މާލެ ސަރަޙާއްދުގައި ޢިމާރާތްކުރުމުގެ މަޝްރޫޢުތައް ލަސްވުމުގެ މައިގަނޑު ސަބަބަކީ ޑީވޯޓަރިންނަށް ބޭނުންވާ ހުއްދަ ލިބުން ލަސްވުންކަމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ރައީސް މުޙައްމަދު ޢަލީ ޖަނާހް ވިދާޅުވެއްޖެއެވެ. ޖަނާޙް މިހެން ވިދާޅުވީ ޢިމާރާތްކުރުމުގެ ސިނާޢަތާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ކޮންސްޓްރަކްޝަން ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެއެވެ.
ދުނިޔޭގެ އެންމެ ބޮޑު ކޮންޓްރެކްޓަރުންގެ ޖަމްޢިއްޔާ، އިފޮކާގެ ރައީސްކަން ކުރައްވާފައިވާ އަދި ސަރުކާރުގެ ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުޙައްމަދު ޢަލީ ޖަނާޙް ވިދާޅުވީ އަދުގެ އިޤްތިޞާދީ ޙާލަތުގައި، ޢިމާރާތްކުރުމުގެ ސިނާޢަތަށް ގޮންޖެހުންތަކެއްވެސް ކުރިމަތި ވެފައިވާކަމަށެވެ. އޭގެ ތެރޭގައި، މި ސިނާޢަތަށް، ބޭނުންވާ ޢަދަދަށް ލޭބަރުން ލިބުމުގެ ދަތިކަމާއި، ސަރުކާރުގެ އިދާރާތަކުން ލިބެންވާ ހުއްދަތައް ލިބުމުގައި ދިމާވާ ދަތިތަކުގެ އިތުރުން ކޯޓާ ހަމަޖެއްސުމުގައި ދިމާވާ ގޮންޖެހުންތައް ޖަނާޙް ފާހަގަކުރެއްވިއެވެ.
ޖާނާހް ވިދާޅުވީ މާލޭ ސަރަޙައްދުގައި ޢިމާރާތްކުރުމުގެ މަޝްރޫޢުތައް ލަސްވުމަށް ދިމާވާ މައިގަނޑު ސަބަބަކީ ޑީވޯޓަރިންއަށް ބޭނުންވާ ހުއްދަ ލިބުން ލަސްވުންކަމަށެވެ. އެކަމުގެ ސަބަބުން ތައާވަލަށް މަސައްކަތްތައް ނިންމުމަށް ހުރަސް އެޅިފައިވުމަކީ މި ޞިނާޢަތުގައި މަސައްކަތްކުރާ އެންމެންގެ ޢާންމު ޝަކުވާއެއްކަމަށް ޖަނާހް ވިދާޅުވިއެވެ.
Construction Industry Forum (CIF) 2024 wraps up successfully!@CIFMaldives pic.twitter.com/Cpf3J5J3J5
— The Islandchief (@theislandchief) August 19, 2024
ޖަނާހް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދުވެސް އުދަނގޫ ފައްތަރެއް ގިރާކުރަމުންދާ މި ދަނޑިވަޅުގައި ބޭރުފައިސާ ނުލިބުމަކީވެސް މި ޞިނާޢަތަށް އޮތް ބޮޑު ގޮން ޖެހުމެއްކަމަށެވެ. އެގޮތުން ޢިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ހުރިހާ ސާމާނެއްހެން ރާއްޖެއިން ބޭރުން އެތެރެ ކުރުމަށް، ބޭރު ފައިސާއަށް ބަރޯސާވާންޖެހޭކަން ފާހަގަކުރައްވާ ޖަނާހް ވިދާޅުވީ މިއީވެސް މަޝްރޫޢުތައް ތައާވަލަށް ނިންމުމަށް އޮތް ހުރަހެއްކަމަށެވެ.
"ސަރުކާރުގެ އިދާރާތަކުން، ޕްރޮޖެކްޓަށް ލިބެންވާ ފައިސާތައް މި ދުވަސްވަރު ލަސްވުމަކީ މި އިންޑަސްޓްރީގެ ފަރާތްތަކުން ފާހަގަ ކުރަމުންދާ ކަމެއް. އަދި އެކަމުގެ ސަބަބުން ޕްރޮޖެކްޓްތައް ދިގުދެމިގެން ދޭ." ޖަނާހް ވިދާޅުވިއެވެ.
ޖަނާހް ވަނީ ޢިމާރާތްކުރުމުގެ ދާއިރާއިން އިންސާނީ ވަގުފާރިއަށް ޚައްޞަ ސަމާލުކަމެއް ދެއްވައި ފިޔަވަޅުތައް އެޅުމަށާއި، ފަރުވާތެރިވުމަށް ގޮވާލައްވާފައެވެ. ޖަނާހް ވިދާޅުވީ ޢިމާރާތްކުރުމުގެ ދާއިރާއަށް ހީނަރުކަމެއް ކުރިމަތި ވެއްޖެނަމަ، އެކަމުން ޤައުމީ އިޤްތިޞާދަށާއި ވަޒީފާގެ ދާއިރާއަށް ކުރާނެ ނޭދެވޭ އަސަރާމެދު ވިސްނަން ޖެހޭކަމަށެވެ.
ޢިމާރާތްކުރުމުގެ ސިނާޢަތަކީ ޤައުމީ އިޤްތިޞާދަށް ޙިއްޞާވާ އަދި ޢުމުރާނީ ތަރައްޤީއަށް މަގުފަހިކޮށްދޭ އެންމެ މުހިންމު ދާއިރާކަމުން މި ދާއިރާގެ ފަރާތްތަކާއި ސަރުކާރާއެކު ދެމެހެއްޓެނެވި ގޮތެއްގައި މަޝްވަރާކުރަމުން ދިއުމަށްވެސް މަސީގެ ރައީސް މުޙައްމަދު ޢަލީ ޖަނާހް އިލްތިމާސްކުރެއްވިއެވެ.