އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން މެދުއިރުމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުުފުޅުގެ ތެރެއިން މިޞްރަށް ވަޑައިގަންނަވައި އެ ޤައުމުގެ ރައީސް ޢަބްދުލްފައްތާޙް އަލް-ސީސީއާ ބައްދަލު ކުރައްވައިފިއެވެ. އޭނާ މެދުއިރުމަތީގެ ޤައުމުތަކަށް ދަތުރުފުޅެއް ފަށްޓަވާފައި މި ވަނީ, ނުތަނަވަސްވެފައިވާ މެދުއިރުމަތީގެ މަސްރަޙު ފިނިކުރުމަށާއި, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުވުމާ ގުޅޭ މަޝްވަރާތައް ކުރިއެރުވުމަށެވެ.
ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ކުރަމުންދާ މަޝްވަރާތައް ވިލަރެސް ކުރަނީ މިޞްރާއި ޤަޠަރުން ގުޅިގެންނެވެ. މިޞްރަށް ވައިގެންނެވުމުގެ ކުރިން ބްލިންކަން ވަނީ ޒަޔަނިސްޓު އިސްރާއީލަށް ވަޑައިގަންނަވައި, އެ ޤައުމުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލު ކުރައްވާފައެވެ. އަދި, މުޖާހިދުންނާ އެކު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް ބާރު އަޅުއްވާފައެވެ.
ބްލިންކަނާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމަށް ފަހު ސީސީ ވިދާޅުވީ, ޢުދުވާންތައް ހުއްޓައިލުމުގެ ވަގުތު ޖެހިފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމުގައެވެ. ނޫން ނަމަ, މެދުއިރުމަތީގެ މަސްރަޙު އިތުރަށް ހޫނުވެ, ނުރައްކާތެރި ހަނގުރާމައެއް ފެށުމުގެ ބިރު ހީވަމުންދާ ކަމުގައި ސީސީ ވިދާޅުވިއެވެ. "ޢުދުވާންތައް ހުއްޓައިލުމަކީ, މުޅި ދުނިޔެއިން ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ބަލައިގަތުމުގެ ފެށުމަށް ވާން ޖެހޭނެ. އަދި, ދެ ދަޢުލަތް ގާއިމުކުރުމުގެ ސިޔާސަތު ތަންފީޒު ކުރަން ޖެހޭނެ. ދެމެހެއްޓެނިވި ގޮތެއްގައި ސުލްޙަވެރި ކަން ދެމެހެއްޓޭނީ އެ ގޮތުގެ މަތިން،" ސީސީ ވިދާޅުވިއެވެ.
މިޞްރުގެ ސަލާމަތީ ދާއިރާގެ މަސްދަރުތަކުން ބުނީ, ޢުދުވާން ހުއްޓައިލުމުން އެ ސަރަޙައްދުގައި ސުލްޙަ ބަލަހައްޓަން ބައިނަލްއަޤުވާމީ ފައުޖެއް ފޮނުވަން އެމެރިކާއިން ހުށަހަޅާފައިވާ ކަމުގައެވެ. އަދި, ހަ މަސް ދުވަހުގެ މުއްދަތަކަށް ވުރެ ދިގު ނުކުރާ ނަމަ, އެ ފަދަ ފައުޖެއް އެ ސަރަޙައްދުގައި ހަރަކާތްތެރިވުމަށް މިޞްރުން ރުހޭނެ ކަމަށް ބެލެވޭ ކަމުގައި ވެސް ނަން ހާމަ ކޮށްފައި ނުވާ މިޞްރުގެ އޮފިޝަލުން ބުންޏެވެ.
ޢުދުވާން ހުއްޓުވުމާ ގުޅޭ ގޮތުން އެމެރިކާއިން ހުސްވި ހަފުތާގައި އައު ހުށަހެޅުންތަކެއް ހުށަހެޅިއެވެ. ބްލިންކަން ވިދާޅުވީ, ޔަހޫދީން އެ ހުށަހެޅުންތަކަށް އެއްބަސްވެފައިވާ ކަމުގައެވެ. އަދި, ކުރިއަށް އޮތީ އެ ކަންކަމަށް ޙަމާސް ޖަމާޢަތުގެ ރުހުން ހޯދުން ކަމުގައެވެ. ޤަޠަރުން ވަނީ އެ ހުށަހެޅުމުގައިވާ ކަންކަން ޙަމާސްގެ އިސް އޮފިޝަލުންނާ ހިއްސާ ކޮށްފައެވެ. އެ ހުށަހެޅުންތަކަށް ޙަމާސުން ނޫނެކޭ ބުނެފައި ނުވި ނަމަވެސް, އެއީ ހައްދުފަހަނަ އެޅި ނަތަންޔާހޫ ބޭނުންވާ ގޮތަށް އެމެރިކާއިން ފަރުމާ ކޮށްފައިވާ ހުށަހެޅުންތަކެއް ކަމުގައި ޙަމާސުން ވަނީ ތުހުމަތު ކޮށްފައެވެ.
މަޝްވަރާތައް މެދުކަނޑައިލުމާ ގުޅޭ ގޮތުން ހުސްވި ހަފުތާގައި ޤަޠަރުގެ ވެރިރަށް ދަވްޙާގައި ބައްދަލުވުންތަކެއް ބޭއްވުމަށް ފަހު, ވާހަކަތަކުގެ އައު ބުރެއް މިޞްރުގެ ވެރިރަށް ޤާހިރާގައި ފެށުމަށް މިހާރު ދަނީ ތައްުޔާރުވަމުންނެވެ. މަޝްވަރާތަކަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި ޔަހޫދީ ފައުޖުން ދަނީ ޣައްޒާ ޢުދުވާން އިތުރަށް ފުޅާކޮށް ވަރުގަދަ ކުރަމުންނެވެ. އަދި, މުސްލިމުންގެ ގެދޮރަށް ދެމުންދާ ރަޙުމު ކުޑަ ޙަމަލާތައް އިތުރު ކުރަމުންނެވެ.
ޔަހޫދީ ފައުޖުން ޣައްޒާއަށް އެންމެ ފަހުން ދިން ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އުތުރުގައި އޮތް ޣައްޒާ ސިޓީގެ މަދަރުސާއަކަށެވެ. މުޞްޠަފާ ޙާފިޟް މަދަރުސާއަށް ދިން ޙަމަލާތަކުގައި 12 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ މަދަނީ ރައްކާތެރިކަމާ ބެހޭ އިދާރާއިން ހާމަކުރިއެވެ. އެއީ, ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ސުންނާފަތި ކޮށްލާފައިވާ އެތަކެއް ސަތޭކަ ބަޔަކު ދިރިއުޅެމުންދާ މަދަރުސާއެކެވެ.
2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,173އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 92,857އަށް އުފުލިފައެވެ.