބެހެއްޓޭނެ ނިޒާމެއް ގާއިމުކޮށް, ޕޯލިޔޯއާ ބެހޭ މާހިރުންނަށް ޣައްޒާއަށް އެތެރެވުމުގެ ފުރުޞަތު ދިނުމުގެ އިތުރުން އިންޓަރނެޓާއި ފޯނުގެ ޚިދުމަތްތައް ބޭނުންވާނެ ކަމުގައި ވެސް ގުތެރޭޝް ވިދާޅުވިއެވެ.

ކުޑަކުދިންނާ ބެހޭ އދގެ އިދާރާ, ޔުނިސެފުން ބުނީ އޮގަސްޓު މަހުގެ ފަހުކޮޅު, ނުވަތަ ފެށޭ ސެޕްޓެންބަރު މަހުގެ ކުރީކޮޅު ވެކްސިން ކެމްޕޭން ފެށުމަށް ތައްޔާރުވަމުންދާ ކަމުގައެވެ. އަދި, ކޮންމެ ކުއްޖަކަށް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްދިނުމަށް ދެ ބުރަކަށް ވެކްސިން ޖަހައިދޭން ޖެހޭނެ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ވެސް ބުނީ, ޢުދުވާންތައް މެދުކަނޑައިލުމުގެ ކުރިން ވެކްސިން ކެމްޕޭން ކުރިއަށް ގެންދެވޭނެ ކަމަށް ނުބެލެވޭ ކަމުގައެވެ. "މަގުތަކަށް ޖަމާވަމުންދާ ނަޖިހާއި ފޭލިގެތައް ކައިރިއަށް ޖަމާކޮށްފައިވާ ކުނިތައް ނަގައި ސާފު ނުކޮށް, ވެކްސިން ކެމްޕޭނުން ބޭނުންވާ ނަތީޖާ ނުނެރެވޭނެ ކަން އަޅުގަނޑުމެން ފާހަގަ ކުރަން. އަދި, [ޣައްޒާގެ ރައްޔިތުންނަށް] ސާފު ބޯފެން ފޯރުކޮށްދީ, ޢުދުވާން ހިންގުން ހުއްޓައިލަން ޖެހޭ،" އެ ވުޒާރާއިން ބުންޏެވެ.

އަދި, ޣައްޒާގައި ޕޯލިޔޯ ބަލި ޢާންމުވެއްޖެ ނަމަ, އެހެން ސަރަޙައްދުތަކާއި ޤައުމުތަކަށް ބަލި ފެތުރުމުގެ ފުރުޞަތު ބޮޑު ކަމަށް ވެސް އެ ވުޒާރާއިން އިންޒާރު ކުރިއެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ބުނީ, އދން ހިންގާ ވެކްސިން ކެމްޕޭނަށް އެ ޖަމާޢަތުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމުގައެވެ. "ޣައްޒާގައި ނިކަމެތި ހާލުގައި ޖައްސާފައިވާ ދެ މިލިޔަނަށް ވުރެ ގިނަ މީހުންނަށް ކާބޯތަކެއްޗާއި ބޭސް ފަރުވާގެ ސާމާނު ފޯރުކޮށްދޭން ވެސް ގޮވައިލަން،" ޙަމާސްގެ އޮފިޝަލެއް ކަމުގައިވާ ޢިއްޒަތު އަލް-ރަޝަޤު ވިދާޅުވިއެވެ.

ޕޯލިޔޯ ޖައްސާ ނުރައްކާތެރި ވައިރަސް ހަލުވިކަމާ އެކު ފެތުރެމުންދާ ކަން ޣައްޒާގެ ޞިއްޙީ ވުޒާރާއާއި އދން ހާމަ ކޮށްފައި ވަނީ ޖުލައި މަހުގެ ތެރޭގައެވެ. އެ ކަމާ ގުޅިގެން ޔަހޫދީ ފައުޖުން ވަނީ އެ މީހުންގެ ހައްދުފަހަނަ އެޅި ސިފައިންނަށް ވެކްސިން ޖަހައިދުނުމުގެ ކެމްޕޭނެއް ފަށާފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ގެ މާހިރެއް ކަމުގައިވާ ޑރ ޙާމިދް އަލް-ޖާފަރީ ވިދާޅުވީ ޣައްޒާގެ ދަޔިރް އަލް-ބަލަޙްގެ އިތުރުން ޚާން ޔޫނިސްގައި ވެސް ޕޯލިޔޯ ވެކްސިން ފެތުރެމުންދާ ކަމުގައެވެ. އަދި, ފުރިހަމަ ޞިއްޙީ ފަރުވާ ފޯރުކޮށް ނުދެވޭ ނަމަ, ޕޯލިޔޯގެ ބަލިމަޑުކަމެއް ފެށިދާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. ނަމަވެސް, ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސަމާނުގެ އިތުރުން ޣައްޒާއަށް ބޭސް ފަރުވާގެ ސާމާނު ވައްދަން ވެސް ޔަހޫދީ ފައުޖުން ދަނީ ހުރަސް އަޅަމުންނެވެ.