ދުނިޔެ

"ސްކޫލަށްދާ ޢުމުރުގެ މިލިއަނެއްހާ ކުދިން ވަނީ މަގުމަތިވެފައި"


ހަނގުރާމައިގެ ސަބަބުންނާއި ޤުދުރަތީ ކާރިޘާތަކުގެ ސަބަބުން، ސްކޫލަށްދާ އުމުރުގެ އެތައް މިލިއަން ކުދިންގެ މުސްތަޤްބަލް ގެއްލި މަގުމަތިވެފައިވާކަމަށް އިސްތަންބޫލްގައި ކުރިޔަށްދާ އިންސާނިއްޔަތާބެހޭ ބައިނަލްއަޤްވާމީ މަހާސިންތާއިން ހާމަކޮށްފިއެވެ. 

މި މަހާސިންތާގައި ވާހަކަ ދެއްކި ބައެއް އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކުން ބުނީ ހަނގުރާމައިގެ ސަބަބުންނާއި ގުދްރަތީ ކާރިޘާތަކުގެ ސަބަބުން ގެއްލިފައިވާ ކުޑަކުދިން، ހިއުމަން ޓްރެފިކިންގ ނުވަތަ އިންސާނުން ގަނެ ވިއްކުމުގެ ވިޔަފާރިއާއި އިންސާނުން އަޅުވެތިކޮށްގެން ހިންގާ ޖިންސީ ވިޔަފާރިފަދަ ޣައިރު ގާނޫނީ ހަރަކާތްތަކުގެ ޝިކާރައަކަށް ވުމުގެ ފުރުސަތު ބޮޑުކަމަށެވެ.

އިންސާނިއްޔަތާބެހޭ މަހާސިންތާގައި ވާހަކަ ދެއްކި ޖަމްއިއްޔާ ޖަމާއަތްތަކުގެ ވެރިންގެ ތެރެއިން އިނގިރޭސިވިލާތުގެ "ވޯ ޗައިލްޑް ޔޫކޭ" ޖަމްއިއްޔާގެ ސީއީއޯ ރޮބް ވިލިއަމްސް ވިދާޅުވީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކަކީ ކުޑަކުދިންނަށާއި އެކުދިންގެ މުސްތަގްބަލަށް ކާރިޘާތައް ގެނުވާފައިވާ ހަނގުރާމަތަކެއް ކަމަށެވެ. ޚާއްސަކޮށް ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގެ ގެއްލުން އެގައުމުގެ ކުޑަކުދިންނަށް ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14642423073322.jpg|ހަނގުރާމައިގައި ހަރަކާތްތެރިވާ ކުޑަކުއްޖެއް /

" ސޫރިޔާގެ ހަނގުރާމަ ހިމެނޭގޮތަށް ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ހިނގަމުންދާ ހަނގުރާމަތަކަކީ ކުޑަކުދިންނަށް ބޮޑު ކާރިސާއެއް، ބޮމުގެ ޙަމަލާތަކުން ގެދޮރު ދޫކޮށް ރެފިއުޖީންގެ ގޮތުގައި ފިލާފައިވާ ފަސްދޮޅަސް މިލިއަން މީހުންގެ ތެރެއިން ދެބައި ކުޅަ އެއްބަޔަކީ ކުޑަކުދިން އެއީ ތިރީސް މިލިޔަން ކުޑަކުދިން، ހަނގުރާމަ ހިނގާ ތަންތަނުގައި އުޅޭ ކުޑަކުދިންނަކީ އެމީހުންގެ އަމިއްލަ ނަފްސު ދިފާއު ކުރެވޭ ވަރަށްވުރެ އުމުރުން ހަނގު ނިކަމެތި ބައެއް، އަދި މިފަދަ ކުޑަކުދިންނަކީ ޖިންސީގޮތުން އަޅުވެތިކުރުމާއި ހަނގުރާމަވެރި ޖަމާޢަތްތަކުން އެކުދިން ވަގަށްނެގުމުގެ ނުރައްކަލާ ކުރިމަތިލާންޖެހޭ ބައެއް." "ވޯ ޗައިލްޑް ޔޫކޭ" ޖަމްއިއްޔާގެ ސީއީއޯ ރޮބް ވިލިއަމްސް ވިދާޅުވިއެވެ. 

އިސްތަންބޫލްގައި ކުރިޔަށްދާ އިންސާނިއްޔަތާބެހޭ މަހާސިންތާގައި ވާހަކަ ދައްކަވަމުން އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވިދާޅުވީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އިންސާނިއްޔަތަށް މިހާބޮޑު ކާރިޘާތަކެއް ކުރިމަތިވެފައިވާ ދުވަސްވަރެއް އަދި ނާންނަކަމަށެވެ. މިގޮތުން ދާޚިލީ ހަނގުރާމަތަކާއި ގުދްރަތީ ކާރިސާތަކުގެ ގެއްލުންތަކާ ކުރިމަތލާންޖެހިފައިވާ ސަތޭކަ ތިރީސް މިލިޔަން އިންސާނުން ދުނިޔޭގައި އެބަތިބި ކަމަށާ އެމީހުން އުޅެމުންދަނީ ވަރަށް ނިކަމެތި ޙާލުގައިކަން ބާންކީމޫން ސިފަކުރެއްވިއެވެ. 

img:http://s3.psmnews.mv/images/660x400/14642423261803.jpg|ރެފިއުޖީ ކޭމްޕެއްގައި އުޅޭ ކުދިންތަކެއް /

މީގެތެރެއިން ފަސްދޮޅަސް މިލިއަން މީހުންނަކީ ހަނގުރާމައާއި ކާރިސާތަކުގެ ސަބަބުން ގެދޮރު ހަލާކުވެ މަގުމަތިވެ ހާލުގައި ޖެހިފައިވާ މީހުންކަން ބާންކީ މޫން ފާހަގަ ކުރެއްވިއެވެ. ދުނިޔޭގެ އެކިގައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކާ ގުޅިގެން ފާއިތުވި ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ވިލާތުގެ ގައުމުތަކަށް ހިޖުރަކޮށްފައިވާ ދޮޅު މިލިޔަނެއްހާ ރެފިއުޖީންގެ ތެރެއިން ދިހަ ހާސް ކުޑަކުދިންނަކީ އެކުދިންގެ މައިން ބަފައިން ގެއްލި ޔަތީމްވެފައިވާ ކުދިންނެވެ. 

އިންސާނިއްޔަތާބެހޭ މަހާސިންތާގައި ވާހަކަ ދެއްކި ޖަމްޢިއްޔާ ޖަމާއަތްތަކުގެ ވެރިންނާއި މަންދޫބުން ވިދާޅުވީ ހަނގުރާމަތަކުގެ ސަބަބުން ދުނިޔެއިން ޖީލެއްގެ ކުޑަކުދިން ގެއްލިގެން ހިނގައްޖެކަމަށާ މިއީ އިންސާނީ ބޮޑު ކާރިޘާއެއްކަމަށެވެ. ހަނގުރާމަތަކުގެ ސަބަބުން ގެދޮރުގެއްލި ހާލުގައިޖެހި ޔަތީމްވެފައިވާ ކުޑަކުދިން ތައުލީމާއި ސިއްޙަތާއި އެނޫންވެސް އިންސާނުންނަށް ބޭނުންވާ އަސާސީ ކަންކަމުން މަހްރޫމްވެފައިވާ މިންވަރު އިންސާނިއްޔަތާބެހޭ މަހާސިންތާއަށް ހުށަހަޅާފައިވާ ރިޕޯޓްތަކާއި ކަރުދާސްތަކުން ހާމަވެފައިވެއެވެ. އަދި ހާލުގައި ޖެހިފައިވާ މިފަދަ ބައެއް ކުދިން ޖިންސީ ވިޔަފާރިއާއި ގޭންތަކުގެ ދަލުގައި ޖެހިފައިވާއިރު އަނެއްބައިކުދިން ހަރުކަށި ޖަމާއަތްތަކުގެ ޝިކާރައަކަށްވެ ހަނގުރާމަތަކުގެ ދަރުގެ ގޮތުގައި އެކުދިން ބޭނުން ކުރަމުން ގެންދާކަމަށާ މިއީ މުޅި ދުނިޔެ ލަދުގަންނަންޖެހޭ ވަރުގެ ބޮޑު ކާރިސާއެއްކަމަށް އެ ފަދަ ޖަމްއިއްޔާ ޖަމާއަތްތަކުން ސިފަކޮށްފައިވެއެވެ.