ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމުގައިވާ އެމްޕޮކްސް (މަކުނުވިދުރި ނުވަތަ މަންކީޕޮކްސް) ޖެހިފައިވާ މީހަކު ވިލާތުގެ އިއްތިހާދުގެ މެންބަރު ޤައުމެއް ކަމުގައިވާ ސްވިޑެނުން ފެނުމާ ގުޅިގެން ޔޫރަޕިއަން ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އީސީޑީސީ)ން ވިލާތުގައި އެމްޕޮކްސްގެ ނުރައްކަލުގެ ހާލަތު މަތިކޮށްފިއެވެ.
އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކުގައި ހަލުވިކަމާ އެކު ފެތުރެމުންދާ އެމްޕޮކްސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރުމުގެ ބިރު ހީވުމާ އެކު ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ވަނީ, ދުނިޔޭގައި ޢާންމު ޞިއްޙަތުގެ ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައެވެ. އަދި, އެފްރިކާ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ)ން ވަނީ, އެފްރިކާ ބައްރުގައި ވެސް ޢާންމު ޞިއްޙަތުގެ ނުރައްކަލުގެ ޙާލަތު އިޢުލާނު ކޮށްފައެވެ.
އެމްޕޮކްސްގެ ނުރައްކަލުގެ ހާލަތު މަތިކޮށް އީސީޑީސީން ބުނީ, ބޭރު ޤައުމުތަކަށް ދަތުރު ކުރުމަށް ފަހު އެނބުރި ވިލާތުގެ އިއްތިހާދުގެ ޤައުމުތަކަށް އަންނަ މީހުންގެ ފުށުން ކުރިއަށް އޮތް ހަފުތާތަކުގައި ބަލީގެ އަަސަރު ފެންނާނެ ކަމަށް ބެލެވޭ ކަމުގައެވެ. އެ ކަމާ ގުޅިގެން އީސީޑީސީން ވަނީ އެމްޕޮކްސްގެ ނުރައްކަލު ހާލަތު މެދުމިނުގެ ހާލަތަށް މަތި ކޮށްފައެވެ. އަދި, ބަލި ފެތުރެމުންދާ ސަރަޙައްދުތަކަށް ދަތުރު ކުުރުމަށް ފަހު އެނބުރި އަންނަ މީހުން ޓެސްޓު ކުރުމަށް ވެސް އީސީޑީސީން ވަނީ މެންބަރު ޤައުމުތަކަށް އަންގާފައެވެ.
"އެފްރިކާއާއި ވިލާތާ ދެމެދު އޮތް ގާތް ގުޅުންތަކުގެ ސަބަބުން, ކްލޭޑް 1 [އެމްޕޮކްސްގެ ވޭރިއެންޓް]ގެ ކޭސްތައް އިތުރުވާނެ ކަމަށް ފެންނާތީ އެ ކަމަށް ތައްޔާރު ވާން ޖެހޭ،" އީސީޑީސީގެ ޑިރެކްޓަރ ޕެމެލާ ރެންޑީ ވާގްނަރ ވިދާޅުވިއެވެ.
ދާދި ފަހުން ޕާކިސްތާނުން ވެސް ވަނީ އެމްޕޮކްސް ބަލި ޖެހިފައިވާ ބަޔަކު ފެނިފައެވެ. އެ ޤައުމުން ބަލި ފެނިފައި ވަނީ އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)އަށް ދަތުރު ކުރުމަށް ފަހު އެނބުރި ޤައުމަށް އައި ބަޔެއްގެ ފުށުންނެވެ. ޕާކިސްތާނުގައި ވެސް ބަލި ޖެހިފައިވާ އެކަކު ވަނީ ކަށަވަރު ކުރެވިފައެވެ. އަދި އިތުރު މީހުން ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި އެ ޤައުމުގެ ޚައިބަރް ޕަޚްތުނުްޚާ ޕުރޮވިންސުގެ ޞިއްޙީ އިދާރާއިން ހާމަކުރިއެވެ. އެ ޤައުމުން ފެނިފައި ވަނީ އެމްޕޮކްސްގެ ކޮން ވޭރިއެންޓެއް ކަން ދެނެގަތުމަށް ވެސް ދަނީ ތަހުލީލު ކުރަމުންނެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ މާހިރެއް ކަމުގައިވާ މާގަރެޓް ހެރިސް ވިދާޅުވީ, ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ބަލި ޖެހިފައިވާ މީހުން ކުރިއަށް އޮތް ހަފުތާތަކުގައި ދެނެގަނެވޭނެ ކަމަށް ބެލެވޭ ކަމުގައެވެ. ނަމަވެސް, އެ ކަމާ ގުޅިގެން އެއްވެސް ޤައުމަކަށް ދަތުރު ކުރުން މަނާ ކުރުން ފަދަ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް އެ އިދާރާއިން ގަބޫލެއް ނުކުރެެއެވެ.
އެމްޕޮކްސް ފެތުރިދާނެ ކަމަށް ބަލައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ. ޗައިނާއިން ބުނީ, ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި އެ ޤައުމަށް އެތެރެވާ ހުރިހާ މީހުން ޓެސްޓު ކުރަން ނިންމާފައިވާ ކަމުގައެވެ. އަދި, އެ ޤައުމަށް އެތެރެ ކުރާ މުދާ ޓެސްޓު ކުރުމަށް ވެސް މަސައްކަތްތަކެއް ފަށާނެ ކަން ޗައިނާއިން ވަނީ އިޢުލާނު ކޮށްފައެވެ.
އެފްރިކާގައި އެ ނުރައްކާތެރި ބަލި އެންމެ ހަލުވިކަމާ އެކު ފެތުރެމުން ދަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާއި އެ ޤައުމާ އިންވެގެން އޮތް ޤައުމުތަކުގައެވެ. އޭގެ ތެރޭގައި ބުރުންޑީ, ކެންޔާ, ރުވާންޑާ އަދި ޔުގާންޑާ ހިމެނެއެވެ. ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ޖަމުޢިއްޔާއިން ބުނީ އެ ޤައުމުތަކުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ޓެސްޓު ކިޓާއި, ފަރުވާ ދިނުމަށް ބޭނުންވާ ވެކްސިން ބޭނުންވާ ކަމުގައެވެ.
ވެކްސިން އުފައްދާ ކުންފުނިތަކުގެ މައްޗަށް އެކުލެވިގެންވާ ގެވީން ބުނީ, އެފްރިކާ ބައްރުގެ ޤައުމުތަކުގައި އެމްޕޮކްސް ފެތުރުން ކޮންޓްރޯލް ކުރުމަށް ވެކްސިން ޖަހައިދިނުމަށް އެ ޖަމުޢިއްޔާއިން 500 މިލިޔަން އެމެރިކާ ޑޮލަރު ހޭދަ ކުރަން ނިންމާފައިވާ ކަމުގައެވެ.
ކޮންގޯގައި 2023 ޖަނަވަރީގައި މި ބަލި ފެތުރެން ފެށި ފަހުން 27,000 މީހަކަށް ބަލި ޖެހިފައިވެއެވެ. އޭގެ ތެރެއިން 1,100 މީހުން ވަނީ ބަލީގައި މަރުވެފައެވެ. އެއީ, އެއް ޖިއްސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައި ޢާންމުކޮށް ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. ނަމަވެސް, ކޮންގޯގައި މި ވަގުތު ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި ގިނައީ 15 އަހަރުން ދަށުގެ ކުޑަކުދިންނެވެ.
ސައިންސްވެރިންނަށް އެންމެ ފުރަތަމަ މި ބަލި ދެނެގަނެވިފައި ވަނީ 1958ވަނަ އަހަރުއެވެ. އެ ބަލި އެންމެ ފުރަތަމަ ފެނިފައި ވަނީ ވެސް ކޮންގޯއިންނެވެ. އެއީ, ރާމާމަކުނުގެ ފުށުން އިންސާނުންގެ ހަށިގަނޑަށް ޖެހޭ ނުރައްކާތެރި ބައްޔެކެވެ. އެ ބަލި ޢާންމު ގޮތެއްގައި ފެތުރެމުން ދަނީ އެފްރިކާ ބައްރުގެ މެދުތެރެއާއި ހުޅަނގުގެ ޤައުމުތަކުގައެވެ.
ނަމަވެސް, 2022ވަނަ އަހަރު އެ ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެން ފެށިއެވެ. އަދި, 70އަށްވުރެ ގިނަ ޤައުމުން އެ ބަލި ޖެހިފައިވާ މީހުން ދެނެގަނެވުނެވެ. އެމްޕޮކްސަކީ ސްމޯލްޕޮކްސް ނުވަތަ މަކުނުވިދުރީގެ ވައިރަހުގެ ޢާއިލާއަށް ނިސްބަތްވާ ވައިރަހެކެވެ. އެމްޕޮކްސް ޖެހިފައިވާ މީހުންގެ ފުށުން ފެންނަ ބައެއް އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި, ހީކެރުވުމާއި, ހަށިގަނޑުގައި ރިއްސުން ހިމެނެއެވެ. އަދި, ބައެއް މީހުންގެ މޫނާއި, އަތާއި މޭމަތީގެ އިތުރުން ލަދުވެތި ގުވަނަން ހުންނަ ހިސާބުގައި ދޮސްގަނެފައިވާ ބޮޑެތި ފޮޅުތަކެއް ނަގައެވެ.